ކުރެވުނު އެންމެ ބޮޑު ކަމަކީ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމު ކުރުން: ރައީސް ސޯލިހް

ގައުމަށް ފާއިތުވި ފަސް އަހަރު ގެނެވުނު އެންމެ ބޮޑު ކުރިއެރުމަކީ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމް ކުރެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް ސޯލި...

11 Nov 2023 | 07:05

ގައުމަށް ފާއިތުވި ފަސް އަހަރު ގެނެވުނު އެންމެ ބޮޑު ކުރިއެރުމަކީ ހަމަޖެހުމާއި ސުލްހަމަސަލަސްކަން ގާއިމް ކުރެވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން ރައީސް ސޯލިހް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެމަނިކުފާނު އިންތިހާބު ކުރިއިރު، އޭރު ގައުމު އޮތް ހާލަތު ތަފާތު ކަމަށާއި ރައްޔިތުން އެދުނީ މަގުމަތީގެ ނާމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނައުމަށް ކަމަށެވެ.

"ސަރުކާރާ ޚިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާއިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން އަޅުގަނޑާ ހަވާލުކުރީ، ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތައިލުމަށް. ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސްކުރުން ނިމުމަކަށް ގެނައުމަށް. ރައްޔިތުން މި މަސްއޫލިއްޔަތު އަޅުގަނޑާ މަތިކުރީ ނުލިބިހުރި ޒަމާންވީ އަސާސީ ޚިދުމަތްތައް ހޯދުމަށް، ޑިމޮކްރަސީއާއި، އިންސާނީ ކަރާމަތާއި މިނިވަން ސިޔާސީ މާޙައުލު ރާއްޖެއަށް ގެނައުމަށް." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އޭރުގެ ބިރުވެރި ހާލަތު ފިލައިގޮސް، މަގުތަކުގެ އަމާންކަން މިއަދު އިހްސާސްވާކަމަށާއި ހިޔާލު ތަފާތުވެހުރެވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދެވިއްޖެ ކަމަށެވެ. ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލެވިއްޖެ ކަމަށެވެ. އަދި އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް އާންމުކުރެވިއްޖެ ކަމަށެވެ.

ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރުކަން ފާހަގަކުރައްވައި ރައީސް ސޯލިހް ވިދާޅުވީ މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން ކަމަށެވެ.

"ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިޚާބުތަކާއި، ވެރިކަން ބަދަލުވެގެންދިޔުން މިގޮތުގައި ހިނގަމުންދާތަން ދިވެހިރައްޔިތުން ދެކޭހިތްވާނެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ޤައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް. ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ޤާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ޤައުމާއި ރައްޔިތުން" ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ހަމަހަމަކަމާއެކު ގާއިމްނުވެ، ދިވެހި ޖުމްހޫރިއްޔަތު ފުރިހަމައެއް ނުވާނެ ކަމަށާއި ފެނާއި ނަރުދަމާ، ކަރަންޓާއި، އަދި ލަފާފުރުމާއި، ދަތުރުފަތުރުގެ އެންމެ ގިނަ މަޝްރޫޢު މި ވޭތުވި ފަސް އަހަރު، އެކީ އެއްފަހަރާ، ކުރިއަށް ގެންދަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށެވެ. އަދި އެ ގެނެވުނު ހެޔޮ ބަދަލުތައް، ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެ ކަމަށާއި އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، އޭގެ ހިތްހަމަޖެހުމާއި ފަސޭހަ މިއަދު މިވަނީ ލިބެން ފަށާފައިކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ ވެރިކަމުގެ ޙައްޤުތައް އަދާކުރުމުގައި ހަމަހަމަކަމާއެކު އިޖުތިމާޢީ ޢަދާލަތު ޤާއިމުކުރުމަށް މި ފަސް އަހަރު އިސްކަންދެއްވިކަން ފާހަގަކުރައްވަމުންނެވެ. އެގޮތުން ރަށްތަކުގެ މެދުގައި އޮތް ޒަމާންވީ ފަރަޤު ކުޑަކުރުމަށް ސަރުކާރުން އިސްކަންދެއްވި ކަމަށާއި ހިދުމަތްތައް ހަމަހަމަކުރެވި، ވަސީލަތްތައް ފުރިހަމަކޮށް، ކޮންމެ ރަށެއްގެ، ކޮންމެ ރައްޔިތެއްގެ މައްޗަށް ސަރުކާރުން އަދާކުރަންޖެހޭ ޙައްޤުތަކަށް އިސްކަންދެވުނު ކަމަށާއި ފަރުދީ ގޮތުން ރައްޔިތުންނަށް ޚިދުމަތް ކުރުމަށް އޮތް ކޮންމެ ފުރުޞަތެއްގެ ބޭނުން ސަރުކާރުން ހިފިކަމަށާއި ވާޖިބު އަދާކުރުމުގައި އިންޞާފުވެރި އޯގާތެރި ހެޔޮވެރިކަމެއް ހުރިހާ ރައްޔިތުންނަށް ކޮށްދިނުމަށް އެމަނިކުފާނު މަސައްކަތްޕުޅު ކުރެއްވިކަން ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް