ލަންކާގެ ޔޫތު މިނިސްޓަރ ނަމަލް ރާޖަޕަކްސާ އާއި މިނިސްޓަރ އަހްމަދު މަހްލޫފް ބައްދަލުކުރައްވައިފި އެވެ.
މިނިސްޓަރ މަހްލޫފް އާއި ނަމާލް އަކީ ގާތް ދެ އެކުވެރިން ކަމަށްވާއިރު، މިއީ ރަސްމީ ހައިސިއްޔަތުން މި ދެ ބޭފުޅުން ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ، މިހާރު ދެގައުމުގެ މެދުގައި ސޮއި ކުރެވިފައިވާ ޔޫތު އެމްއޯޔޫ ގެ އިތުރުން ކުޅިވަރުގެ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެމްއޯޔޫ އެއްގައި ސޮއިކުރުމަށް އެއްބަސްވެފަ އެވެ.
މީގެ އިތުރުން މިހާރުން މިހާރަށް ވެސް ބައެއްކަންކަން ކުރުމަށް ވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
އެގޮތުން ލަންކާ ޤައުމީ ވޮލީ ޓީމު ރާއްޖެއަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅެން ޑިސެންބަރު މަހު ދަތުރު ކުރުމާއި ރާއްޖޭގެ ސަރފަރުންނާ ލަންކާ ސަރފަރުންނާއެކު ލަންކާކައި ފެސްޓިވަލެއް ބޭއްވުން ހިމެނެ އެވެ. އަދި ދެޤައުމުގެ ޖުނިއަރ ޓީޓީ މުބާރާތެއް ޖެނުއަރީ މަހު ބޭއްވުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ޔޫތު އެކްސްޗޭންޖް ޕްރޮގްރާމެއްގައި ދިވެހި ޒުވާނުން ލަންކާއަށް ދަތުރެއް ކުރުމާއި ލަންކާ ބީޗް ވޮލީ ޓީމް ރާއްޖެއަށް ދަތުރު ކުރުމާއި ކެންޔާ އަށް ލޯންގް ޑިސްޓެންސް 2 އެތުލީޓުން ފޮނުވައިދިނުމަށް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް