ފޮޓޯ: ދިރާގު
ދިރާގުގެ މުވައްޒަފުންނަށް އަމާޒުކޮށް މުޖުތަމަޢަށް ފައިދާ ހުރި ޚިޔާލުތައް ހުށަހެޅުމަށް ފެށި "ޕިޗް ފޯ ޕަރޕަސް" ޕްރޮގްރާމުގެ ފުރަތަމަ ބުރުން އެންމެ ރަނގަޅު ތިން ޕްރޮޖެކްޓް އެ ކުންފުނިން ހޮވައިފިއެވެ.
މި ޕްރޮގްރާމަކީ މުވައްޒަފުން އިސްނަގައިގެން، އެ މީހުންނާ އެންމެ ގާތް އިޖުތިމާޢީ ދާއިރާތަކުގައި ޢަމަލީ ގޮތުން ހަރަކާތްތެރިވުމުގެ ފުރުޞަތު ހޯދައިދިނުމަށް ދިރާގުން ފަރުމާކުރި ފުރަތަމަ ސީއެސްއާރު ޕްލެޓްފޯމެވެ. ޖުމުލަ 20 ޓީމަކުން ބައިވެރިވެ، 15 ޕްރޮޕޯޒަލް ހުށަހެޅިއެވެ.
ފައިނަލް ޕިޗް އިވެންޓަށް ފަހު ހޮވުނީ ތިން މަޝްރޫޢެކެވެ. ފުރަތަމައީ "އީއޯސީ ރިޕްލް އިފެކްޓް" ޕްރޮޖެކްޓެވެ. މިއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ޑިޖިޓަލް ވަސީލަތްތައް ފޯރުކޮށްދީ، ކޮންޓެންޓް އުފެއްދުމުގެ ހުނަރު ދަސްކޮށްދިނުމަށް ރާވާފައިވާ ޕްރޮގްރާމެކެވެ.
ދެވަނައީ "ރޯޑްވައިޒް ކޮމިއުނިޓީ ޓީމް" ގެ މަޝްރޫޢެވެ. މީގެ ބޭނުމަކީ މަގުމަތީގެ ރައްކާތެރިކަމާ މެދު ހޭލުންތެރިކަން އިތުރުކޮށް، ޒިންމާދާރު އާދަތައް ހަރުލެއްވުމެވެ.
ތިންވަނައީ "އޮޑިސީ – ދަ ލިވިންގް ކެންވަސް އެންޑް ގްރޯތް ސްކޮޑް" ގެ ނަމުގައި ހިންގާ ތިމާވެށީގެ ޕްރޮޖެކްޓެވެ. މި މަޝްރޫޢުގެ ތެރެއިން ތިމާވެށީގެ މަޢުލޫމާތު އައު ގޮތްތަކަށް ފެތުރުމާ އެކު ރާއްޖޭގެ ކަނޑޫފާތައް ހިމާޔަތްކުރުމަށް ވަނީ ރާވައިފައެވެ.
ހޮވުނު ތިން ޓީމުން ކުރިއަށް އޮތް މަސްތަކުގައި އެ މަޝްރޫޢުތައް ޢަމަލީ ގޮތުން ހިންގުމަށް ތައްޔާރަށް ތިބި ކަމަށް ދިރާގުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް