އިންޑިއާގެ ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީއާ ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާގެ ދަރިފުޅު ރޭޕް ކުރާނެ ކަމަށް ބުނެ އިންޒާރުދިން މީހާ ހައްޔަރު ކޮށްފި އެވެ.
އެ ދެމަފިރިންގެ ދަރިފުޅު ވަމިކާ ޝަރުމާ ކޮއްލީއަށް އަދި އެންމެ 10 މަހެވެ. އެމީހާ ކުއްޖާ ރޭޕް ކުރާނެ ކަމުގެ އިންޒާރު ދިނީ ޓީ 20 ވޯލްޑްކަޕް ކްރިކެޓް މުބާރާތުގެ ފައިނަލް މެޗުން ޕާކިސްތާނު އަތުން އިންޑިއާ ބަލިވުމުގެ ޒިންމާ އަޅުވަމުންދާ ޓީމުގައި ހިމެނޭ ހަމައެކަނި މުސްލިމް ކުޅުންތެރިޔާ މުހައްމަދު ޝާމީ އާއި އެއްކޮޅަށް ވިރާޓް ވާހަކަ ދެއްކުމުންނެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދެމަފިރިންގެ ދަރިފުޅަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އިންޒާރު ދިން މައްސަލައިގަ އެމީހާ ހައްޔަރު ކުރީ ޓެލަންގާނާ ސްޓޭޓްގެ ވެރިރަށް ހައިދަރްއާބާދުންނެވެ. ހައިދަރްއާބާދު ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ މުމްބާއީ ފުލުހުންނަށް ހުށަހަޅާފައިވާ އެ މައްސަލައިގަ ބަލަމުންދާ ޓުވިޓުތަކެއްގެ ތެރެއިން ފާހަގަ ކުރެވިގެން ކަމަށެވެ.
ވަމިކާއަށް ރޭޕްގެ އިންޒާރު ދިން މައްސަލަ ވިރާޓްގެ ފަރާތުން ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި ދިއްލީ ކޮމިޝަން އޮފް ވުމެންސްއިން ވަނީ ކުޑަކުއްޖަކަށް އެފަދަ އިންޒާރެއް ދިނުމުން އެ މައްސަލަ ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފަ އެވެ.
މި މައްސަލައިގަ ހައްޔަރު ކުރި މީހާވަނީ ވަމިކާ ރޭޕް ކުރާނެ ކަމަށް ބުނެ އޭނާ ދިން އިންޒާރުގެ ސްކްރީންޝޮޓްތައް ދައުރުވާން ފެށުމުން ޓުވިޓާ އެކައުންޓުގެެ ނަން ބަދަލުކޮށްފަ އެވެ. އަދި އޭނާ ނިސްބަތްވާ ގައުމުވެސް ޕާކިސްތާނަށް ބަދަލު ކުރި އެވެ.
ރޭޕްގެ އިންޒާރާއި ހަމައަށް ދިޔައީ ފައިނަލް މެޗުން ޕާކިސްތާނު މޮޅުވީ ޝާމީ ގަސްދުގައި އެމީހުންނަށް މެޗު ދިނުމުން ކަމަށާއި 10 ވިކެޓުން އިންޑިއާ ބަލިވުމުގެ ފުރިހަމަ ޒިންމާ ޝާމީ ނަގަން ޖެހޭ ނެ ކަމަށް ބުނެ އޭނާއަށް ސޯޝަލް މީޑިއާގައި ޝާމީއަށް މަރުގެ އިންޒާރުދީ ފުރައްސާރަ ކުރަން ފެށި ހިސާބުންނެވެ.
އެ ފުރައްސާރަތަކަށް ކެތްނުކުރެވިގެން ވިރާޓް ސޯޝަލް މީޑިއާގައި ބުނީ ޓީމު މަސައްކަތް ކުރީ އެއްކޮށް ކަމަށެވެ. ބަލިވުމުގެ ޒިންމާވެސް އެއްކޮށްނަގާ ކަމަށާއި ޝާމީގެ ބޮލުގައި އެކަނި އެކަން އަޅުވައިގެން ނުވާނެ ކަމަށެވެ.
އަދި ދަނޑަށް އަރާތިބެ ޓީމު ގުޅިގެން މޮޅުވާން ކުރާ މަސައްކަތް ބަލަން ތިބޭ މީހުންނަށް އިހުސާސްވެސް ނުކުރެވޭނެ ކަމަށް ބުނެ ވިރާޓް ވަނީ ޝާމީ ބާކީ ނުވާނެ ގޮތަށް ވާހަކަ ދައްކާފަ އެވެ.
ވިރާޓްގެ ވާހަކަތަކާއި ގުޅިގެން ފާޑުކީ މީހުން އޭގެ ތެރެއަށް ދަރިފުޅު ވަމިކާ އާއި އަންހެނުން އަދި ބޮލީވުޑްގެ ބަތަލާ އަނުޝްކާ ޝަރުމާވެސް ވަނީ ވައްދާފަ އެވެ. މީގެ ކުރީގެ ކްރިކެޓް މެޗުތަކުގައިވެސް އިންޑިއާ ބަލިވެއްޖެ ނަމަ އެކަމުގެ ޒިންމާ އަނުޝްކާ މެޗު ބަލަން ގޮސް އިނުމާއި ގުޅުވުމަކީ އާންމު ކަމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް