ސަރުކާރު ބަންދު ދުވަސްތަކެއް ނަމަވެސް މިއަދާއި މާދަމާ މާލެ، ހުޅުމާލެ އަދި އައްޑޫގައި ގާއިމުކޮށްފައިވާ އިމިގްރޭޝަން އޮފީސްތައް ހުޅުވައި ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ނިންމައިފިއެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ސަރުކާރު ބަންދުކުރި ނަމަވެސް، ރައްޔިތުންނަށް ޕާސްޕޯޓުގެ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ތިން ސަރަހައްދެއްގައި ހިދުމަތް ދެމެހެއްޓުމަށް ހަމަޖައްސައިފައެވެ. އޭގެ އިތުރުން، އިމުގާ ޕޯޓަލް މެދުވެރިކޮށް ދުވަހުގެ 24 ގަޑިއިރު ޕާސްޕޯޓަށް އޮންލައިންކޮށް ހުށަހެޅޭނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާ ގަޑިތައް ކޮންމެ އޮފީހަކަށް ތަފާތެވެ. މާލެ އޮފީހުން ހެނދުނު 9:00 އިން މެންދުރުފަހު 16:00 އަށް ނަންބަރު ލިބޭއިރު، ހުޅުމާލޭ އޮފީހުން ހެނދުނު 08:30 އިން މެންދުރުފަހު 16:00 އަށް ނަންބަރު ދޫކުރެއެވެ. އައްޑޫ އޮފީހުން ނަންބަރު ދޫކުރާނީ ހެނދުނު 08:30 އިން ހަވީރު 17:00 އާ ހަމައަށެވެ.
މެޑިކަލް އެމަރޖެންސީ ފަދަ ކުއްލި ހާލަތެއް ދިމާވެއްޖެ ނަމަ 9555333 އަށް ގުޅައިގެން ވެސް ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މި އިންތިޒާމުތައް ހަމަޖައްސާފައި ވަނީ މިއަދާއި މާދަމާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް