ރިޔާސީ އިންތިހާބު އެއް ބުރުން ނިމޭ ގޮތް ހަދަން ވޯޓަކަށް ދަނީ

ރިޔާސީ އިންތިހާބު އެއް ބުރުން ނިމޭ ގޮތް ހަދަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަހާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ދުވަހުގެ...

10 Nov 2024 | 19:17

ރިޔާސީ އިންތިހާބު އެއް ބުރުން ނިމޭ ގޮތް ހަދަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އަހާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ދެވަނަ ބުރަކަށް ދާ ހާލަތުގައި އިހުތިޔާރު ކުރާނެ ފަރާތެއް ފުރަތަމަ ބުރުގައި ކަނޑައެޅޭ ގޮތް ހެދުން މާ މުހިއްމު ކަމަށެވެ. އަދި ދެވަނަ ބުރުގެ ވޯޓުލުމުގެ ކަންތައް އުވާލަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިޚާބު އެއް ބުރުން އެއްވަނަ ދެވަނަ ސާފުވާ ގޮތަށް، އަވަށްޓެރި ބައެއް ގައުމުތަކުގައި ވެސް އޮންނަކަމަށެވެ.

ރައީސް އެޓާނީ ޖެނެރަލްއާ ހަވާލުކޮށްގެން އެކަމުގެ ދިރާސާ މިހާރު ކުރަމުން އަންނަ ކަމަށާއި އެއީ ރާއްޖެ އަށް އެންމެ ރަނގަޅު ގޮތް ކަމަށްވާނަމަ މަޖިލިސް މެދުވެރިކޮށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާނެ ކަމަށެވެ. އަދި ރައްޔިތުން އެކަމަށް އެދޭނަމަ އަންނަ ރިޔާސީ އިންތިހާބުން ފެށިގެން އެއަށް އަމަލުކުރާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބު އެއް ބުރުން ބޭއްވުމުން ހަރަދު ވެސް ބޮޑުތަނުން ކުޑަވާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެކުރިން ރައީސް ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެކީ ބާއްވަން ގާނޫނު އަސާސީ އަށް އިސްލާހު ހުށަހެޅުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް