ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އިންގްލެންޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް ޖާގަ ކަށަވަރުކޮށްފިއެވެ.
އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފްރާންސުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއިންނެވެ.
ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ފްރާންސް ޓީމުންނެވެ. ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ފްރާންސްއަށް ލީޑު ނަގައިދިން މި ލަނޑު ކާމިޔާބު ކޮށްދިނީ އޮއޭލިއަން ޗުއަމެނީއެވެ. އޭނާ މި ލަނޑު ޖެހީ ދުރުން ފޮނުވާލި ބާރު ބޯޅަ އެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.
ފްރާންސްއިން ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ދެވަނަ ހާފަށް ކުޅެން އަރައި އިންގްލެންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 54 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން އިންގްލެންޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ކެޕްޓަން ހެރީ ކޭންއެވެ.
މި ލަނޑަށް ފަހުވެސް އިންގްލެންޑަށް ނަތީޖާ އަނބުރާލަން ރަނގަޅު ފުރުސަތެއް ލިބުނުއިރު، ހެރީ މެގުއާ ބޮލުން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ފްރާންސަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ ޖިރޫޑެވެ. އެއީ ގްރީޒްމަން ނަގައިދިން ހުރަހެއް ބޮލުން ޖަހާ ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގައި ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރުމަށް އިންގްލެންޑަށް ޕެނަލްޓީއެއް ލިބުނެވެ. ނަމަވެސް ހެރީ ކޭން ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާއި އަމާޒުނުވެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
ރޭގެ މެޗުން މޮޅުވެ ސެމީއަށް ދިޔަ ފްރާންސް ސެމީ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ ޕޯޗުގަލް އަތުން މޮޅުވި މޮރޯކޯއާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް