އެންޑްރޫ އެސްކޯބާ އަކީ 1994 ވަނަ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕުގައި ކޮލަމްބިއާ ތަމްސީލުކުރި ހުނަރުވެރި ޑިފެންޑަރެކެވެ. އެސްކޯބާ ވަނީ އެ މުބާރާތުގައި ކޮލަމްބިއާ ޓީމުގައި މޮޅުކުޅުމެއް ދައްލާފައެވެ. ނަމަވެސް ގަސްދަކާއި ނުލާ ބައިކޮޅަށް ވައްދާލި ގޯލާއި އެކު އެސްކޯބާއަށް ޖެހުނީ ދުނިޔެއިން ވަކިވެގެން ދާށެވެ.
1994 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހު ގުރޫޕް ސްޓެޖުގެ ދެވަނަ މެޗުގައި މުބާރާތް ބޭއްވި ގައުމު އެމެރިކާ އާއި ދެކޮޅަށްް ކޮލަމްބިއާ ކުޅުނު މެޗުގެ ކެޕްޓަން އެންޑްރޫ އެސްކޯބާ އެ މެޗަށް ނިކުތީ ވޯލްޑް ކަޕުގެ ދެވަނަބުރަށް އަމިއްލަ ގައުމުގެ ގެންގޮސްދީ ކޮލަމްބިއާ ދުނިޔޭގެ ތާރީޚުގެ ތެރެއަށް ވައްދައި ދިނުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް އެ ދުވަހުގެ ކަންތައްވީ އެސްކޯބާއާއި ކޮލަމްބިއާ ޓީމުގެ އެހެން ކުޅުންތެރިން އުންމީދުކުރި ގޮތަކަށް ނޫނެވެ.
އެސްކޯބާ އަތުން ބައިކޮޅަށް ގޯލު ވަނުން
މެޗުގެ 35 ވަނަ މިނެޓުގައި އެމެރިކާ ޓީމުގެ ހަ ނަމްބަރު ޖޯޒީގައި ކުޅެމުން ދިޔަ ޖޯން ހާކްސް ބޯޅަހިފައިގެން ކުރިޔަށް އަރާ ކޮލަމްބިއާގެ ގޯލުކުރިމައްޗަށް ބޯޅަ ހުރަސްކޮށްލިއެވެ. ހާކްސް ހުރަސް ކުރި ބޯޅަ އެންޑްރޫ އެސްކޯބާ ގޯލް ކުރިމަތިން ސާފުކޮށްލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެސްކޯބާ ސާފުކޮސްލަން ޖެހި ބޯޅަ އޭނާގެ ބޫޓު ކޮޅުން ޖެހިފައި ވަނީ އަމިއްލަ ބައިކޮޅު ގޯލުގެތެރެއަށެވެ. މި ގޯލާއި އެކު އެމެރިކާ ކުޅުންތެރިން އުފާފާޅުކުރަމުން ދިޔައިރު، ކޮލަމްބިއާއަށް ލިބުނީ ބޮޑު މާޔޫސް ކަމެކެވެ. ކޮލަމްބިއާ މުޅި ޓީމުގެ ކުޅުންގަނޑު ބަދަލުވިއެވެ. މެޗު ފެށިގެން ކުޅެމުން ދިޔަ ޖޯޝާއި ފޯރި ގެއްލުނެވެ. ނަތީޖާއެއްގެ ގޮތުން އިތުރު ގޯލެއްވެސް ޖަހާ ދެ ލަނޑުގެ ލީޑެއް އެމެރިކާއިން ނެގިއެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ކޮލަމްބިއާގެ ފޯވާޑް ޖޯޝް ވެލެންސިއާ ލަނޑެއް ޖަހާ ފަހަރަގު ކުޑަކުރި ނަމަވެސް މި މެޗުން ބަލިވެ ކޮލަމްބިއާ މުބާރާތާއި ވަކިވާން ޖެހުނެވެ.
ކޮންމެއަކަސް މި މުބާރާތުގެ ގުރޫޕް ސްޓޭޖުން އެމެރިކާއަތުން ބަލިވެ ކޮލަމްބިއާ މުބާރާތުން ވަކިވާން ޖެހުމުގެ ހުރިހާ ޒިންމާއެއް ނަގަން ޖެހުނީ ބައިކޮޅަށް ލަނޑުޖެހި އެސްކޯބާއެވެ. މި ކަމުގެ ނިމުންވެސް ވަރަށް ހިއްޗެވެ. ކުއްލިއަކަށް ދުނިޔޭގެ މީޑިއާތަކުގެ ފަލަޝުރުކީތައް ފުރާލީ އެސްކޯބާގެ ކުއްލި މަރުގެ ޚަބަރުތަކުންނެވެ. ބަޑިޖަހާ އެސްކޯބާ މަރާލި ޚަބަރުތަކުންނެވެ.
އެސްކޯބާ ގަޔަށް ބަޑިޖަހާ މަރާލުން
ވޯލްޑް ކަޕް ގުރޫޕް ސްޓޭޖުގައި އެމެރިކާއާއި ދެކޮޅަށް ކުޅެ ބަލިވި މެޗަށް ފަހު އެސްކޯބާ އެނބުރި ގައުމަށް ދިޔައީ އެމެރިކާ އަތުން ބަލިވި މެޗަށް ފަހު އެއްދުވަސް ފަހުންނެވެ. އެ މެޗަށް ފަހު ވެރިވި މާޔޫސް ކަންމަތީ އެސްކޯބާ އެއްވެސް ކުޅުންތެރިޔަކާވެސް އަދި ޓީމުގެ ސަޕޯޓަރަކާއިވެސް ބައްދަނުކޮށް ފުރައިގެން އެނބުރި ދިޔައީ އަމިއްލަ ގައުމު ކޮލަމްބިއާއަށެވެ. އެސްކޯބ އަމިއްލަ ގައުމަށް ދިޔަތާ ފަސްދުވަސް ފަހުން، 1 ޖުލައި 1994 ވަނަ ދުވަހު ރައްޓެހިންތަކަކާއި އެކު ދިޔައީ މެޑެލިންގެ އެލް ޕޮބްލާޑޯ ނަމަކަށް ކިޔާ ބާއަކަށް މަޖާނަގާށެވެ. ބާގައި ވަގުތުކޮޅެއް ހޭދަކުރުމަށް ފަހު އެސްކޯބާއާއި އޭނާގެ ރައްޓެހިން ދިޔައީ އެލް އިންޑިއޯ ނަކަމަށް ކިޔާ ނައިޓްކުލަބަކަށެވެ. ނައިޓްކުލަބުގައި މަޖާ ނެގުމަށް ފަހު ހުރިހާ ރައްޓެހިން އެސްކޮބާއާއި ވަކިވިއެވެ. އެރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު، މަސްތުގެ ހާލަތުގައި އެސްކޯބާ ނައިޓްކުލަބުން ނިކުމެގެން ދިޔައީ ގެއަށް ދިއުމަށްޓަކައި އޭނާގެ ކާރަށް އަރާށެވެ. އެސްކޮބާގެ ކާރު އޮތީ އެލް އިންޑޯ ޕާކިން ޒޯނުގައި ޕާކްކޮށްފައެވެ.
އެސްކޯބާ އޭނާގެ ކާރު ދޮރުހުޅުވާލުމަށް ފަހު ކާރަށް އެރިއެވެ. ކާރަށް އަރާ ކާރު ސްޓާޓް ނުކުރެވިގެން އުޅެނިކޮށް އެސްކޯބާގެ ކާރު ކުރިމައްޗަށް ތިން މީހަކު އައިސް ހުއްޓުނެވެ. އަދި އެސްކޯބާއާއި ދިމާއަށް ހަޑިހުތުރުބަހުން ބަސްތައް ބުނެ އެއްޗިސް ގޮވަން ފެށިއެވެ. އަމިއްލައަށް ބައިކޮޅަށް ގޯލް ޖަހާ ކޮލަމްބިއާ ކަޓުވާލީ އެސްކޯބާކަމަށް ބުނެ، އެކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެއެވެ. އެންމެ ފަހުން ޒުވާބު ހޫނުވެ، ތިން މީހުންގެ ތެރެއިން އެކަކު އެމް 16 ބަޑިއެއް ނެގިއެވެ. އަދި އެސްކޯބާގެ ބޮލަށްް އަމާޒުކޮށް ހަ ވަޒަން ފޮނުވާލިއެވެ. އެ ހަ ވަޒަން އަމާޒުވީ ސީދާ އެސްކޯބާގެ ބޮލަށެވެ. ބަޑިޖެމަށް ފަހު އެ ތިން މީހުން ފިލިއެވެ. އެސްކޯބާ މަރުވަން ދޫކޮށްލާފައެވެ. އޭގެ އިރުގަނޑެއް ފަހުން ނައިޓްކުލަބުން ނިކުތް ބަޔަކަށް އެސްކޯބާ ފެނި ކާރުތެރޭން ނެރެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރު އެސްކޮބާ މަރެއް ނުވެއެވެ. ނަމަވެސް ވަރަށް ހާލުދެރައެވެ. އެސްކޯބާ މަރުވީ ހޮސްޕިޓަލަށް ގެންދެވުނުތާ 45 މިނެޓުފަހުން އައިސީޔޫގައި ރަުވާދެމުން ދަނިކޮށެވެ.
އެސްކޯބާ ގަޔަށް ބަޑިޖެހީ ކޮންބައެއް؟
އެސްކޯބާ ގަޔަށް ބަޑިޖަހާ މަރާލީ ކޮލަމްބިއާގެ ގެލޯން ބްރަދާސް ނަމަކަށް ކިޔާ ގޭންގަކަށް ނިސްބަތްވާ ގުރޫޕަކުންނެވެ. އެސްކޯބާ ގަޔަށް ބަޑިޖެހުމުގައި އިސްކޮށް ހުރީ ހަމްބާޓޯ ކާސްޓްރޯ މިނޯޒް ނަމަކަށް ކިޔާ މީހެކެވެ. އޭނާ އަކީ މީހުން މެރުމާއި ވަންކަން ކުރުމާއި ރޭޕްކުރުން ފަދަ ކުށުގެ ރެކޯޑްސްތައް އޮންނަ މީހެއް ކަމަށް އެސްކޯބާގެ މަރުގެ ތަހުގީގު ޓީމުން ބުނެފައިވެއެވެ.
އެސްކޯބާ ގަޔަށް ބަޑިޖެޖި މީހުން މިހާރު ކޮބާ؟
ހަމްބާޓޯ ކާސްޓްރޯ މިނޯޒް ހައްޔަރުކުރީ އެސްކޯބާ މަރުވި ދުވަހު ނޫން ޖެހިގެން އައި ދުވަހުގެ ހެނދުނުގައެވެ. އަދި އޭނާ ވަނީ އެސްކޯބާ ގަޔަށް ބަޑިޖެހިކަމަށް ހަތުގީގުގައި އެއްބަސްވެސް ވެފައެވެ. އަދި ތަހުގގައްފަހު އެސްކޯބާ ގަޔަށް ބަޑިޖާ މަރާލި ހަމްބާޓޯ ކާސްޓްރޯ މުނޯޒް 45 އަހަރަށް ޖަލައްލުމަށް ހުކުމްކުރިއެވެ. ނަމަވެސް ޖަލުގައި އޭނާ ހޭދަކުރަން ޖެހުނީ 11 އަހަރު ދުވަހުއެވެ. ކާސްޓްރޯ މުނޯޒް މިނިވަން ވީ 2005 ވަނަ އަހަރުގައެވެ. ބުނެވޭ ގޮތުގައި ގެލޮން ބްރަދާސް އަކީ ކޮލަމްބިއާގެ ސިޔާސީ ނުފޫޒް ވަރަށް ވަރުގަދައަށް އޮންނަ ބައެކެވެ. ކާސްޓްރޯ މުނޯޒް މިނިވަން ވީ ވެސް ގެލޮން ބްރަދާސްގެ ސިޔާސީ ނުފޫޒުގެ ބާރު ބޭނުންކޮށްގެން ކަމަށް ބުނެވެއެވެ.
އެސްކޯބާ މަރާލުން ވެގެން ދިޔައީ ކޮލަމްބިއާ ފުޓްބޯޅައަށް ލިބުނު ބޮޑު ހިތާމައަކަށެވެ. މިކަމުގައި ކޮލަމްބިއާގެ ގިނަ ބަޔަކު ހިތާމަފާޅު ކުރިރު،94 ގެ ވޯލްޑް ކަޕުގައި ބައިވެރިވި ހުރިހާ ގައުމަކުންވެސް މި ހިތާމައިގައި ބައިވެފައިވެއެވެ. އެސްކޯބާގެ ޖަނާޒާގައި 43 މިލިއަނަށް ވުރެ ގިނަ މީހުން ބައިވެރިވެފައިވެއެވެ. މިއީ ކޮލަމްބިއާގެ ފުޓްބޯޅަ ތާރީޚުގައި ހިނގި އެންމެ ހިތާމަވެރި އަދި އެންމެ ބޮޑު ހާދިސާއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް