ބީއެމްއެލް ގެ އަހަރީ "ސްޓާފް ޗެރިޓީ ރަން" ބާއްވައިފި

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ 'ސްޓާފް ޗެރިޓީ ރަން' މިއަދު ބާއްވައިފި އެވެ. ބޭންކުގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގ...

11 Nov 2021 | 07:09

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް އިން ބާއްވާ 'ސްޓާފް ޗެރިޓީ ރަން' މިއަދު ބާއްވައިފި އެވެ.

ބޭންކުގެ 39 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ބޭއްވި މި ދުވުމުގައި ބޭންކުގެ މުވައްޒަފުންނާއި ބޯޑުގެ މެންބަރުން ވަނީ ބައިވެރިވެފަ އެވެ.

މި ދުވުމުގެ ބައިވެރިން ވަނީ ޑެފް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަން ގެ ޕްރޮގްރާމްތައް ހިންގުމަށް 80،000 ރުފިޔާ ހަދިޔާކޮށްފަ އެވެ.

މި އެހީގައި ޑެފް އެސޯސިއޭޝަނުން ސައިން ލެންގުއޭޖް ކޯސްތައް ހިންގުމަށް ރާވާފައިވާއިރު ބިއުޓިފުލް އައިޒް ޑައުންސިންޑްރޯމް އެސޯސިއޭޝަނުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 30 ބިހޭވިއޮރަލް ތެރަޕިސްޓުން ތަމްރީނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ކޮންމެ އަހަރަކުވެސް ބާއްވާ "ސްޓާފް ޗެރިޓީ ރަން" އަލުން ފަށާ މި ދުވުމުގެ ސަބަބުން މުޖުތަމައަށް ފައިދާހުރި ހަރަކާތްތަކަކަށް އެހީ ފޯރުކޮށްދެވޭކަމީ ލިބޭ އުފަލެއް ކަމަށެވެ.

" މިއަދަކީ ބޭންކުގެ އަހަރީ ދުވަސްކަމުން، މި ދުވަހުގެ މުނާސަބަތުގައި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެފަރާތްތަކުގެ ވަފާތެރިކަމަށްޓަކައި ޝުކުރު ދަންނަވަން. އަދި އެހެން މުއައްސަސާތަކަށް ނަމޫނާ ދައްކަމުންދާ އަޅުގަނޑުމެންގެ މުވައްޒަފުންނަށްވެސް ޝުކުރު ދަންނަވަން." ޓިމް ސޯޔަރ ވިދާޅުވި އެވެ.

މުޖުތަމަޢުއަށް ފައިދާހުރި މަސައްކަތްތައްކުރާ ޖަމިއްޔާ ޖަމާޢަތްތަކަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުން އިސްވެ ކުރިއަށްގެންދާ "ބީއެމްއެލް ސްޓާފް ޗެރިޓީ ރަން" އަކީ 2017 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ހަރަކާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް