ހަކުރުބައްޔާމެދު މީހުން ހޭލުންތެރިކުރުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ޑައެބެޓީސް ސެންޓަރ (އެންޑީސީ) އިން ފުވައްމުލައް ސިޓީއަށް ދިއުމަށް ނިންމައިފި އެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހާ ދިމާކޮށެވެ.
ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 14 ވަނަ ދުވަސް ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުންދާއިރު، މި އަހަރުގެ މި ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފަ އެވެ.
ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެ ސިޓީއަށް ދިއުމަށް ނިންމާފައިވާ ޓީމުގައި ޑޮކްޓަރުންނާ ނަރުހެއް ހިމެނެ އެވެ.
މި ދަތުރުގައި ހަކުރުބަލީގެ ދުވަސް ފާހަގަ ކުރުމަށްޓަކައި ފުވައްމުލަކު ސިޓީ ކައުންސިލާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެ ސިޓީގެ ސްކޫލުގެ އިސްވެރިންނާ ގުޅިގެން ގިނަ ކަންކަން ކުރުމަށް ރޭވިފައިވާއިރު ސްކޫލުތަކުގައި މި ބައްޔަށް ދަރިވަރުންނާ މުވައްޒަފުން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމެއް ހިންގުމަށް ވެސް ހަމަޖެހިފައި ވެއެވެ.
އެގޮތުން މި ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވަނީ ހާފިޒް އަހުމަދް ސްކޫލާއި އަތޮޅު އެޑިއުކޭޝަން ސެންޓަރާއި މުހައްމަދު ޖަމާލުއްދީން ސްކޫލް އަދި ފުވައްމުލަކު ސްކޫލުގަ އެވެ.
މީގެ އިތުރުން ޓެލެމެޑިސިން ގެ ޚިދުމަތަށް ޚާއްސަ ކްލިނިކެއް ތައާރަފުކުރުމާއި ބައްޔަށް މީހުން ހޭލުންތެރި ކުރުވުމުގެ ސެޝަނެއް އާންމުންނަށް ހިންގުމާއެކު ދުވަހާ ގުޅިގެން ޚާއްސަ ދުވުމެއް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވެއެވެ.
މި ދުވަހާ ގުޅިގެން ޚާއްސަ ޖަލްސާއެއް ވެސް ބޭއްވުމަށް ރާވާފައިވާއިރު، މޯލްޑިވްސް ސޮސައިޓީ އޮފް އިންޓަރނޭޝަނަލް މެޑިސިން އަދި އެންޑީސީ ގުޅިގެން ފުވައްމުލަކު ސިޓީގެ ޑޮކްޓަރުންނާ ނަރުހުންނަށް ޚާއްސަ ސިންޕޯޒިއަމްއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ރާއްޖޭގެ ހުރިހާ ރަށަކަށް ހަކުރުބައްޔަށް ފަރުވާ ދިނުމުގެ ޚިދުމަތް ފޯރުކޮށްދިނުމާއި، އަތޮޅުތެރޭގައި މިކަމާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި ހަކުރު ބައްޔަށް ސްކްރީން ކުރުމުގެ އިތުރުން ހަކުރުބައްޔާއި ބެހޭގޮތުން ތަމްރީނު ޕްރޮގްރާމްތައް ހިންގުމާއި ދިރާސާތައް ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެންޑީސީން މީގެ ކުރިންވެސް މިފަދަ އައުޓްރީޒް ޕްރޮގްރާމްތައް ވަނީ ހިންގާފަ އެވެ.
ހަކުރުބައްޔަށް ފަރުވާހޯދާ މީހުން އިތުރުވުމާއި މި ބަލީގެ މީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅަކަށްވާއިރު، ނެޝަނަލް ޑައެބެޓީސް ސެންޓަރަކީ ހަކުރުބަލީގެ ފަރުވާއާއި ބެހޭ ހުރިހާ އިންތިޒާމެއް ފަސޭހައިން ހަމަޖެއްސުމާއެކު މި ސެންޓަރަކީ ރައީސުލްޖުމްހޫރިއްޔާގެ އެ މެނިފެސްޓޯ ތަންފީޒު ކުރަމުންދާ ސެންޓަރެކެވެ.
މި ސެންޓަރުގެ މަގްސަދަކީ މިހާރަށްވުރެ ބޮޑަށް މީހުން ހޭލުންތެރި ކުރުވުމާއި މި ބަލީގައި ދިމާވާ ތަކުލީފުތައް ވީހާވެސް ބޮޑަށް މީހުންނަށް އިނގޭނެ ގޮތް މެދުވެރި ކޮށްދިނުމެވެ. އަދި ބަލިމީހުންނަށް ލުއިފަސޭހަކަމާއެކު ޑޮކްޓަރަށް ދެއްކުމަށް މަގުފަހިކޮށްދިނުމަކީ ވެސް މި ސެންޓަރުގެ މަގްސަދެކެވެ.
ސެންޓަރުން ދޭ ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމާއި، ހަކުރުބައްޔާއި ގުޅުންހުރި ޓެސްޓުތައް ހެދުމާއި ރިޕޯޓް ދޫކުރުން އަދި ހަކުރުބަލި ތަހައްމަލު ކުރާ ފަރާތްތަކުގެ ކެއުން ބަހައްޓާނެ ގޮތާއި މެދު ޑައިޓިޝަނުންގެ ލަފާ ދިނުން ހިމެނެ އެވެ.
މީގެ އިތުރުން މި ސެންޓަރަށް ދައްކާ ބަލިމީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ފުރަތަމަ އެޕޮއިންޓްމަންޓަށް ފަހު އެނބުރި އަންނައިރު ފޮލޯއަޕް އެޕޮއިންޓްމަންޓް ވެސް ހަމަޖެހިގެންދާނެއެވެ.
ހަކުރުބައްޔަށް ހޭލުންތެރިކުރުވުމަށް އެންޑީސީން ދަނީ ފާހަގަކޮށްލެވޭފަދަ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "އެކްސެސް ޓު ޑައެބެޓީސް ކެއަރ" އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް