9 ބޯލް ޗެމްޕިއަންޝިޕް ނިމިއްޖެ - ޗެމްޕިއަންކަން ދީނާ އާއި ފަޔާޒަށް

މޯލްޑިވްސް ޕޫލް ބިލިއާރޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 9 ބޯލް ޗެމްޕިއަންޝިޕް ނިމިއްޖެ އެވެ. ނެޝަނަލް ބިލިއަރޑު ސެންޓަރ ގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހ...

11 Nov 2021 | 09:56

މޯލްޑިވްސް ޕޫލް ބިލިއާރޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 9 ބޯލް ޗެމްޕިއަންޝިޕް ނިމިއްޖެ އެވެ.

ނެޝަނަލް ބިލިއަރޑު ސެންޓަރ ގައި ކުރިއަށްދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ހުސައިން ފަޔާޒާއި ދީނާ އަހުމަދު އެވެ.

މި މުބާރާތުގެ ފިރިހެން ޗެމްޕިއަންކަން ފަޔާޒު ހޯދީ އެމްޕީބީއޭ ރޭންކިންގ ގެ 4 ވަނައިގާ އޮތް މުހައްމަދު ޝަރީފުގެ މައްޗަށް 9-2 ފްރޭމުން ކާމިޔާބުކޮށްގެން ނެވެ.

އަންހެން ޑިވިޝަންގެ ފައިނަލުގައި ވާދަކުރީ އެ ޑިވިޝަންގެ އެންމެ މޮޅު ކުޅުންތެރިޔާ އާމިނަތު ފާތީ އާއި ދީނާ އަހްމަދު އެވެ.

މި މެޗަށް މި ދެކުޅުންތެރިން ނުކުތް އިރު، ގިނަ ބަޔަކު ހީކޮށްގެން ތިބީ ފާތީ މޮޅުވާނެ ކަަމށެވެ. ނަމަވެސް އެ ހީކުރުންތަކާ ޚިލާފަށް ދީނާ ވަނީ މޮޅު ކުޅުމެއްދައްކާ ޗެމްޕިއަންކަން ހޯދާފަ އެވެ.

ދެ ޑިވިޝަންގެ ޗެމްޕިއަނާއި ރަނަރަޕް އަދި މުބާރާތުގެ ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 8 ކުޅުންތެރިންނާއި އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށާއި ވަނަވަނައަށް ހޮވުނު ކުޅުންތެރިންނަށް އިނާމުތައް ހަވާލުކޮށްދެއްވީ އެމްޕީބީއޭގެ މުއައްސިސް މުހައިމިން ހުސައިނެވެ.

ފިރިހެން ޑިވިޝަންގެ އެންމެ މޮޅު 8 ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ފަޔާޒާއި ރަނަރަޕް ޝަރީފާއި ހަސަން ޝާޒް މުހައްމަދާއި އިސްމާއިލް ޖީހާނާއި މުހައްމަދު ސާހިލް ހަމީދާއި އަހުސަން ހާޝިމާއި އަހުމަދު ޒިޔާން އަދި އަލީ ފަޔާޒެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަށް ހޮވުނީ ޗެމްޕިއަން ދީނާ އާއި ރަނަރަޕް ފާތީ އާއި އާމިނަތު ހަލީމު އަދި އާއިޝަތު އަލީ އެވެ.

މީގެ އިތުރުން އެންމެ ގިނަ ބްރޭކްއައުޓް އަދި ރަންއައުޓް ޖެހި ކުޅުންތެރިޔަކަށް ހޮވުނީ މުބާރާތުގެ ޗެމްޕިއަންކަން ވެސް ހޯދި ފަޔާޒެވެ.

މި މުބާރާތުގައި ފިރިހެން ޑިވިޝަންގައި 64 ކުޅުންތެރިން އަދި އަންހެން ޑިވިޝަންގައި 10 ކުޅުންތެރިން ވަނީ ވާދަ ކޮށްފަ އެވެ.

އެމްޕީބީއޭ އިން ބުނީ މިއަހަރު ދެން ކުރިއަށް އޮންނާނީ ގައުމީ ބިލިއާޑް މުބާރާތް ކަމަށެވެ. އަދި އެއީ މިއަހަރުގެ ފަހު މުބާރާތް ކަމަށެވެ.

އެ މުބާރާތް އަންނަ ޑިސެމްބަރ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހަށްބޭއްވުމަށް ނިންމާފައިވާ ކަަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް