އަދާލަތު ޕާޓީގެ އިސްވެރިންތަކެއް -- ފޮޓޯ: އަދާލަތު ޕާޓީ
ރާއްޖޭގައި ވަކި ސަރަހައްދުތަކެއް ހަދައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ދޭގޮތަށް އެއްވެސް މަޝްރޫއުއެއް ކުރިޔަށް ނުގެންދިއުމަށް އަދާލަތު ޕާޓީން ގޮވާލާއިފި އެވެ.
އަދާލަތު ޕާޓީން ރޭ ވަރަށް ލަސްވި ފަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބޭރު މީހުން ދިރިއުޅޭނެ ވަކި ސަރަހައްދުތަކެއް އުފެދޭނެ ގޮތަށް މަޝްރޫއުތައް ހިންގުމަކީ ދިވެހިންގެ ދީނީ އެއްބައިވަންތަކާއި އާންމު މަސްލަހަތަށް ބުރޫއަރާނެ ކަމެއް ކަމަށެވެ. އެފަދަ މަޝްރޫއުތަކުން ދިވެހި ސަގާފަތާއި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށެވެ.
އެ ޕާޓީން ބުނީ އިންޓަނޭޝަނަލް ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގުމުގައި އަމާޒު ކުރަންވާނީ ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ދިރިއުޅޭވަކި ސަރަހައްދެއް އުފެއްދުމަށް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އެފަދަ ފަރާތްތަކުން ޗުއްޓީ ހޭދަ ކުރުމަށް ބޭނުން ކުރާ ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްގީ ކުރުމަށް ކަމަށް ގަބޫލު ކުރާ ކަމަށެވެ،.
އެފަދަ ގޮތަކަށް މަޝްރޫއުތައް ހިންގައި އިސްލާމީ އުސޫލުތަކުން ކުރިޔަށް ގެންދެވިއްޖެ ނަމަ ސިންދަފާތު ކުރެވިފައިވާ ވިލުންތެރި އިގްތިސޯދެއް ބިނާ ކުރަން މަގުފަހި ވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެ އެވެ.
މި ބަޔާން ނެރެފައި މިވަނީ ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއާއި ހަވާލުކޮށްގެން ކުރިޔަށް ގެންދާ މަޝްރޫއުއާއި މެދު އާންމުންގެ ނުތަނަވަސްކަން ބޮޑުވެފައިވާ ވަގުތެއްގައި އެވެ. އެންމެ ބޮޑު ޝަކުވާއަކީ 99 އަހަރަށް ބޭރުގެ ފަރާތްތަކަށް ތަންތަން ގަނެވޭގޮތަށް ކުރިޔަށް ގެންދާ އެ މަޝްރޫއުގެ ދަށުން އިޒްރާއީލް ރައްޔިތުންނަށްވެސް ރާއްޖެއިން ޕްރޮޕާޓީ ގަތުމުގެ ފުރުސަތު އޮތް ކަމަށް ބުނެ އެވެ.
ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިޒްރޭލުގެ ޑުއެލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށްވެސް އެ ފުރުސަތު ނޯންނާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް