މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސައުދީން ކުރާމަސައްކަތަށް ތައުރީފު ހައްޤު: ރައީސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސައުދީން ގެންގުޅޭ ދުރު ވިސްނުމާއި، ހިކުމަތްތެރިކަމާއި ކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތްތަކެއް...

11 Nov 2024 | 15:24

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސައުދީން ގެންގުޅޭ ދުރު ވިސްނުމާއި، ހިކުމަތްތެރިކަމާއި ކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތްތަކެއްކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ މިހާރު ސައުދީގެ ވެރިރަށް، ރިޔާދުގައި ކުރިއަށްދާ އަރަބް އިސްލާމީ ގައުމުތަކުގެ ކުއްލި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ސަމިޓަކީ މި ވަގުތާ ވަރަށް މުނާސަބު ސަމިޓެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ސަމިޓު އިންތިޒާމުކުރުމުގައި ސައުދީން އިސްނަގައި ކުރެއްވި މަސައްކަތް ފާހަގަކަކުރައްވައި، ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒަށާއި، ވަލީއަހުދު މުޙައްމަދު ބިން ސަލްމާނަށް ޝުކުރު އަދާކުރައްވައިފައެވެ.

އެ މަނިކުފާނު ވިދާޅުވީ ފަލަސްތީނުގެ ޙައްގުގައި އިސްލާމީ އުންމަތުން ކުރާ މަސައްކަތުގައި ސައުދީން ނެގި އިސްނެގުމަކީ މުޅި އުންމަތަށް ލިބުނު އުންމީދެއް ކަމަށެވެ.

އަދި ސައުދީން ވަނީ އިސްލާމީ ގައުމުތައް ބަދަހިކޮށްދޭ އަސާސްތަކުގެ ތެރެއިން ގައުުމުތަކުގެ މެދުގައި އެއްބަވައިންތަކަން ގާއިމްކޮށްދެއްވައިފައިކަމަށާއި އިސްލާމީ ދުނިޔޭގެ ލީޑަރުގެ ހައިސިއްޔަތުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސައުދީން ގެންގުޅޭ ދުރު ވިސްނުމާއި، ހިކުމަތްތެރިކަމާއި ކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތްތަކެއްކަމަށް ރައީސް ވިދާޅުވިއެވެ.

އެއާއެކު އެ މަނިކުފާނު ވަނީ ފަލަސްތީނާއި އިސްރާއިލް މައްސަލައިގައި ދެ ދައުލަތް ގާއިމްކުރުމުގެ ސިޔާސަތުގެ ތެރެއިން ހައްލެއް ހޯދުމަށް ސައުދީން އިސްލާމީ ގައުމުތައް އެއް ގަލަކަށް އެރުވުމަށް ކުރާ މަސައްކަތަށް ވެސް ތައުރީފް ކުރައްވައިފައެވެ.

ރައީސް ވިދާޅުވީ ކޮންމެ ބައްދަލުވުމެއްގައި ވެސް އިވޭ އަޑަކީ އިތުރަށް ފަލަސްތީނުގެ ބިންތަކަށް ގަދަބާރުން ވެރިވެގަތުމާއި، ގަތުލުއާންމު ހިންގާއިރު ދެން އިތުރަށް ކެތްނުކުރާނެ ކަމަށް ބުނާ ބުނުން ކަމަށެވެ. އެއީ ހަމައެކަނި ފާއިތުވި 13 މަސްދުވަސް ތެރޭ އެކަނި ނޫންކަމަށާއި އެތައް އަހަރެއް ވީއިރު ވެސް އިވެނީ ހަމައެކަނި އެ ބުނުމުގެ އަޑުކަމަށް ވިދާޅުވިއެވެ.

އިޒްރާއިލުގެ ގަދަބާރުން ވެރިވެ ގަތުމުގެ ސިޔާސަތާއި އަނިޔާވެރި ގަތުލުއާންމުގެ ތެރެއިން ތަސައްވުރުކުރަން ވެސް ދަތި އަދަދަކަށް މީހުން މަރުވެ، ގެއްލުން ލިބިފައިވާކަމަށް ރައީސް ވިދާޅުވިއެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް