އިރާންގެ ވެރިރަށް ތެހެރާނުގައި ހިކި މޭވާއާއި ފޮނި ކާތަކެތި ވިއްކާ ފިހާރައެއްގެ ވެރިމީހާ އިސްތިއުމާރީ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވައްތަރުވެގެން، އީރާނާއި ޢަރަބި ސޯޝަލް މީޑިއާގައި ފުޅާ ދާއިރާއެއްގައި އެ ވާހަކަ ފެތުރިއްޖެއެވެ.
އެ ފިހާރައިގެ ތެރޭގައި ކައްޓާ ކައިރީ އިށީނދެ އިން ވީޑިއޯއެއް ފެތުރެން ފެށީ ބެލި ފަރާތްތަކަށް، ބޮލުގެ އިސްތަށީގެ ސްޓައިލާއި މޫނުގެ ބައްޓަމާއި ހަރަކާތްތައް ނަތަންޔާހޫއާ ވައްތަރުކަން ފާހަގަވުމުންނެވެ. އޭގެ ފަހުން އެ ފިހާރަވެރިޔާގެ އިތުރު ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދައުރުވެފައިވާ އިރު، ހުރިހާ ވީޑިއޯއަކުން ވެސް އެ ވައްތަރުކަން ސާފުކޮށް ފާހަގަވެއެވެ.
ވީޑިއޯ ފެތުރެން ފެށުމާ އެކު ބައެއް ފަރާތްތަކުން ފިހާރައިގެ ތަން އޮޅުންފިލުވަން މަސައްކަތްކުރި އިރު، ގިނަ ބަޔަކު ޖޯކު ޖެހުމާއި މަލާމާތުގެ ކޮމެންޓުތައް ކޮށްފައިވެއެވެ. ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން، ނަތަންޔާހޫއާ ވައްތަރުވާތީ އެ ފިހާރައިން އެއްޗެހި ނުގަތުމަށް ބައެއް މީހުން ގޮވައިލާފައިވެއެވެ. އެ ރިޕޯޓުތައް ބުނާ ގޮތުން، ވީޑިއޯއާ ފޮޓޯ ޥައިރަލް ޥާންފެށުމުން ފިހާރައިގެ ވިޔަފާރިއަށް ވެސް ގެއްލުން ލިބިފައިވާ ކަމަށާއި، ފިހާރަވެރިޔާ ބުނި ކަމަށް ބެލެވެނީ މި ކަމާ ހެދި މިހާރު އުންމީދު ވެސް ކެނޑިފައިވާ ކަމަށެވެ.

ޢަރަބި މީޑިއާގައި ޝާއިޢުކުރި ރިޕޯޓުތަކަށް ބަލާއިރު، މިއީ ފިހާރައެއް ތެރޭގައި ނަގާފައިވާ އަސްލު ފޮޓޯ/ވީޑިއޯއެއް ކަމަށް ބެލެވެއެވެ. ނަމަވެސް ވީޑިއޯގެ އަސްލު މަސްދަރާއި، ނެގި ތާރީޚާއި، ފިހާރަވެރިޔާގެ ޒާތީ މަޢުލޫމާތު މިނިވަންކޮށް ކަށަވަރުކުރެވިފައެއް ނުވެއެވެ.
އީރާނާއި އިސްތިއުމާރީ އިޒްރޭލާ ދެމެދު އޮތް ނުތަނަވަސްކަމުގެ ސަބަބުން، އީރާނުގެ ޢާންމު މީޑިއާ މަޝްރަޙުގައި އިޒްރޭލާ ގުޅުން ހުރި ކޮންމެ ކަމަކީ ހޫނު ބަހުސެއް އުފެދޭ މައުޟޫޢެކެވެ. ސިޔާސީ ވެރީންނާ ވައްތަރު ވެގެން ކުރީގައި ވެސް އީރާނުގެ އިންޓަނެޓުގައި ވައިރަލް ޖޯކުތައް ފެތުރިފައިވީ ނަމަވެސް، މި ފަހަރު ވާހަކަ މަޖާ ކަންކަމުން ފެށި، ފިހާރަ ބޮއިކޮޓް ކުރުމާ ހަމައަށް ގޮސްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް