ކްރިމިނަލް ކޯޓޫ -- ފޮޓޯ: ރައީސް އޮފީސް
ރަސްފަންނު ގޮނޑުދޮށުން ދަބަހެއް ވަގަށް ނެގި މައްސަލައިގައި ކުރި 4،200 ރުފިޔާގެ ޖޫރިމަނާ ނުދައްކައިގެން، މީހަކު 21 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފި އެވެ.
މިމަހުގެ ނުވަ ވަނަ ދުވަހު އެ ހުކުމް ކުރީ ސ. ހިތަދޫ މިސްރުގަނދަކޯޅިމާގޭ، ޢަލީ ވަޙީދުގެ މައްޗަށެވެ.
ޖަލު އަދަބު ތަންފީޒުކުރަން ކޯޓުން އެންގީ މިދިޔަ ފެބްރުއަރީ 24 ވަނަ ދުވަހު ހެނދުނު 11:00 ހާއިރު، ރަސްފަންނު ގޮނޑުދޮށުގައި ގަހެއްގައި އަޅުވާފައި ހުރި ދަބަހެއް، އޭގެ ވެރިމީހާ މޫދަށް އެރި އޮއްވަ ޢަލީ ވަޙީދު ވަގަށް ނެގުމުންނެވެ. އޭގައި އޮތް ނޮކިއާ ފޯނަކާއި ފަސް ރުފިޔާ އާއި ކޭޝް ކާޑެއް އޮތް ކަމަށްވެ އެވެ.
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމުން، ޝަރީޢަތުގައި އޭނާ ވަނީ ކުށަށް އިޢުތިރާފުވެފައެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ޖޫމް މަހުގެ ހަތަރު ވަނަ ދުވަހު ޙުކުމް ކުރީ ޖޫރިމަނާގެ ގޮތުގައި 4،200 ރުފިޔާ ތިން މަސް ތެރޭ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށެވެ.
އެ މުއްދަތު ހަމަވިއިރު ޖޫރިމަނާގެ އެއްވެސް މިންވަރެއް ދައްކާފައި ނުވާ ކަމަށް ދައުލަތުން ކޯޓުގައި ބުންޏެވެ. އެހެންކަމުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދުނީ އެ މައްސަލައިގައި ކުރިން ކަނޑައެޅި އަސްލީ އަދަބު ތަންފީޒުކުރަން ފެށުމުގެ އަމުރެއް ނެރެދިނުމަށެވެ.
ކްރިމިނަލް ކޯޓުން ޖޫރިމަނާގެ އަދަބު މުރާޖަޢާކުރުމަށްފަހު ނިންމީ، ޢަލީ ވަޙީދު ތަންފީޒުކުރަންޖެހޭ އަދަބަކީ އަސްލީ އަދަބު ކަމުގައިވާ 21 ދުވަހުގެ ޖަލު ޙުކުމް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް