ރޯމާގެ ކޯޗު ކަމުގެ މަގާމުން އިވާން ޖުރިޗް ވަކިކޮށްފި

އިޓަލީގެ ސެރިއާގެ ކްލަބް ރޯމާގެ ކޯޗު ކަމުގެ މަގާމުން ކްރޮއޭޝިއާގެ އިވާން ޖުރިޗް ވަކިކޮށްފި އެވެ. ރޯމާގެ ކޯޗުކަމުން ޖޮވިޗް ވަކިކޮށްފައި މިވަނީ އެންމެ12 މެޗަށް ފަހުގައެވެ. އުމުރުން 49 އަހަރުގެ ޖުރިޗް ރޯ...

11 Nov 2024 | 08:34

އިޓަލީގެ ސެރިއާގެ ކްލަބް ރޯމާގެ ކޯޗު ކަމުގެ މަގާމުން ކްރޮއޭޝިއާގެ އިވާން ޖުރިޗް ވަކިކޮށްފި އެވެ.

ރޯމާގެ ކޯޗުކަމުން ޖޮވިޗް ވަކިކޮށްފައި މިވަނީ އެންމެ12 މެޗަށް ފަހުގައެވެ.

އުމުރުން 49 އަހަރުގެ ޖުރިޗް ރޯމާގެ ކޯޗުގެ މަގާމުން ވަކިކޮށްފައިވަނީ ބޮލޯނާ އާއި ދެކޮޅަށް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހުގަ އެވެ.

ކުރިން ރޯމާގެ ކޯޗުގެ ގޮތުގައި ހުރި އިޓަލީގެ ކުރީގެ މަޝްހޫރު މިޑްފީލްޑަރ ޑެނިއެލް ޑިރޮސީ މަގާމުން ވަކި ކުރުމަށްފަހު ޖުރިޗް އެ މަގާމަށް ހަމަޖައްސާފައިވަނީ މިދިޔަ ސެޕްޓެމްބަރ މަހު އެވެ. ޑެނިއެލް ޑިރޮސީ ރޯމާގެ ކޯޗެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ އެންމެ އަށް މަސް ދުވަހު ޕޯޗުގަލްގެ ޖޯސޭ މޮރީނިއޯ ރޯމާ ދޫކޮށް ދިއުމަށް ފަހުގަ އެވެ.

ރޯމާގެ ވެރިފަރާތް ކަމުގައިވާ ދަ ފްރައިޑްކިން ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި ޖުރިޗް އެ ކްލަބަށް ކޮށްދީފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި ވަރަށް އަވަހަށް ދާއިމީ ކޯޗެއް ހަމަޖައްސާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މީޑިޔަ ރިޕޯޓްތައް ބުނާ ގޮތުގައި ރޯމާގެ ކޯޗުގެ މަގާމާއި ހަވާލުވުން އެންމެ ގާތް ފަރާތަކީ ދާދި ފަހުން ސައުދި އަރަބިއްޔާގެ ގައުމީ ޓީމުގެ ކޯޗުގެ ގޮތުގައި ހުރި އިޓަލީގެ ރޮބާޓޮ މަންޗީނީ އެވެ.

ސެރިއާގެ ތާވަލުގެ 12 ވަނައިގައި މިވަގުތު އޮތް ރޯމާ ޔޫއެފާ ޔޫރޮޕާ ލީގުގައިވެސް މި ސީޒަނުގައި ވާދަކުރާއިރު, ރޯމާ އޮތީ ޖުމްލަ 36 ޓީމު ވާދަކުރާ މި މުބާރާތުގެ 20 ވަނައިގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް