މީރާގެ އިސްވެރިން -- ފޮޓޯ: މީރާ
ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި ވިޔަފާރީގެ ބާވަތަށް ނުބަލައި ހުރިހާ ފަރާތެއްގެ މެދުގައި ހަމަހަމަ އުސޫލަކުން ޢަމަލުކުރަމުންދާ ކަމަށް މޯލްޑީވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ )މީރާ( އިން މިއަދު ބުނެފިއެވެ.
މީރާއިން މިހެން ބުނެފައި މިވަނީ އިއްޔެ އޮތް ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ގަވަރުނަރު އަހުމަދު މުނައްވަރު ދެއްކެވި ވާހަކައަށް ރައްދުދީ ނެރުނު ބަޔާނެއްގައި އެވެ. މުނައްޒަރު ވިދާޅުވީ ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް ހޯދުމަކީ ޓެކްސް އިދާރާ، މީރާގެ ޒިންމާއެއް ކަމަށް ވިޔަސް އެ ޓެކްސް ނުދައްކާ ރިސޯޓްތައް ގިނަ އެވެ.
އެ ބައްދަލުވުމުގައި ގަވަރުނަރު ވިދާޅުވީ ޓޫރިޒަމް އިންޑަސްޓްރީއަށް އަހަރަކު 5.9 ބިލިއަން ޑޮލަރު ލިބޭއިރު ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަނީ އޭގެ ތެރެއިން 3.8 ބިލިއަން ޑޮލަރު ކަމަށެވެ. ރާއްޖެއަށް ލިބޭ ކޮންމެ ޑޮލަރެއް ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަންޖެހޭ ކަމަށާއި އެކަން ކުރުމަށްޓަކައި މިހާރު ވަރަށް ބޮޑަށް މޮނިޓާ ކުރަމުން ގެންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ވާހަކަތަކާއި ގުޅިގެން މީރާއިން ނެރެުނު ބަޔާނެއްގައި ބުނެފައިވަނީ ޓެކްސް ނެގުމުގެ ޒިންމާ އަދާކުރުމުގައި ވިޔަފާރީގެ ބާވަތާއި ކުޑަބޮޑުމިނަށް ބެލުމުގެ ބަދަލުގައި ހުރިހާ ފަރާތްތަކުގެ މެދުގައި ޤާނޫނު ހަމަހަމަކޮށް ތަންފީޒުކުރުމަކީ މީރާއިން ފެށުނީއްސުރެންވެސް ޢަމަލުކުރަމުންދާ އުސޫލު ކަމަށެވެ.
ޓެކްސް ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސް ސިޔާސަތުތައް ހިންގުމާއި ދައުލަތަށް ނެގުމަށް ކަނޑައެޅިފައިވާ ހުރިހާ ޓެކްސްއެއް ބެލެހެއްޓުމަކީ އެ އޮތޯރިޓީގެ މައިގަނޑު މެންޑޭޓެވެ. ޓެކްސް ދައްކާ ފަރާތްތަކުން ހިސާބުކުރާ ގޮތް ޤާނޫނާ އެއްގޮތްތޯ ބެލުމާއި، ޓެކުހުގެ ޒިންމާ ފުރިހަމައަށް އަދާކުރާކަން ޔަގީންކުރުމަކީ ޤާނޫނީ ގޮތުން މީރާއަށް ލާޒިމުވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މީރާއިން ފާހަގަކުރި ގޮތުގައި، މި ހުރިހާ މަސައްކަތެއް ހިންގަނީ ސްޓްރެޓެޖިކް ޕްލޭނެއްގެ ދަށުން، ޢާންމުކޮށްފައިވާ ކޮމްޕްލަޔަންސް އިމްޕްރޫވްމަންޓް ޕްލޭނަކާ އެއްގޮތަށެވެ.
އޮޑިޓް ކުރާނެ ފަރާތްތައް ކަނޑައެޅުމުގައި ގެންގުޅެނީ ރިސްކް ބޭސްޑް ކޮމްޕްލަޔަންސް ރިސްކް މެނޭޖްމަންޓް އޮނިގަނޑެއް ކަމަށް މީރާއިން ބުނެފައިވެއެވެ. ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކާއި އެ ނޫން ދާއިރާތަކުގެ ވިޔަފާރިތައް ވެސް ހަމަހަމަ އުސޫލުން އޮޑިޓް ކުރަމުންދާ ކަމަށާއި، އާމްދަނީގެ ބޮޑު އިންސައްތައެއް ޓޫރިޒަމް ދާއިރާއިން ލިބޭކަން ވެސް އެ އޮތޯރިޓީން ފާހަގަކޮށްފައިވެއެވެ.
ޓެކްސް ނިޒާމުގެ ތެރެއިން ކުދި ވިޔަފާރިތަކަށް ހިސާބު ބެލެހެއްޓުމާއި، އޮޑިޓް ކުރުމާއި ބަޔާން ހުށަހެޅުމުގެ ލުއިތަކެއް ހަމަޖައްސައިދީފައިވާ ކަމަށް މީރާއިން ބުނެފައިވެއެވެ. ވިޔަފާރިތަކާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދީގެން ކޮމްޕްލަޔަންސް އިތުރުކުރުމަށް މީރާގެ މަސައްކަތް ބައްޓަންކޮށްފައިވީ ނަމަވެސް، ގަސްދުގައި ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ފިޔަވަޅު އަޅަމުންދާ ކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް