ކުރީގެ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީއާ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ) ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
އެ ދެ ބޭފުޅުންނާއި އިތުރު 13 ފުލުހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ހުށަހެޅީ ހިއުމަން ރައިޓްސް ކޮމިޝަން އޮފްދި މޯލްޑިވްސް (އެޗްއާރުސީއެމް) އިންނެވެ. އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންތަކަކަށް އަނިޔާކޮށް ގަވާއިދާ ހިލާފަށް އެކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މައްސަލައިގައި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝާފިއު ވިދާޅުވީ ޒެނީޝާ އާއި ބާޝީރަށް ދައުވާ ނުކުރަން ނިންމީ އެކަށީގެންވާ ހެއްކާ ގަރީނާ ލިބިފައި ނުވާތީ ކަމަށެވެ. ޕީޖީން ބެލިބެލުމުން އެ ދެ ބޭފުޅުންނަކީ ކުށުގެ ޢަމަލު ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވި މީހުން ނޫން ކަމަށް ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ މި މައްސަލައިގަ ކްރިމިނަލް ކޯޓުގައި ދައުވާ އުފުލީ 13 ފުލުހަކާއި ދެކޮޅަށް ކަމަށެވެ. އެ ފުލުހުންނާއި ދެކޮޅަށް ދައުވާ އުފުލަނީ އެންޓި ޓޯޗާ ގާނޫނުގެ 21 ވަނަ މާއްދާއާއި، 26 ވަނަ މާއްދާގެ (ހ) އާއި، 15 ވަނަ މާއްދާއާ ޙަވާލާދީ، އެ ޤާނުނުގެ 23 ވަނަ މާއްދާގެ (ކ) ގެ 1 ވަނަ ނަންބަރުގެ ދަށުން، ރަޙުމްކުޑަ ލާއިންސާނީ އިހާނެތި ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އެވެ.
އެ ކުދިންނަށް އަނިޔާ ކޮށްފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް 20-22 އަށް ކ. ތުލުސްދޫގައި ހިންގި ކޭމްޕެއްގައި އެވެ. އެ ކޭމްޕުގައި ކުދިންނަށް އެކި ކަހަލަ އަނިޔާތައްކޮށް، ޓޯޗާގެ ޢަމަލު ހިންގި އެވެ.
އެ ކޭމްޕަކީ ފުލުހުންނާއި ޖެންޑާ މިނިސްޓްރީ ގުޅިގެން ކުޑަކުދިންގެ ހިޔާގައި ބަލަހައްޓާ 12 އަހަރުން މަތީގެ މަތީގެ ކުދިންތަކަކަށް އަމާޒުކޮށްގެން ހިންގި ކޭމްޕެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް