މީގެ ހަތަރު އަހަރު ކުރިން، ރައީސް ޔާމީންގެ ވެރިކަމުގައި ގައުމު ދުށް ހިތްދަތި ހަނދާންތައް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ އާ ކުރައްވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ރައީސް ސޯލިހް މިރޭ ދެއްކެވި ވާހަކަފުޅުގައި މީގެ ހަތަރު އަހަރު ކުރިން،ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން ތިއްބެވީ ކުޑަގޮޅީގަ ނުވަތަ އެގޮޅީގެ އަނގަމަތީގައިކަން ފާހަގަކުރައްވަމުން ވިދާޅުވީ ގޯހުން ހިނގާ ކަންކަން ރަނގަޅު ކުރުމުގެ ފުރުޞަތު އޭރު ބަންދުކުރިކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ޢިމާރާތުގެ ދޮރުތަށް ތަޅުލި ކަމަށެވެ.
"މަޖިލިހުގެ ޢިމާރާތް ބަންދުކޮށްފައި ބެހެއްޓި، އެމަޖިލީހުގެ ޢިއްޒަތްތެރި މެމްބަރުންނަކީ،މުލައްދަނޑީގެ ބާރުން ނެރެ ފާރުމަތިން އުކާލެވޭ، ބޭކާރު މުދަލެއްގެ ސިފަ ޖެއްސި، ޢަދުލް އިންސާފު ޤާއިމު ކުރުމުގެ އެންމެ މަތީމަރުޙަލާގާ ، ހިޔާވަހިކަމެއް އެދުވަހަކު ނެތް، ރައްޔިތުންނަށް ގޮތް ހުސްވުމަކީ ، އޮތް ހަމައެކަނި ގޮތް ކަމުގައިވެ ނިމުނު" ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެ އިތުރުން އެދުވަހު ރާއްޖެ އޮތީ ބައިނަލް އަޤްވާމީ ދުނިޔެއާ ގުޅުންކެނޑި އެކަހެރިވެ ވަކިވެފައިކަން ފާހަގަކުރެއްވިއެވެ. ރަށްރަށުގެ އިދާރީ ހިންގުމަށް ރައްޔިތުން އިޚްތިޔާރު ކުރެއްވި ، އެތަކެއް ކައުންސިލް މަންދޫބުން ތިއްބެވީ، ގަނޑުކޮށް ސަސްޕެންޑް ކުރެވި، އެކަހެރި ކުރެވިފައިކަމާއި ރަށްތަށް އެކަހެރި ކޮށް ، ރައްޔިތުންގެ މަތިން ހަނދާން ނައްތާލި ކަމާއި މިއީ ރައްޔިތުންގެ ދަލާ ލޭ އޮހޮރުވައިގެން ލިބިގަތް ، އާޤާނޫނު އަސާސީ ، އޭގެ އާރޯތާނާ ކަމުގާ ވަނިކޮށް ، މިރާއްޖެ ވައްޓާލެވިދާނެ ޙާލަތެއް ކަމަށް ހިތަށް ގެންނަން ވެސް ދަތިވި ކަމުގައިވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެދުވަހު ރާއްޖޭގެ ރައްޔިތުން ބޭނުންވީ އެއަނދަވަޅާ ދަންތުރައިން މިންޖުވާންކަމަށާއި އެ ބިރުވެރިކަމާ އަނިޔާ ، މުޅިރާއްޖޭން ނެތިފިލާދާންކަމަށެވެ. އަދި އަމާންކަމާ ، ޞުލްޙަ މަސަލަސްކަމާ ހަމަޖެހުން ރާއްޖެއަށް ހޯދަން ކަމަށެވެ.
"މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން ބޭނުންވި އެންމެ ބޮޑު ކަމަކީ ، އިންސާފުގެ މަގަށް ވެރިކަން ހިންގުން ރުޖޫޢަވުމަށް. އެދުވަހު ރައްޔިތުން ބޭނުންވީ ، ދެފުށްފެންނަ ، ޖަވާބުދާރީ ކުރުވެނިވި، ޤާނޫނު އަސާސީގެ ތަރަޙައިގެ މައްޗަށް ، ދައުލަތް ބިނާވުމަށް. އެއްވެސް ރަށެއް އަދި އެއްވެސް ރައްޔިތަކު ބާކީ ނުވެ ، މިނިވަންކަމާއެކު ހެލިފެލިވެ ، ދިރިއުޅުން އާރާސްތު ކުރެވޭނެ މާހައުލެއް. ރާއްޖޭގެ ރައްޔިތުން ބޭނުންވީ ، ތިމާގެ ސިޔާސީ މަޤާމާ ، ރިޔާސީ ޓިކެޓަކީ ވެރިކަމަށް އާދެވުމުގެ ކުރިންނާ ، އޭގެ ފަހުންވެސް ، ފައިސާ ޖަމާ ކުރާ ވަޞީލަތަކަށް – ނުވަތަ ދެންތިބި މީހުންނަށް ބިރުދައްކާ ލަޓިބުރި އަކަށް ނުހެދުން. މީގެ ހަތަރު އަހަރު ކުރިން ރައްޔިތުން ބޭނުންވީ ، ޚިޔާލުތަފާތުވުންތަކާ އެކު ކުރިއަށް ގޮސް ، ޤައުމާ ރައްޔިތުން އިސްކުރާނެ ވެރިކަމެއް އުފެއްދުމަށް. ރާއްޖޭގެ ރައްޔިތުން ބޭނުންވީ އެދުވަހަށް ފަހު ، ސިޔާސީ ޕާޓީތަކުގެ އެތެރޭގެ އިންތިޚާބުތަކަށް ، ސަރުކާރުން ހުރަސް ނޭޅުން." ރައީސް ވިދާޅުވިއެވެ.
އެ މައުލޫގައި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ މި ފާއިތުވި ހަތަރު އަހަރުވެސް މަސައްކަތް ކުރީ ، ރާއްޖޭގެ ރައްޔިތުން އެދުވަހު އެމަނިކުފާނާ މަތިކުރެއްވި ، ވެރިކަމުގެ މަސްއޫލިއްޔަތު އެގޮތުގައި އަދާ ކުރުމަށް ކަމަށާއި އެންމެންނާއެކު ކުރިއަށް ދިއުމަށް ކަމަށެވެ. ސިޔާސީ ޒުވާބާ ، ހަސަދައާ ޖަދަލާ ، ނަފްރަތުން މުޖުމަތަމަޢު ސަލާމަތް ކުރުމަށްކަމަށެވެ. ކުރިއަށް އޮތްތާނގައިވެސް ދެމިހުންނާނީ އެގޮތުގައި ކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް އެރުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް