މުވައްޒަފުންގެ ގޮތުގައި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ޚިދުމަތްދޭ ރެސްޓޯރެންޓެއް ސަޢޫދީ އަރަބިއްޔާގެ ޤާތިފްގައި ހުޅުވައިފިއެވެ.
އަރީނާ ޕިޒޭރިއާގެ ނަމުން ހުޅުވާފައިވާ މި ރެސްޓޯރެންޓަކީ ހުސެއިން އަލްޞްބްރްކާ އަދި އަރީނާ ގަބުލްޔާން ނަމަކަށްކިޔާ ދެމަފިރިން ހުޅުވި ރެސްޓޯރެންޓެކެވެ. އަރަބި ނޫސްތަކުގެ މިއަދުގެ އަދަދުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ދެމަފިރިންނަކީ ދާދިފަހުން އެމެރިކާއިން ބިޒްނަސް މެނޭޖްމަންޓް ދާއިރާއިން މާސްޓަރ ޑިގްރީ ހާސިލުކުރުމަށްފަހު އުފަން ބިމަށް އެނބުރި އައިސް ތަފާތު ވިޔަފާރިއެއް ފެއްޓި ދެމަފިރިންނެވެ.
އެ ދެމަފިރިންގެ ތެރެއިން ހުސެއިން ބުނެފައިވަނީ އެ ރެސްޓޯރެންޓަށް ނަންދީފައިވާނީ އޭނާގެ އަންހެނުންގެ ނަން "އަރީނާ" އާއި ގުޅުވައި ކަމަށާއި އަޑު އިވުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކަނި ވަޒީފާގެ ފުރުސަތުތައް ލިބޭހެން ރެސްޓޯރެންޓެއް ހުޅުވަން ނިންމީ އެ ފަރާތްތަކަކީވެސް އެކަށީގެންވާ ތަމްރީނު ދެވިއްޖެނަމަ އާންމު އެހެން މީހުންނެކޭ އެއްފަދަ ނަތީޖާތަކެއް ނެރެވިދާނެ ފަރާތްތަކެއްކަން އެ ދެމަފިރިންނަށް ގަބޫލު ކުރެވޭތީއެވެ.
އެ ރެސްޓޯރެންޓްގެ މެނޫގައި އިޝާރާތުގެ ބަހުން މުއާމަލާތް ކުރެވޭނެ ފަސޭހަ ގޮތްތައް ކަސްޓަމަރުންނަށް ބުނެދީފައިވާއިރު ކިއުއާރްކޯޑްފަދަ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަކަމާއެކު އޯޑަރު ދިނުމާއި އިޝާރާތުގެ ބަސް ދަސްކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފަހިކޮށްދީފައިވާނެކަމުގައި ރެސްޓޯރެންޓްގެ ވެރިޔާ ހުސެއިން ބުނެފައިވެއެވެ.
މި ރެސްޓޯރެންޓް ހުޅުވިތާ އަދި މާ ގިނަ ދުވަސްތަކެއް ނުވި ނަމަވެސް އެ ސަރަހައްދުގައި ދިރިއުޅޭ އާންމު ރައްޔިތުންނާއި އެ ރެސްޓޯރެންޓަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ފަރާތުން އެ "ކޮންސެޕްޓް" އަށް ބޮޑު ތަރުހީބެއް ލިބެމުންއަންނަކަން ހުސެއިން ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް