މިޔަންމާގައި މަސައްކަތް ކުރާ އެމެރިކާގެ ނޫސްވެރިޔަކާ ދެކޮޅަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
އުމުރުން 37 އަހަރުގެ ޑެނީ ފެންސްޓާއަކީ މިޔަންމާގެ ޔަންގޮން ސިޓީގަ އިނގިރޭސި ބަހުން ނެރޭ މެގަޒިންއެއް ކަމަށްވާ ފްރޮންޓީގެ މެނޭޖިން އެޑިޓަރެވެ. އޭނާ ހައްޔަރު ކުރީ މިދިޔަ މެއި މަހު ޔަންގޮން އިންޓަނޭޝަނަލް އެއާޕޯޓުގައި އެމެރިކާއަށް ދާން ފުރަން ގޮސް ހުއްޓަ އެވެ.
މިހާތަނާއި ޖެހެންދެން އޭނާ ހައްޔަރުކޮށް ޖަލުގައި ބަހައްޓާފައި ހުރި އިރު މިޔަންމާގެ ގިނަ އަދަދެއްގެ ނޫސްވެރިންވެސް ހައްޔަރުކޮށްފައި އެބަތިއްބެވެ. މިޔަންމާގެ ޖަލުތަކުގައި 1،000 އަށްވުރެ ގިނަ އެ ގައުމުގައި މަސައްކަތް ކުރާ ނޫސްވެރިން ހައްޔަރު ކޮށްފައި އެބަތިއްބެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު ފެންސްޓާގެ ޝަރީއަތް ފެށުމަށް ހަމަޖެހިފައިވެ އެވެ.
މިދައުވާ އޭނާއާ ދެކޮޅަށް އުފުލަން ޖެހުނު ސީދާ ސަބަބު މިޔަންމާގެ އަސްކަރީ ސަރުކާރުން ސާފުކޮށްދީފައެއް ނުވެ އެވެ. ޓެރަރިޒަމްގެ ދައުވާ ސާބިތުވެއްޖެ ނަމަ ފެންސްޓާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.
ފެންސްޓާ އިސްވެ ހުރެ ހިންގި ފްރޮންޓީ މެގަޒިންއިން ވަނީ މިދިޔަ ފެބްރުއަރީ މަހު އެ ގައުމުގެ ޑިމޮކްރެޓިކް ވެރިކަން ވައްޓާލުމަށް ފަހު އަސްކަރިއްޔާއިން ގެނައި ބަޣާވާތާއި ދެކޮޅަށް އެތައް ހަބަރެއް ޖަހާފަ އެވެ. ގަބޫލު ކުރާގޮތުގައި ގައުމުން ދިޔުން ހުއްޓުވައި ހައްޔަރު ކުރީ އެ ސަބަބާއި ގުޅިގެންނެވެ.
މިދިޔަ މަހު މިޔަންމާގައި ފާހަގަ ކުރި އީދަކާއި ދިމާކޮށް ގިނަ އަދަދެއްގެ ސިޔާސީ ކުށްވެރިން މިނިވަން ކުރި ނަމަވެސް އޭގެ ތެރޭގައި ފެންސްޓާ ނުހިމެނެ އެވެ.
އެމެރިކާ ސަރުކާރުން ވަނީ ފެންސްޓާ މިނިވަން ކުރުމަށް މިޔަންމާ ސަރުކާރަށް އެތައް ފަހަރަކު ގޮވާލާފަ އެވެ. އަދި ބުނީ ނޫސްވެރިކަން ކުރުމަކީ ކުށެއް ނޫންކަން މިޔަންމާ އަސްކަރިއްޔާއިން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
އޭނާ ހައްޔަރު ކޮށްފައިހުންނާތީ އެމެރިކާގައި ތިބި އާއިލާއިންވެސް ދަނީ ކަންބޮޑުވުން ފާލު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް