ޢިރާގުގެ ކުރީގެ މަޖިލީސް މެމްބަރަކު ލުބުނާނުގައި އެޕާޓްމެންޓެއްގެ ތެރޭގައި މަރާލަފަ އޮއްވަ ފެނިއްޖެ

11 Nov 2026 | 13:08
އަޙުމަދު އަލް ޢަލްވާނީ --

އަޙުމަދު އަލް ޢަލްވާނީ --

ޢިރާޤުގެ ކުރީގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އަޙުމަދު އަލް ޢަލްވާނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ އެޕާޓްމެންޓެއްގެ ތެރޭގައި މަރުވެފައި އޮއްވައި ރޭ ފެނިއްޖެއެވެ.

ބެއިރޫތުގެ ޠާރިޤް އަލް ޖަދީދާ އަވަށުން އަލް ޢަލްވާނީގެ ހަށިގަނޑު ފެނުނީ އަންގާރަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް ލުބުނާނުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. ލުބުނާނުގެ އެންމެ އިސް ޕްރޮސެކިއުޓަރު ޖަޖް އަޙުމަދު ރާމީ އަލް ޙައްޖު މި މައްސަލައިގެ ތަޙުޤީޤު ސީދާ ބައްލަވަމުން ގެންދަވާ ކަމަށް ލުބުނާނުގެ ރަސްމީ ނޫސް އެޖެންސީ (އެންއެންއޭ) އިން ބުނެފައިވެއެވެ. ތަޙުޤީޤު ހިންގަނީ ލުބުނާނުގެ ދާޚިލީ ސަލާމަތީ ބާރުތަކުގެ އިންފޮމޭޝަން ބްރާންޗުންނެވެ.

Advertisement

ލުބުނާނުގެ ޖުޑީޝަލް މަސްދަރަކާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ފުރަތަމަ ފެނުނު ހެކިތަކަށް ބަލާއިރު އަލް ޢަލްވާނީ މަރާލީ ކަރުގައި ހިފައިގެން ކަމަށް ބެލެވެ އެވެ. މި ކަމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ލުބުނާނުގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށާއި، ސީރިއާގެ ދެ މީހަކު ފިލައިގެން އުޅޭތީ އެ ދެ މީހުން ހޯދަމުންދާ ކަމަށް ވެސް އެ މަސްދަރުން ބުނެފައިވެއެވެ.

ތުހުމަތުކުރެވޭ މީހުންނަކީ މިދިޔަ ހަފުތާގައި އަލް ޢަލްވާނީ ބެއިރޫތަށް އައިސް ފޭބި ވަގުތު އެއާޕޯޓުން ހޮޓަލަށް ގެންގޮސްދިން ބައެއް ކަމަށް ވެސް ބުނެފައިވެއެވެ.

އެކްސްގައި ޝާއިޢުކުރި ބަޔާނެއްގައި އަލް ޢަލްވާނީގެ އޮފީހުން މި މަރު ސިފަކުރީ "އެސެސިނޭޝަން" އެއް އަދި "ޣައްދާރު ޖަރީމާ" އެއްގެ ގޮތުގައެވެ. "މިއީ ތަޢުޒިޔާ ކިޔައި ކުށްވެރިކޮށްލައިގެން ހަނދާން ނައްތާލެވެން އޮތް ކަމެއް ނޫން ކަމަށާއި މިއީ ރަސްމީ ހަރުދަނާ ޖަވާބެއް ބޭނުންވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސުންނީ ސިޔާސީ ބޭފުޅެއް ކަމުގައިވާ އަލް ޢަލްވާނީ ތަމްސީލުކުރެއްވީ ޢިރާޤުގެ ހުޅަނގުގެ އަންބާރު ޕްރޮވިންސެވެ. އޭނާ ސިޔާސީ ގޮތުން ފާހަގަކުރެވުނީ 2012 އަދި 2013 ވަނަ އަހަރު ޝީޢީ ސަރުކާރާ ދެކޮޅަށް ހިނގި މުޒާހަރާތަކުގެ ތެރެއިންނެވެ.

ޢީރާނުގެ ނުފޫޒާއި ޢީރާނު ތާއީދު ކުރާ ޝީޢީ ހަތިޔާރު އެޅި ޖަމާޢަތްތަކަށް ވެސް އޭނާ ފާޅުގައި ފާޑުކީއެވެ. ޑިސެމްބަރު 2013 ގައި ރަމާދީގައި ހުރި އޭނާގެ ގެއަށް ސަލާމަތީ ބާރުތަކުން ވަދެ އޭނާ ހައްޔަރުކުރިއެވެ. އެ ރެއިޑުގައި އޭނާގެ އެއްބަނޑު އެއްބަފާ ބޭބެއާއި އެހެން ބަޔަކު މަރުވިއެވެ. 2014 ވަނަ އަހަރު "ޓެރަރިޒަމް"ގެ ކުށުގައި މަރުގެ ޙުކުމް އިއްވުނެވެ. ނަމަވެސް ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ޖަލުގައި ބެހެއްޓުމަށްފަހު ޢިރާޤުގެ ޢާންމު ޢަފޫ ޤާނޫނުގެ ދަށުން 2025 ވަނަ އަހަރުގެ އެޕްރީލް މަހު އޭނާ ދޫކޮށްލާފައިވެއެވެ.

ޢިރާޤުން ލުބުނާނަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު ރިޟާ އަލް ޙުސައިނީ ވިދާޅުވީ ޢިރާޤު އެމްބަސީން މި މައްސަލަ ގާތުން ބަލަމުންދާ ކަމަށާއި، ލުބުނާނުގެ ސަލާމަތީ އިދާރާތަކުގެ ފައިނަލް ރިޕޯޓަށް އިންތިޒާރުކުރަމުންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް