ޚުދުމުޚުތާރު ވެރިކަމަކަށް ދިޔަނުދިނުމަކީ އެންމެންގެ ގައުމީ ވާޖިބެއް: ޝާހިދު

ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް، ޚުދުމުޚުތާރު ވެރިކަމަށް ރާއްޖެ ދިޔަނުދިނުމަކީ އެންމެންގެ ވެސް ގައުމީ ވާޖިބެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިންމިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއ...

11 Nov 2024 | 14:10

ގާނޫނު އަސާސީގެ ރޫހާ ޚިލާފަށް، ޚުދުމުޚުތާރު ވެރިކަމަށް ރާއްޖެ ދިޔަނުދިނުމަކީ އެންމެންގެ ވެސް ގައުމީ ވާޖިބެއް ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިންމިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ، އެކްސްގައި ކުރެއްވި މެސެޖެއްގައެވެ.

އެކްސްގައި ކުރެއްވި މެސެޖުގައި ޝާހިދު ވަނީ ރިޔާސީ ނިޒާމު ނުވަތަ ސީދާ ރައްޔިތުން އިންތިޚާބުކުރާ ވެރިޔަކު ވެރިކަން ހިންގާ ނިޒާމެއް ދިވެހި ރައްޔިތުން ބަލައިގަތީ މަތިވެރި އުއްމީދެއްގައިކަން ފާހަގަކުރައްވައިފައެވެ. އަދި އެއީ، މާޒީގައި ދިވެހީން ކުރި ތަޖުރިބާގެ އަލީގައި، ހައްދެއް ނެތި ބާރުތައް ލިބިފައިވާ ޚުދުމުޚުތާރު ވެރިކަމުގެ ނިޒާމަށް ނޫނެކޭ ބުނުމަށް ކަމަށް ވިދާޅުވެފައެވެ.

ޝާހިދު ވިދާޅުވި ދިވެހިދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި އަދި މިބާރުތައް ދެމިއޮންނާނީ ރައްޔިތުންގެ ކިބައިގައިކަމަށެވެ.

އަދި މި ފަދައިން ގާނޫނު އަސާސީގެ ހަތަރުވަނަ މާއްދާގައި ސާފު ސާދާ ޢިބާރާތުން ބުނެފައި އެ ވަނީ ދިވެހި ރައްޔިތުން ޚުދުމުޚްތާރު ވެރިކަމަކަށް ޖާގަ ނުދޭނެ ކަމަށްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ ހިތާމަޔަކީ ޤާނޫނު އަސާސީގެ ރޫޙާއި, ބަޔާން ކޮށްފައިވާ އެންމެހާ ހަމަތަކާއި އަސާސްތަކާއި ޚިލާފަށް, ވެރިކަމުގެ ބާރުތައް ޖަމާކޮށް ޚުދުމުޚްތާރު ވެރިކަމެއްގެ ސިފަ މިއަދު އަށަގަންނަމުންދާތަން ފެންނަމުންދާކަމެވެ. އަދި މި މަގަށް ރާއްޖެ ދިޔަ ނުދިނުމަކީ  އެންމެންގެވެސް ޤައުމީ ވާޖިބެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް