ސޯޝަލް ސެންޓަރުގެ އެތެރޭ ކޯޓުގައި މޮހާރު ކުރިއަށްދާ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފައިނަލަށް ކޭވައިއާރްސީ އާއި ގްރީން ސްޓްރީޓްސް ހިނގައްޖެ އެވެ.
މި ދެ ޓީމުގެ ތެރެއިން ކޭވައިއާރްސީ ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗުގައި ޝައިނިންގ ސްޓާރގެ މައްޗަށް 39 ޕޮއިންޓު 31 ޕޮއިންޓުން ކުރިހޯދައިގެން ނެވެ. ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ޝައިނިންގ ސްޓާރގެ އައިމިނަތު ފިރުޝާ އެވެ.
ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރީ ގްރީން ސްޓްރީޓްސް އާއި ޔޫތް ޔުނައިޓެޑް އެސް ސީ އެވެ. މި މެޗު 56 ޕޮއިންޓު 36 ޕޮއިންޓުން ކާމިޔާބުކޮށް ފައިނަލުގެ ޖާގަ ހޯދީ ގްރީން ސްޓްރީޓްސް އެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ގްރީން ސްޓްރީޓްސް ގެ ހަމްނާ ޢަބްދުއްރަހްމާން އެވެ.
ކޮވިޑު ބަލީގެ ސަބަބުން މެދުކެނޑުމަށް ފަހު، ބާއްވާ ނެޓްބޯޅަ ފުރަތަމަ މުބާރާތުގައި މިއަހަރު ވަނީ 10 ޓީމު ބައިވެރިވެފަ އެވެ. އެހެންކަމުން މި 10 ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުމަށް ފަހު ސެމީ ފައިނަލަށް ގޮސްފައިވަނީ އެންމެ ގިނަ ޕޮއިންޓު ހޯދި ދެޓީމެވެ.
ސެމީ ފައިނަލުގައި ބައްދަލުކުރީ ގްރޫޕް އޭގެ އެއްވަނަ ޓޯމާއި ގްރޫޕް ބީގެ ދެވަނަ ޓީމެވެ. އަދި ގްރޫޕް ބީގެ އެއްވަނަ ޓީމާއި ގްރޫޕް އޭގެ ދެވަނަ ޓީމެވެ.
މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ 11 ވަނަ ދުވަހުގެ ރެ އެވެ.
މެޗުތައް ބެލުމަށް ވަނުން ވަނީ ހިލޭ ހުޅުވާލާފައިވާ އިރު، މެޗު ބަލަން ވަދެވޭނީ ކޮވިޑް ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.
ނެޓްބޯލް އެސޯސިއޭޝަނުން ވަނީ ކޮވިޑުން ރައްކާތެރިވުމަށް އިޖުތިމާއީ ގައިދުރުކަން ބެހެއްޓުމަށާއި މާސްކު އަޅައިގެން ކުޅިބަލަން ތިބުމަށް އިލްތިމާސް ކޮށްފަ އެވެ.
ޚާއްސަކޮށް ފައިނަލު މެޗުގައި ދެ ޓީމަށް ވެސް ސަޕޯޓިކުރުމަށް ގިނަ އަދަދަކަށް މީހުން ވަންނާނެތީ ކޮވިޑުން ރައްކާތެރިވުމަށް އެޗްޕީއޭ އިން އަންގާފައިވާ ގައިޑުލައިންތަކަށް އިހްތިރާމް ކުރުމަށް ނެޓްބޯލް އެސޯސިއޭޝަނުން ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް