ރައީސް ސައޫދީއަށް ފުރާވަޑައިގެންފި

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ...

11 Nov 2024 | 01:41

މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނެފައިވާގޮތުގައި މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިޢުމާރީ ބާރިތަކުން ފަލަސްޠީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ޙުތޫރާތްތެރި މައްސަލަތަކާމެދު، ސަރަޙައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ.

މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސަޢޫދީ ޢަރަބިއްޔާގެ ރިޔާޛުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުއްލަވައި، އިސްރާއީލުގެ ޢަމަލުތައް ކުށްވެރިކުރަވައި، ޕަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާމުންނެވެ. ސަރަޙައްދީ ސުލްޙަ އާއި ޢަދާލަތަށް ގޮވާލެއްވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ސާބިތުކަމަކީ، މި މައްސަލައިގައި އަނިޔާ ލިބެމުންދާ މީހުންނަށް ދިވެހިން ކުރާ ތާއީދުގެ ހެއްކެކެވެ.

ހޯމަ ދުވަހު ބާއްވާ ސަމިޓުގެ ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވަވާނެއެވެ. ދިވެހި ރާއްޖޭގެ ވަފުދަށް މެހުމާންދާރީ އަދާކުރައްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް