ދިވެހި ފަނޑިޔާރުންނަށް އިންޑިއާގައި ތަމްރީނު ޕްރޮގްރާމެއް ކުރިއަށްގެންދަނީ

ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ (އެންޖޭއޭއައި) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން އޮފް މޯލްޑިވްސް (ޖޭއެސްސީ) އާއި ގުޅިގެން ދިވެހި ފަނޑިޔާރުންނަށް އަމާޒުކޮށްގެން އިންޑިއާގައި ފަސް ދުވަހުގެ ޓްރެއިނި...

11 Dec 2022 | 07:32

ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ (އެންޖޭއޭއައި) އާއި ޖުޑީޝަލް ސާވިސް ކޮމިޝަން އޮފް މޯލްޑިވްސް (ޖޭއެސްސީ) އާއި ގުޅިގެން ދިވެހި ފަނޑިޔާރުންނަށް އަމާޒުކޮށްގެން އިންޑިއާގައި ފަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ޖޭއެސްސީން ބުނީ މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 12–16 އަށް އިންޑިއާގެ ބޯޕާލުގައި ކަމަށެވެ.

މި ޕްރޮގްރާމްގައި އިންޑިއަން ޖުޑިޝަރީ، ކޮންސްޓިޓިއުޝަނަލް ވިޝަން އޮފް ޖަސްޓިސް، އެލިމެންޓްސް އޮފް ޖުޑީޝަލް ބިހޭވިއާ، ޖަޖިންގް ސްކިލްސް، ކޯޓް މެނޭޖްމަންޓް އެންޑް ކޭސް މެނޭޖްމަންޓް އަދި އައިސީޓީ މެދުވެރިކޮށް ޖުޑީޝަލް ޕްރޮސެސްތައް ރީ އިންޖިނިއަރިން ކުރުމާއި ބެހޭ ގިނަ ތަމްރީނުތަކެއް ފަނޑިޔާރުންނަށް ލިބިގެންދާނެ ކަމަށް ޖޭއެސްސީން ހާމަކުރެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވުމަށް 49 ފަނޑިޔާރުން އިންޑިއާގެ ބޯޕާލަށް ދިއުމަށް ހަމަޖެހިފައިވާއިރު، މީގެ ތެރޭގައި އަތޮޅުތަކުގެ 33 މެޖިސްޓްރޭޓުން ހިމެނޭހެން ސުޕީރިއާ ކޯޓުގެ 14 ފަނޑިޔާރުންނާއި ހައިކޯޓުގެ ދެ ފަނޑިޔާރުން ހިމެނޭކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.

މީގެ އިތުރުން ޖޭއެސްސީން ބުނީ ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓްރެއިނިންގ ޕްރޮގްރާމްގައި އިންޑިއާއަށްދާ ފަނޑިޔާރުންގެ ތެރޭގައި ހަ އަންހެން ފަނޑިޔާރުންވެސް ހިމެނޭކަމަށެވެ.

ޖޭއެސްސީން ބުނީ މިއީ ބޯޕާލްގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީގެ ކެމްޕަހުގައި ކުރިއަށްގެންދާ ދިވެހި ފަނޑިޔާރުންގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. އެންޖޭއޭއައި އިން ވަނީ މިޔަންމާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގެ ފަނޑިޔާރުންނަށް ވެސް މިފަދަ ތަމްރީނުތައް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް