ވަޑާންގެއަކަސް، ގަރާޖަކަށް މީހުންނާއެކީ އެއްތާކު ތޮއްޖެހުމަކީ ރައްކާތެރި ދިރިއުޅުމަކަށް ނުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އިއްޔެރޭ މާލޭގާ ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބައެއްގެ ފުރާނަ ގެއްލި ދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ ކަމަށާއި އެމަނިކުފާނާއި، ލޮބުވެތި ދިވެހި ރައްޔިތުންގެ ފަރާތުން، އެޢާއިލާތަކަށް ،އިޚްލާޞްތެރި ތަޢުޒިޔާ ދަންނަވާކަމަށެވެ.
"މިޙާދިސާއާ ގުޅޭ ހުރިހާ ކަމެއްގާ ، ސަރުކާރުން ވަރަށް ބޮޑު ސަމާލުކަމާ އިސްކަމެއް ދީގެން މިދަނީ ބަލަމުން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މާލޭގައި މިފަދަ ހާދިސާތައް ކުރިމަތިވަމުން މި އަންނަނީ އެތައް އަހަރަކުން އުފެދިފައިވާ ، ތޮއްޖެހުމާ ، މާލޭގެ ދިރިއުޅުމުގެ ދަތިކަމުން ކަމަށާއި ވަޑާންގެއަކަސް، ގުދަނަކަސް، ގަރާޖެއް ކަމުގައިވިޔަސް މީހުންނާ އެކީ އެއްތާކު ތޮއްޖެހުމަކީ ރައްކާތެރި ދިރިއުޅުމަކަށް ނުވާނެ ކަމަށެވެ. އަދި ކެމިކަލް ގުދަންތައް މާލެއިން ބޭރަށް ބަދަލުކުރެވިއްޖެ ކަމަށާއި ވޯކްޝޮޕްތަކާއި، ގަރާޖްތަކާއި، ވަޑާންގެތައް ވެސް މީހުން ދިރިއުޅޭ ސަރަހައްދުތަކުން އެކަހެރި ކުރަންޖެހޭކަމުގައި ރައީސް ވިދާޅުވިއެވެ.
ބުދަ ދުވަހުގެރޭ މ. ސެންޑްރޯޒްގެ ހުޅަނގުބައިގައި ހިނގި އަލިފާނުގެ ހާދިސާއަކީ 10 މީހަކު މަރުވި، ހިތާމަވެރި ހާދިސާއެކެވެ. އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ބަންގްލަދޭޝް އަށް ނިސްބަތްވާ ދެމީހަކާއި އިންޑިއާއަށް ނިސްބަތްވާ ހަތް މީހަކު ހިމެނޭއިރު އެކަކީ ކާކުކަން އަދި ދެނެނުގަނެވޭކަމުގައި ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް