ވާހަކަ: އެދެވޭތީ އަދު ބުނަމޭ – ނުވަވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... " ރޫބީ ދާންވީނު ފްރެޝްވެލަން.. އިރުކޮޅަކުން މަންމަމެން އައިމަ އެންމެން އެއްކޮށް ސައިބޯނީ.." މިހެން ބުނުމަށްފަހު އަމްރާ ކޮޓަރިން ނިކުތެވެ. އަމްރާ ނިކުތުމުން ރޫބީ ފުންނޭވައެއް ދޫ...

11 Nov 2021 | 08:08

ކުރީގެ އަދަދާއި ގުޅޭ...

" ރޫބީ ދާންވީނު ފްރެޝްވެލަން.. އިރުކޮޅަކުން މަންމަމެން އައިމަ އެންމެން އެއްކޮށް ސައިބޯނީ.." މިހެން ބުނުމަށްފަހު އަމްރާ ކޮޓަރިން ނިކުތެވެ. އަމްރާ ނިކުތުމުން ރޫބީ ފުންނޭވައެއް ދޫކޮށްލިއެވެ. އެހެން އެއްވެސް ކަމަކަށްވުރެ ބޮޑަށް މިވަގުތު ރޫބީ ބޭނުންވަނި ނިދާލާށެވެ. ނަމަވެސް އާކިންއާ އެއް އެނދެއްގައި އޮންނާކަށް އޭނާއަކަށް ހިލާ ނުކުރެނޭއެވެ. އެވަގުތު ރޫބީގެ ލޮލުގައި އަޅައިގަތީ އެނދުގެ އަނެއްފަރާތުގައި ހުރި ސޯފާއެވެ. ޖެހިލުންވެފައި ހުރެ އޭނާ ގޮސް ސޯފާއަށް އަރައި އޮށޯތެވެ. މާގިނައިރުތަކެއް ނުވެ ނިދީގެ ފުންކަނޑަށް އޭނާ ޣަރަޤުވެގެން ދިޔައެވެ.

*************

ރޫބީއަށް ހޭލެވުނީ މާބޮޑަށް ފިނިވެގެންނެވެ. އޮތްތަނުން ތެދުވަމުން އެންމެ ފުރަތަމަވެސް ރޫބީ ބަލައިލީ އެނދަށެވެ.  އާކިން އެނދުގައި ނެތްކަން އެނގުނު ހިނދު ރޫބީގެ ހިތަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. އާކިން އާ ކުރިމަތިލާނެ ހިތްވަރެއް އަދި އޭނާގެ ކިބައިގައި ނެތީމައެވެ. އެހެނަސް ކޮންމެވެސް އިރަކުން އާކިންއާ ކުރިމަތިލާންޖެހޭނެކަން ހިތަށް އަރާ ކޮންމެ ފަހަރަކު އެހިތަށް ވެރިވަނީ އާދަޔާހިލާފު ބިރެކެވެ. ކައިވެނީގެ ވާހަކަ ދެކެވުނީއްސުރެން އޭނާއާއި އާކިން އެއްވެސް ވަރަކަށް ވާހަކަ ދައްކާފައެއް ނުވެއެވެ. ރެއިން ފެށިގެން އާކިން ފެންނަ ކޮންމެ ފަހަރަކު އޭނާއަށް އިޙުސާސްވަނީ އާކިން އޭނާދެކެ ރުޅިއައިސްފައި ހުންނަ ކަމެވެ. އެހެންނުވާންވީ ސަބަބެއްވެސް ނެތެވެ. ނަޖުވާ އާކިން ކައިރީގައި އޭނާ ދެއްކި ވާހަކަތައް ދައްކާނެކަން މާކުރިންވެސް އޭނައަށް އެނގެއެވެ. މިއަދު ހެނދުނު އެއަރޕޯޓުން ފެނުނީއްސުރެންވެސް ރޫބީ މަސައްކަތް ކުރަމުން ދިޔައީ އާކިން އާ ވާހަކަ ދެއްކުމަށެވެ. ރޫބީ ބޭނުންވީ އާކިން ކައިރީގައި ވެދިޔަ ކަންތަކަށް މައާފަށް އެދުމަށެވެ. މައާފު ލިބޭނެކަމުގެ އެއްވެސް ޔަގީންކަމެއް ނެތްކަމުގައި ވިޔަސްމެއެވެ.

ފިނިވެފައި އިން ނަމަވެސް ރޫބީ ބޭނުންވީ ފެންވަރާ ތާޒާ ވެލުމަށެވެ. އިންތަނުން ތެދުވެ ރޫބީ އޭނާގެ ފޮށި ހޯދައިލިއެވެ. އެއްވެސް ދިމާލަކުން ފޮށި ނުފެނުމުން ރޫބީ ކަންބޮޑުވިއެވެ. ފޮށި ކޮބައިތޯ އެއްވެސް މީހެއް ކައިރީ ރޫބީއަށް އަހައިލާކަށްވެސް ނުކުރޭނެއެވެ. އަމްރާ އާއި ޒޫނީ އައިސް އެކޮޓަރިއަށް ވަންއިރު ރޫބީއަށް ހުރެވުނީ ކޮޓަރީގެ މެދެއްހާ ހިސާބުގައެވެ.

" ރޫބީ.. ކިހިނެއްވެފަ ތިހުންނަނީ؟" ކުރިއަށް އަންނަމުން އަމްރާ އަހައިލިއެވެ.

" މި.. އަހަރެންގެ ފޮށި...." ނުކެރިފައި ހުރެ ރޫބީ ބުންޏެވެ.

" އެހެންވެތަ ދެލޯ ބޮޑުވެފައި ތިހުންނަނީ...؟" ހީނަލަމުން ޒޫނީ ބުންޏެވެ.

" ޒޫން... " އަކުރުތަކަށް ދަމައިލަމުން އަމްރާ ގޮވައިލިއެވެ.

" ރޫބީ ހެދުންތައް ނާބީ ލައްވާ ހުންނާނީ ކްލޯޒެޓަށް ލާފައި.. ރޫބީއަށް ނިދިފައި އޮތީމަ ނުގޮވަންވެގެން.. " އަމްރާ ބުނެދިނެވެ. އެވަގުތު ރޫބީގެ ދެލޯ އަމާޒުވީ ފާހާނައާއި ޖެހިގެން ކުޑަ ތަންކޮޅެއް ދުރުގައި ފާރުތެރެއިން ހުރި ދޮރެކެވެ.

" ރޫބީ އެއްވެސް ކަމަކު ބޭނުންވެއްޖިއްޔާ އަހަރެންނަށް ނޫނީ ޒޫން އަށް ގުޅައިލާ... " އަމްރާ ބުންޏެވެ.

" ދެން އާދޭ އަވަހަށް ރެޑީވެގެން ކާން.. އަހަރެމެން މިތިބެނީ ރޫބީ އަންނަން ދެން ނުކައި.." ޒޫނީވެސް ބުނެލިއެވެ.  ރޫބީ ބޯޖަހައިލުމުން ހިނިތުންވެލުމަށްފަހު އަމްރާއާއި ޒޫނީ ނިކުތެވެ. ފާރުތެރެއިން ހުރި ކްލޯޒެޓްގެ ދޮރު އެއްފަރާތަށް ކަހައިލުމާއެކު ހުޅުވިގެން ދިޔައެވެ. އެތެރެ ބަލައިލުމާއެކު ރޫބީގެ އަނގަ ހުޅުވިގެން ދިޔައެވެ. އެތެރެ ހީވަނީ ކުޑަވަރެއްގެ ފިހާރައެއް ހެންނެވެ. އެއްފަރާތުގައި އާކިންގެ ހެދުންތައް ހުރިއިރު އަނެއްފަރާތުގައި ހުރީ އޭނާގެ ހެދުންތަކެވެ. އިތުރު ހައިރާންކަމެއް ލިބުނީ އޭނާ ގެނައި ހެދުންތަކަށްވުރެ ވެސް އިތުރަށް އެތަނުގައި ހެދުން ހުރުމުންނެވެ. އޭގެ އިތުރުން އެކިވައްތަރުގެ ކުލަކުލައިގެ އަތްދަބަސްވެސް ވަކި މޭޒެއްގެ މަތީގައި ހުއްޓެވެ. އެންމެ ބިއްދޮށު ހަރުގަނޑުގައި އޭނާ އަރާ ސައިޒުގެ އެކި ވައްތަރުގެ ރީތި ފައިވާނާއި ބޫޓު ހުއްޓެވެ. ކުރިންވެސް ރޫބީ އަށް އައްބާސްމެންނަކީ މުއްސަނދި ބައެއްކަން އެނގެއެވެ. އެހެންނަމަވެސް އޭނާ ހީކުރިވަރަށް ވުރެވެސް އެމީހުން ތަނަވަސް ކަން ހަމައެކަނި މިތަނަށް ބަލައިލާފައި އެނގެން ހުއްޓެވެ.

ކޮޓަރީގައި އެފަދަ ތަނެއް ހުރުމުން ރޫބީއަށް ހިތްހަމަޖެހުމެއް ލިބުނެވެ. އޭނާއަކީ ފެންވަރަށް ވަންނައިރު ހަމައެކަނި ތުވާލި ހިފައިގެން ވަންނަން އާދަވެފައި ހުރި ކުއްޖެކެވެ. ހެދުންލަނީ ކޮޓަރިއަށް ނިކުތުމަށްފަހުގައެވެ. އާކިން އާ އެއްކޮޓަރިއެއް ޙިއްސާ ކުރަން ޖެހުމުން އެފަދަ ހާލަތެއް އައިސްދާނެތީ އޭނާ ހުރީ އެކަމާ ކަންބޮޑުވެފައެވެ. ނަމަވެސް މިހާރު އޭނާ ހުރީ ހިތްހަމަޖެހިފައެވެ. ފާހަނައަށް ވަދެ ފެންވަރައިގެން ބާތްރޯބް ލައިގެން ރޫބީ ގޮސް ކްލޯޒެޓަށް ވަނެވެ. ނޫކުލައިގެ ލެގިންގްސް އަކާ އެކު ހުދުކުލައިގެ ކަކުލާ ހަމައަށް އަންނަ އަތްދިގު ހެދުމެއް ލުމަށްފަހު ރޫބީ އެތަނުން ނިކުތެވެ. ބޮލުގައި ހުޅިއެއް ޖަހައިލުމަށްފަހު އެންމެ ފުރަތަމަ މެންދުރު ނަމާދުކޮށްލިއެވެ. އެއަށްފަހު ޑްރެސިންގް ޓޭބަލް ކައިރިއަށް ހުއްޓި އިސްތަށީގަނޑު އޮމާން ކޮށްލުމަށްފަހު ފަހަތަށް އައްސައިލިއެވެ.

ތައްޔާރުވެގެން ތިރިއަށް ފޭބިއިރު ކާމޭޒު ކައިރީގައި ހުރާޝާ އާއި އަމްރާގް އިތުރުން ޒޫނީ އިނެވެ. ހުރާޝާ އިނީ ކޮންމެވެސް މީހަކާ ފޯނުން ވާހަކަ ދައްކާށެވެ. ހުރާޝާ ފެނުމުން މިފަހަރުވެސް ރޫބީއަށް ލިބުނީ ފޫހިކަމެކެވެ. ކިތަންމެ ފޫހިވި ނަމަވެސް މިއަދު ހުރާޝާ އަކީ އޭނާގެ ފިރިމީހާގެ މަންމައެވެ. އޭނާގެ މައިދައިތައެވެ. ފިރިމީހާއަށް ކުރާ ޤަދަރު އޭނާގެ މަންމައަށްވެސް ކުރަންވާނޭކަން އޭނާ ޤަބޫލުކުރެއެވެ.

" މިއޮއް އައީ.. މަޑުކުރައްޗެ.." ހުރާޝާ ފޯނުގައި އިނދެގެން ބުނިއަޑުއިވުނެވެ. އެއަށްފަހު ރޫބީއާ ދިމާލަށް ފޯނު ދިއްކޮށްލުމުން އޭނާ ހައިރާންވެފައި ހުރާޝާއަށް ބަލައިލިއެވެ.

" ރީނާ.. ރޫބީ ފޯނަށް ނުގުޅޭތީއޯ.." ހުރާޝާ ބުންޏެވެ. އެއާއެކު އަވަހަށް ރޫބީ ހުރާޝާ އަތުން ފޯނު އަތުލުމަށްފަހު ކަންފަތުގައި ޖަހައިލިއެވެ.

" ހެލޯ.. މަންމާ..." ރޫބީ ގޮވައިލިއެވެ.

" ދަރިފުޅު ފޯނަކަށް ނުއެއް ގުޅޭ..." އެކޮޅު ރީނާ ބުނި އަޑުއިވުނެވެ.

" ފޯނު..... ގެއްލުނީ..." ރޫބީ ދޮގެއް ހަދައިލިއެވެ.

" ދަރިފުޅު ރަނގަޅުތަ... އަދި ސައުވީސް ގަޑިއިރުވެސް ހަމަނުވޭ.. މިހާރުއްސުރެން ފެށިގެން މަންމަ ދަރިފުޅުމަތިން ހަނދާންވާން ފަށައިފި.. " ރީނާ ބުންޏެވެ.

" ބައްޕަ ރަނގަޅުތަ މަންމާ.. ނަޖޫގެ ޙަބަރެއްވިތަ؟" ރީނާ ދެއްކިވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ރޫބީ އަހައިލިއެވެ.

" ބައްޕަވެސް ވަރަށް ކަންބޮޑުވެފައި ހުރީ ދަރިފުޅަށް ނުގުޅޭތީ.. މިހާރު ކޮންމެވެސް ތަނަކަށް ގޮއްސަވީ.. ކޮބާ އާކިން.. މަންމަގެ ސަލާމް ބުނައްޗޭ..." ނަޖުވާގެ ވާހަކަ ނުދައްކާވޭތޯ މަސައްކަތްކުރަމުން ރީނާ ބުންޏެވެ. ރޫބީ ރީނާއާ ވާހަކަދައްކައި ނިންމައިލުމަށްފަހު ފޯނު ހުރާޝާ އަތަށް ދިއްކޮށްލިއެވެ.

" ރޫބީ އަވަހަށް އިށީނދޭ ކާން.. ހެނދުނު ސައިވެސް ނުބޮއެއްނު ތިހިރީ.." ހުރާޝާ ހިތްހެޔޮކަމާއެކު ބުންޏެވެ.

" އާނ އަވަހަށް ކާން ހިނގާ އަހަރެންވެސް ވަރަށް ބަނޑުހައިވެއްޖެ.." ޒޫނީ އޭނާގެ ކުރިމަތީގައި ހުރި ތައްޓަށް ބަތް އަޅަމުން ވާހަކަ ދެއްކިއެވެ. ރޫބީވެސް އިށީނދެ ތައްޓަށް ބަތްއަޅަން ފެށިއެވެ.

" ކޮބާ އެހެންމީހުން.." ރޫބީ އަހައިލިއެވެ.

" ނުސީދާ ކޮށް ތިބުނީ އާކިން ކޮބައިހެއްޔޭތަ؟' ރޫބީއާ ދިމާކުރާ ފާޑަކަށް ޒޫނީ ބުންޏެވެ.

" ސާބަސް ޒޫން.. މީނައަށް ހުންނާނީ މީހަކާ ދިމާކުރާނެ ފުރުސަތެއް ނުލިބިފަ.. އެމީހުންވީ މީޓީންގްއަށް ގޮއްސަ.. " އަމްރާ ޒޫނީގެ ކޮނޑުގައި ޖަހައިލުމަށްފަހު ބުންޏެވެ.

" ރޫބީ ނުވެސް ބުނަމެއްނު ފޯނު ގެއްލުނު ވާހަކަ.. މިއަދު އާކިން އައިމަ ދެކުދިން ދާތި ފިހާރައަށް ފޯނެއް ގަންނަން..." ހުރާޝާ ބުންޏެވެ. ރޫބީ ވަކި އެއްޗެއް ނުބުނެ ބޯޖަހައިލުމަށްފަހު ކެއުމައިގެން ކުރިއަށް ދިޔައެވެ.

**************************

މީޓިންގްއަށްފަހު އާކިން ގެއަށް ފޮނުވައިލުމަށްފަހު އައްބާސްއާއި އަރީކް ތިބީ އޮފީހުގައި އެމީހުން ކެއުމަށް ޙާއްސަކޮށްފައި ހުރި ކޮޓަރީގައެވެ. އެކޮޓަރީގައި ހުރީ ހަގޮނޑީގެ ކާމޭޒެއް އެކަންޏެވެ. އަރީކަށް އައްބާސް މުއީންގެ ވާހަކައާއި އެހާ އަވަހަށް ރޫބީއާއި އާކިން ކައިވެނި ކުރި ސަބަބު ކިޔައިދިނީ އެތާ ތިބެއެވެ. އަރީކް އިނީ ކިޔާނެ ބަހެއް ނޭނގިފައެވެ. އޭނާގެ ހިތްވަނީ މުއީނަށްޓަކައި ޙަމްދަރުދީއިން ފުރިފައެވެ.

" ބައްޕަމެން ތިބީ އެއްވެސް މީހެއް ކައިރީގައި މިވާހަކަ ނުދައްކަން ވެގެން.. ރިކީ ކައިރީގައި ބައްޕަ މިވާހަކަތައް ޙިއްސާ މިކުރީ ވަރަށް ބޮޑު ސަބަބެއް އޮވެގެން.. " އައްބާސް ފެންތަށި ހުސްކޮށްލުމަށްފަހު ބުންޏެވެ. އޭރު އަރީކްވެސް ކައިނިމިގެން ޓީޝޫއަކުން އަތް ފޮހެނީއެވެ.

" ފެށޭ ޙަފްތާފައި މުއީނާއި ރީނާ ގޮވައިގެން ބައްޕައާއި މަމް މިއުޅެނީ މެލޭޝިޔާއަށް ފުރަންވެގެން.. އެކޮޅުގަ ވާނީ ކިހާ ދުވަހެއް ކަމެއް ނޭނގޭ... އެހެންވީމާ މިކޮޅުގެ ހުރިހާ ޒިންމާއެއް ނަގަން ހުންނާނީ ރިކީ... އޮފީހުގައިވެސް އަދި ގޭގެވެސް.. ވަކިން ޙާއްސަކޮށް ރޫބީއަށް ހާއްސަ ސަމާލުކަމެއް ދޭތި.. އެމަންޖެ އަދި މިތަނަށް ވަރަށް އާވާނެ.. އަލަތު ކައިވެނި ވީމަ އާކިވެސް ކަންތައްތަކަށް ނުލާހިކު އާވާނެ.. ގޯސްކޮށް ކަމެއް ކޮށްފިނަމަ އޭނާއަށް ވިސްނައިދީ ހެޔޮގޮތް ބުނެދޭތި.." އައްބާސް ބުންޏެވެ. އެހުރިހާ ވާހަކަތަކަށް އެއްބަސްވަމުން އަރީކް ބޯޖަހައިލިއެވެ.

***********************

މެންދުރު ކައިގެން ކޮޓަރިއަށް ވަންގޮތަށް ރޫބީ އިނީ ލެޕްޓޮޕް ހިފައިގެން ސޯފާގައެވެ. ހިޔާލުތަކުން ދުރުވުމަށްޓަކައި އޭނާ އިނީ އިނގެރޭސި ޑްރާމާ ސީރީސެއް ބަލާށެވެ. އާކިން އައިސް އެކޮޓަރީގެ ދޮރުހުޅުވާލާފައި އެތެރެއަށްވަނީ ރޫބީ އެކަމަށް ގެއްލިފައި އިންދައެވެ. އާކިން ފެނުމާއެކު ރޫބީ އަށް ބަލަން އިން ސީރީސް ނިއްވައިލެވުނެވެ. ރޫބީ ފެނުމުން އާކިންއަށް ލިބުނީ ބަޔާންކުރާން ދަތި ފޫހިކަމެކެވެ. ކްލޯޒެޓަށް ވަދެ ލައިގެން ހުރި އެއްޗެހި ބަދަލުކުރުމަށްފަހު އޭނާއައިސް އެނދުގެ ހެޑްބޯޑުގައި ލެގިލައިގެން ފޯނާ ކުޅެން އިނެވެ. ލެޕްޓޮޕް ބެހެއްޓުމަށްފަހު ރޫބީ އިންތަނުން ތެދުވިއެވެ. އާކިން އާ ވާހަކަ ދައްކަން ބޭނުންވިޔަސް އޭނާއަށް ގޮވައިލާކަށް ރޫބީއަކަށް ނުކެރުނެވެ. ނަމަވެސް ހިތްވަރުކޮށްލާފައި އާކިންގެ ނަމުން ގޮވައިލިއެވެ. ރޫބީ ގޮވައިލި އަޑު އިވުނުނަމަވެސް ޖަވާބުދޭކަށް އާކިން ބޭނުމެއް ނުވިއެވެ. އެހެންކަމުން ކުރިން އިންގޮތަށް ފޯނާ ކުޅެން އޭނާ އިނެވެ. ރޫބީ ހީކުރީ އާކިންއަށް އަޑު ނީވުނީ ކަމަށެވެ. އެހެންކަމުން އޭނާ އެނދު ވަށާލާފައި ގޮސް އާކިން ކައިރީގައި ހުއްޓުނެވެ.

" އާކިން އަހަރެން ވާހަކައެއް ދައްކަން ބޭނުން..." ދެއަތް  ދެއަތާ މޮޑެމުން ރޫބީ ބުނެލިއެވެ.

" ކޮންވާހަކައެއް...." އެއިންގޮތަށް އިނދެ އާކިން އަހައިލިއެވެ. އޭނާގެ އަޑުގައިވީ ރުންކުރުކަން ރޫބީއަށް ސިއްރެއް ނުވިއެވެ.

" ލުކް އާކިން.. އަހަރެންނަށް އެނގޭ ނަޖު....." ރޫބީއަށް ބުނެވުނީ އެހިސާބަށެވެ. އާކިން އިންތަނުން ތެދުވީ ކުއްލިއަކަށެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔަ އަލިފާން ކަހަލަ ރުޅީގެ ސަބަބުން ރޫބީގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

" ޙަބަރުދާރު... ތިމުޑުދާރު ދުލުން އަހަރެންގެ ނަޖްގެ ނަންވެސް ގަނެގެން ނުވާނެ.." އިންޒާރެއްދޭފަދަ ގޮތަކަށް ރޫބީއާ ދިމާލަށް އިނގިލި ދިއްކޮށްލަމުން އާކިން ބުންޏެވެ. އާކިންގެ އިނގިލި ރޫބީގެ މޫނުގައި ނުޖެހި ހުރީ ހަމަކިރިޔާއެވެ. ރޫބީއަށް ފަހަތަށް ޖެހިލެވުނީ ބޭއިޙްތިޔާރުގައެވެ. އޭރު ބިރުން ގޮސް އޭނާގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ. ދެލޮލުން ކަރުނަތައް އޮހެންފެށީ ހިނދުކޮޅެއްގެ ތެރޭގައެވެ. ނަމަވެސް އެކަމުން އާކިންގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރެއެވެ.

" ތީ ކިހާވަރެއްގެ އަންހެނެއްކަން އަހަރެންނަށް މިހާރު އެނގިއްޖެ.. ތީ އަންހެނުނަށްވެސް ހުރި ބޮޑު ހުތުރެއް.. މީގެ ފަހުން އަހަރެން ކައިރީގައި ނަޖްގެ ވާހަކަ ދެއްކުމުގެ ކުރިން ހާސް ފަހަރު ވިސްނާތި.. ތިކަހަލަ އަންހެނަކާ އަނގައިން ބުނުން އެއީ އަހަރެންނަށްވެސް ލިބޭ ހުތުރެއް... ތިއަންހެނާ ކިތަންމެ ދުވަހަކު އަހަރެންގެ އަނތްބެއްގެ މަގާމުގައި ހުއްޓަސް އަހަރެންގެ ހިތުން އެމަގާމު ލިބޭނެކަމަށް ހީނުކުރާތި.. އަހަރެންގެ މިހިތަކީ ހަމައެކަނި އަހަރެންގެ ނަޖްގެ މިލްކެއް.. " މިހެން ބުނުމަށްފަހު އާކިން ވައިސޫރިއެއްހެން އެކޮޓަރިން ނިކުމެގެން ދިޔައެވެ. އެހުރިހާއިރު ނޭވާ ހިފަހައްޓާލައިގެން ހުރި ރޫބީގެ އަނގައިން ވޭނީ އާހެއްގެ އަޑިއިވުނެވެ. އެހިނދު އޭނާގެ ދެތުންފަތް ތުރުތުރު އަޅައިގަތެވެ. އާކިންގެ ފަރާތުން އެއިވުނު ބަސްތަކުން އޭނާގެ ހަލާކުވެފައިވާ ހިތް އިތުރަށް ޒަޙަމްކޮށްލައިފިއެވެ. އާކިންގެ ހިތުން ނަޖުވާގެ މަގާމް އަތުލާކަށް ރޫބީ ބޭނުމެއް ނޫނެވެ. އާކިން އެހެންބުނެގެން ދެރައެއްވެސް ނުވެއެވެ. ދެރަވީ އޭނާއަކީ އަންހެނުންނަށް ހުރި ހުތުރެއް ކަމަށް ބުނުމުންނެވެ. ތުރުތުރު އަޅަމުން ދިޔަ ތުންފަތުގައި ރޫބީ ދަތްއަޅައިލިއެވެ. ލޮލުން އޮހެމުން ދިޔަ ހޫނު ކަރުނަ އޭނާގެ ދެކޯތާފަތް ތެންމަމުން ދިޔައެވެ. މަރުވެފައިވާ މައްޔިތެއް ފަދައިން އޭނާ އެނބުރި އައިސް ސޯފާގައި އިށީނެވެ. ހިތަށް ކެތްނުވެ ބާރަށް ރޮވެން ފެށުމާއެކު އޭނާ މޫނުމަތީގައި ދެއަތްއެޅިއެވެ.


ނުނިމޭ.. ވާހަކައިގެ އާ ބައެއް، އިންޝާﷲ 14 ނޮވެމްބަރު ވާ އާދީއްތަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް