ވޯލްޑް ކަޕް 2022 ޓީމް ޕްރޮފައިލް: ކެނެޑާ (ގުރޫޕް އެފް)

ކެނެޑާ މިހާތަނަށް ކުޅުނީ އެންމެ ވޯލްޑް ކަޕެކެވެ. އެއީ 1986 ގައެވެ. މިއީ ކެނެޑާ ވޯލްޑް ކަޕްގައި ވާދަކުރާނެ ދެ ވަނަ ފަހަރެވެ. ބައްރު: ނޯތު އެމެރިކާ ފީފާ ރޭންކިން: 41 މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަ...

11 Nov 2022 | 12:54

ކެނެޑާ މިހާތަނަށް ކުޅުނީ އެންމެ ވޯލްޑް ކަޕެކެވެ. އެއީ 1986 ގައެވެ. މިއީ ކެނެޑާ ވޯލްޑް ކަޕްގައި ވާދަކުރާނެ ދެ ވަނަ ފަހަރެވެ.

ބައްރު: ނޯތު އެމެރިކާ

ފީފާ ރޭންކިން: 41

މިހާތަނަށް ވޯލްޑް ކަޕްގައި ކުޅުނު އަދަދު: 1

ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1986

އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 1986

ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ވޯލްޑްކަޕް ގްރޫޕް ސްޓޭޖް 1986

ކޯޗު

ނަން: ޖޯން ހާޑްމަން

ގައުމު: އިންގްލެންޑް

އުމުރު: 47 އަހަރު

އުފަންތާރީޚް: 19 ޖުލައި 1975

ޓީމާ ހަވާލުވީ: 2018 ވަނަ އަހަރު

އުމުރުން 47 އަހަރުގެ ޖޯން ހާޑްމަން ކޯޗިންގ ކެރިއަރު ފެށީ ވަރަށް ޒުވާން އުމުރުގައެވެ. ނޯތަމްބުރިއާ ޔުނިވަރސިޓީގެ ދަރިވަރެއް އަދި ޕާޓް-ޓައިމް ލެކްޗަރަރއެއްގެ ވަޒީފާ އަދާކުރަމުން، 2001 ވަނަ އަހަރު ސަންޑަލޭންޑްގެ ޔޫތު އެކަޑަމީގެ ޑިވެލޮޕްމަންޓް ކޯޗެއްގެ ވަޒީފާ އަދާކުރިއެވެ. އޭގެ ފަހުން ނިއުޒީލެންޑާއި ކެނެޑާގެ ގައުމީ އަންހެން ޓީމުގެ ކޯޗުގެ މަގާމު ވެސް އަދާކުރިއެވެ. ކެނެޑާގެ ސީނިއާ ޓީމާ ހާޑްމަން ހަވާލުވީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 8 ގައެވެ. އޭނާގެ އިރުޝާދުގެ ދަށުން ކެނެޑާގެ ކުޅުން ރަނގަޅުވިއިރު، 2021 ވަނަ އަހަރު ފީފާ ރޭންކިންގ ގައި ކެނެޑާ 72 އިން 40 ވަނައަށް ކުރިއަރާދިޔައެވެ. މީގެ އިތުރުން އޭނާ އިރުޝާދުގެ ދަށުން ކެނެޑާ މި ވަނީ 36 އަހަރަށް ފަހު 2 ވަނަ ވޯލްޑް ކަޕަކަށް ކޮލިފައިވެފައެވެ. ހާޑްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް ކެނެޑާ 45 މެޗު ކުޅުނުއިރު، މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓްގެ އަދަދަކީ 2.16 އެވެ.

މުހިންމު ކުޅުންތެރިން:

އަލްފަންސޯ ޑޭވިސް

އުމުރުން އެންމެ 21 އަހަރުގެ އަލްފަންސޯ ޑޭވިސްއަކީ ކެނެޑާގެ އެންމެ ވިދުންގަދަ ތަރިއެވެ. ބަޔާން މިޔުނިކްގެ ލެފްޓް ބެކަށް ކުޅޭ ޑޭވިސްއަކީ ޑިފެންސް ކުރުމުގައި ހުނަރުވެރި، ދުވެލި ބާރު ކުޅުންތެރިއެވެ. ބަޔާން މިޔުނިކާއެކު މި ސީޒަންގެ ބުންޑަސްލީގާގައި 12 މެޗު ކުޅެ 1 އެސިސްޓް ހަދާފައިވާއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު 5 މެޗުން ވެސް 1 އެސިސްޓް ހަދާފައިވެއެވެ. އުމުރުން ވަރަށް ޒުވާން ކުޅުންތެރިއެއް ނަމަވެސް، ޑޭވިސް ވަނީ މިހާތަނަށް ގައުމީ ޓީމަށް 34 މެޗު ކުޅެ 12 ލަނޑު ޖަހާފައެވެ.

ޖޮނަތަން ޑޭވިޑް

އުމުރުން އެންމެ 22 އަހަރުގެ ފޯވާޑް ޑޭވިޑަކީ ކެނެޑާގެ އެންމެ ނުރައްކާތެރި އެއް ފޯވާޑެވެ. ޒުވާން ހުނަރުވެރި ޑޭވިޑަކީ ގޯލާ ވެސް ރައްޓެހި ކުޅުންތެރިއެވެ. އިދިކޮޅު ޓީމުތަކަށް ނުރައްކާކުރާނެ ކުޅުންތެރިއެކެވެ. ފްރާންސްގެ ލިލްއަށް މި ސީޒަންގައި މިހާތަނަށް ކުޅުނު 14 މެޗުން އޭނާ ވަނީ 9 ލަނޑު ޖަހާ 3 އެސިސްޓް ހަދާފައެވެ. 2018 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމުން ޖާގަ ލިބެމުން އަންނަ ޑޭވިޑް ގައުމީ ޓީމަށް މިހާތަނަށް 34 މެޗު ކުޅެފައިވާއިރު، 22 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް