ދާދި ފަހުން ޓުވިޓާ ގަތް އީލަން މަސްކަށް އެމެރިކާގެ ގާނޫނު އަސާސީއަށްވުރެ މަތީގައި ނުހުރެވޭނެ ކަމަށް އެ ގައުމުގެ ފެޑަރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީ) ބުނެފި އެވެ.
އޭނާ ޓުވިޓާ ގަތުމަށް ފަހު ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން ގިނަ ބައެއްގެ ނުރުހުން ދަނީ އަމާޒުވަމުންނެވެ. ހާއްސަކޮށް އެ ކުންފުނީގެ އެތައް ހާސް މުވައްޒަފުންނެއް ވަޒީފާއިން ވަކި ކުރުމުމުން މައްސަލަ އިތުރަށް ވަނީ ގޯސްވެފައި އެވެ.
އެފްޓީސީގެ ޕަބްލިކް އެފެއާޒްގެ ޑިރެކްޓަރު ޑޮގްލަސް ފެރާރް ވިދާޅުވީ ޓުވިޓާއަށް މެދުވެރިވެފައިވާ ހާލަތު އެ އިދާރާއިން ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަތަކާއި ކުންފުންޏާއި މެދު ކަންބޮޑުވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެމެރިކާގެ އެއްވެސް ކުންފުންޏަކަށް، މީހަކަށް އަދި އިދާރާއަކަށް ގާނޫނަށްވުރެ މަތީގައި ނޫޅެވޭނެ ކަމަށެވެ. އެފަރާތްތަކުން ޖެހޭނީ ގާނޫނާއި އެއްގޮތަށް އަމަލު ކުރަން ކަމަށެވެ.
ޓުވިޓާގެ މައްސަލަ ހައްލު ކުރުމަށް އެ އިދާރާއިން ވަނީ ޝަކުވާ ހުށަހެޅޭނެ އިންތިޒާމް ގާއިމްކޮށްފައި އެވެ. އަދި ނިޒާމްގެ ތެރެއިން އެފްޓީސީއަށް ލިބޭ ޝަކުވާތައް ސީރިއަސްކޮށް ބެލޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވި އެވެ.
އެ އިދާރާއިން ވަނީ މިއަހަރުގެ މާޗް މަހު ކަސްޓަމަރުންގެ މައުލޫމާތުތައް ވިއްކި މައްސަލައެއްގައި ޓުވިޓާ ޖޫރިމަނާކޮށްފައި އެވެ. އެފްޓީސީން ބުނީ ދެންވެސް އެފަދަ ފިޔަވަޅެއް އަޅަން ފަސް ނުޖެހޭނެ ކަމަށެވެ.
މަސްކް އެ ކުންފުންޏާއި ހަވާލުވުމަށް ފަހު ފީއެއް ނަގައިގެން އެކައުންޓު ވެރިފައިޑް ކޮށްދޭގޮތް ހެދުމުން ރަސްމީ އެކައުންޓުތަކުގެ ސައްހަކަން ކަށަވަރު ކުރަން ދެން އުނދަގޫވާނެ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައިވެ އެވެ. މި މައްސަލައިގަ މަސްކު ބުނެފައިވަނީ އެއީ އެއްވެސް ހިދުމަތެއް ހިލޭ ސާބަހަށް ނުދެވޭނެ ގޮތް ހެދުމަށް ގެނައި ބަދަލެއް ކަމަށެވެ.
މަސްކު މުވައްޒަފުން ކައިރީ ބުނީ އެ ކުންފުނި ބޭންކަރަޕްސީ ވާނެ ކަމަށެވެ.
އޭނާ ކުންފުންޏާއި ހަވާލުވި ފަހުން ވަކިކުރި މުވައްޒަފުންގެ ތެރޭގައި ގިނަ ޑީޕާޓްމެންޓުތަކެއްގެ ވެރިންވެސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް