ޑޮމެއިން ނަންބަރު ދޫކުރުމުގެ އާ ގަވައިދަށް އަމަލުކުރަން ފަށައި، މިހާރު ދޫކޮށްފައި ހުރި ޑޮމެއިން ރަޖިސްޓްރީތައް މިހާރުގެ ގަވައިދަށް ފައްތަން، ރަޖިސްޓްރީކުރުމަށް މި މަހުގެ 17އިން ފެށިގެން ދެ މަހުގެ މުއްދަތެއް ދޭން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިިފިއެވެ.
ޓްރާންސްޕޯޓު މިނިސްޓްރީން މިއަދު ވަނީ އެއްގަމު އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ގަވާއިދަށް އެއްވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ސަރުކާރުގެ ގެޒެޓުގައި ވެސް ޝާއިއުކޮށްފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނާގޮތުން އެ ގަވައިދަށް އަމަލުކުރަން ފަށާނީ ގެޒެޓުކުރާތާ ހަތް ދުވަސް ފަހުންނެވެ. އެހެންކަމުން މި މަހު 18ވާ ހޯމަ ދުވަހުން ފެށިގެން އަމަލުކުރާނީ އާ ގަވައިދަށެވެ.
އެއާއެކު އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ އާ ގަވައިދާއެކު ޑޮމެއިން ޚިދުމަތުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް އާ ސެކިއުރިޓީ ފީޗާތަކާއެކު ޑޮމެއިން ރަޖިސްޓްރީ ސެޓްފިކެޓާއި ހުއްދަ ތައާރަފްކުރަން ނިންމައިފައިވާކަމަށެވެ.
އެހެންކަމުން މި މަހު 17 އިން ފެށިގެން 2 މަސް ދުވަހުގެ ތެރޭ ކުރިން ދޫކޮށްފައިވާ ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ ނުވަތަ ފައިސާ ދެއްކިކަމުގެ ރަސީދު ހުށަހަޅައިގެން އަލަށް ތައާރަފްކުރާ ހުއްދައަށް ބަދަލުކުރަން އެދޭކަމަށެވެ.
ގަވައިދުގައިވާ ގޮތުން ކުރިން ޓްރާންސްޕޯޓު މިނިސްޓްރީން ދޫކޮށްފައިވާ ޑޮމެއިން ބޭނުންކުރުމުގެ ހުއްދަ، ގަވާއިދު އާންމުކުރާތާ ތިން މަސް ތެރޭ ބަދަލުކުރަން ވާނެއެވެ.
އާ ގަވައިދާއެކު ޑޮމެއިން ރަޖިސްޓްރީ ކުރުމާއި، އުޅަނދުގައި ޑޮމެއިން ބޭނުން ކުރުމުގެ ހުއްދައާއި، ޑޮމެއިންގެ ވެރިފަރާތް ބަދަލު ކުރުމުގެ ހުއްދައާއި، ޑޮމެއިން ދޫކޮށްފައިވާ އުޅަނދު ބަދަލު ކުރުމަށް 500 ރުފިޔާ ދައްކަންޖެހޭނެއެވެ.
ޑޮމެއިންގެ ޚިދުމަތް ދިނުން އެ މިނިސްޓްރީން ހުއްޓައިލީ، ޑޮމެއިން ނަންބަރުތަކާ ގުޅޭ ގިނަ މައްސަލަތަކެއް މިދިޔަ ސަރުކާރުގައި ފެންމަތިވުމުންނެވެ. އެއާއެކު އެ މައްސަލަތައް ވަކި ގޮތަކަށް ނިމެންދެން ޑޮމެއިންގެ ހުރިހާ ޚިދުމަތެއް ހުއްޓުވީ މިދިޔަ ސަރުކާރުގައި ރައީސް އޮފީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް