ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވޯޓާ އެއިރޯޑްރޯމް ސަރަހައްދުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ސީޕްލޭނެއްގެ ކަނދެއް ބިނދިގެން ބޯޓު އަރިއަޅާލައި، ކަނދުމަތީގައި މަސައްކަތްކުރި ކްރޫއަކަށް މިއަދު މެންދުރުފަހު އަނިޔާވެއްޖެއެވެ.
ބައެއް މީޑިއާތަަކަށް މަޢުލުމާތުދެމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ޓެކްސީ ކުރަމުން ދަނިކޮށް މެންދުރުފަހު ގާތްގަނޑަކަށް 14:25 ހާއިރު ހިނގި މި ހާދިސާގައި އަނިޔާ ލިބުނު ކްރޫ މިހާރު ހުޅުމާލޭ ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށެވެ. ނަމަވެސް ލިބުނީ ސީރިއަސް އަނިޔާއެއް ނޫން ކަމަށް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
"މިހާރު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ވަނީ ފަށާފައި. ސީރިއަސް އަނިޔާއެއްވި ކަމަކަށް ނުބެލެވޭ،" އެމްއޭސީއެލްގެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
ޓީއެމްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި އެންމެހައި ފަސިންޖަރުންނާއި ކްރޫން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ އެއާލައިނުން ބުނީ ހާދިސާ ހިނގި ސަބަބު ތަހުގީގުކޮށް، ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ކަނދެއް ބިނދައިގެން ދިއުމުން ބޯޓަށް ކޮންމެވެސް ވަރަކަށް ލޮނު ވެސް ވަދެފައިވެއެވެ.
އެމްއޭސީއެލްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހާދިސާ ހިނގުމާ އެކު އެ ކުންފުނީގެ އެއާޕޯޓް އިމަޖެންސީ ސާވިސަސް (އޭއީއެސް)ގެ ޓީމުތައް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
"އަދި ހަމައެއާއެކު، ހާދިސާއާ ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ އެންމެހައި ފިޔަވަޅުތައް އެޅިފައިވާކަން ފާހަގަކުރަމެވެ،" އެމްއޭސީއެލްގެ ބަޔާނުގައި ބުނެފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ވެސް ވޯޓާ އެއިރޯޑްރޯމުގެ ހިދުމަތްތައް މެދުނުކެނޑި އާންމު އުސޫލުން ކުރިއަށްދާ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް