ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަންޖެހިފައިވާ މަސައްކަތްތައް ގިނަ ކަމަށް އެމްއާރްއެމް އިން ބުނެފި އެވެ.
އެ ޕާޓީން މިހެން ބުނީ މިއަދު ފާހަގަކުރާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި ނެރުނު ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ މިއަދު އަޅުގަޑުމެން ފާހަގަ ކުރަމުން މިދަނީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އަށް 53 އަހަރު ފުރޭ ތާރީޚީ މުނާސަބަތު ކަމަށއި ރާއްޖޭގެ ޖުމްހޫރީ ޙަޔާތުގައި މި ވޭތުވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާންތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާއެއް ޤާއިމު ކުރަން ޖެހުނު ސަބަބުތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބުތައް ހިމެނޭ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ރިޔާސީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީއެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 13 ވަރަކަށް އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނޭ ކަމަށް އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.
"މިކަންކަމުން ހާމަ ވެގެން ދާ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަމެވެ." އެ ބަޔާނުގައި ބުނެފައި ވެއެވެ.
އެމްއާރްއެމްގެ ބަޔާނުގައި ޖުމްހޫރީ ދުވަސް މިއަހަރު އަޅުގަނޑުމެންނާ ބައްދަލު ކުރިއިރު، ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޯވިޑް-19 ވަނީ މުޅި ދުނިޔޭގައި ފެތުރި އަދި މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުގައި މިބަލި އިތުރަށްދަނީ ފެތުރެމުންކަން ވަނީ ފާހަގަކޮށްފަ އެވެ.
އެހެންކަމުން، މިބަލިން ރައްކާތެރިވެ ތިބުމަށްޓަކައި އަޅުގަނޑުމެންގެ ފަރުދީ ޒިންމާ އަދާ ކުރުމަށް މިއަދު ވެސް އަޅުގަނޑުމެން ޢަޒުމު ވަރުގަދަކުރަން ޖެހޭ ކަަމަށް ވަނީ ބުނެފަ އެވެ.
"އަދި ޖުމްހޫރީ ދުވަހުގެ މި މުނާސަބަ ދަނޑިވަޅުގައި އަޅުގަޑުމެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ޤައުމީ ޙަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިޙްތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމަޢެއް ޤާއިމު ކުރުމާއި، ޙައްޤުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނެއެވެ. އަދި ދިވެހިރާއްޖެ ތަރައްޤީ ކުރުމުގައާއި، ރައްޔިތުންނަށް ކުރިއެރުން ގެނައުމުގައި ރައްޔިތުން އިންތިޚާބުކުރާ ވެރިއަކު ހުރުމުގެ ފައިދާ ދިވެހީން ދެކިފައިވާ ކަމެވެ." އެމްއާރްއެމް ގެ ބަޔާނުގައި ވެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބާގައި، ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް އަށާއި، ލޮބުވެތި ދިވެހި ރައްޔިތުންނަށް ހިތުގެ އެންމެ އިޚްލާޞްތެރި ތަހްނިޔާ އާއި ހެޔޮ އެދުންތައް ވެސް ވަނީ އަރިސް ކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް