މިހާރަކަށް އައިސް ފާހަގަ ކުރެވެމުން ދަނީ އާއިލާގެ މެމްބަރުންގެ ދެމެދުގައި އޮންނަ ގާތްކަން ނެތިގެންދާ ކަމެވެ. ފެންނަމުންދަނީ އާއިލާގެ އެންމެން އެކަކު އަނެކަކާއި ދުރުވަމުންދާ ތަނެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް ހީނަރުވަމުންދާ ތަނެވެ. ދެބެންގެ ދެދަރި ކުދިންނަށް އެކުދިންގެ އާއިލާގެ އެހެން މީހުން ނުވެސް އިނގޭ ހިސާބަށް ކަންކަން ގޮސްފައިވާ ތަނެވެ. ކުރީ ޒަމާނު ތަކުގައިވެސް މިކަން ހިނގައިފައި ނުވާ ވާހަކައެއް ނޫނެވެ. ނުވަތަ މިއީ އަލަށް ފެށިގެން އުޅެ ކަމެއް ނޫނެވެ. ނަމަވެސް މިއީ މިހާރު ވަރަށް އާއްމުކަމަކަށް ވެއްޖެއެވެ. ސިޔާސީ ކޯޅުންތަކާހެދިއެވެ. ބޮޑެތި ކުށްތަކާއި ޖަރީމާތަކާ ހެދިއެވެ. މުދާތަކުގެ ރަޖިސްޓްރީއާއި ބިމާހެދިއެވެ. މިހެންގޮސް ނަންހުސްކޮށް ކިއިދާނެއެވެ. އެކަކު އަނެކަކަށް ނުގެއްލެނީސް މިކަން ރަނގަޅު ކުރަން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅަންވެއްޖެއެވެ.
ފުރަތަމަކަމަކަށް މާފުދިނުން ކީއްހެއްޔެވެ؟ ކޮންމެ މީހަކަށްވެސް ކުށްކުރެވޭނެއެވެ. ނަމަވެސް ބޭބެއަކު ނުވަތަ ކޮއްކޮއަކު ނުވަތަ އާއިލާގެ އެހެން މީހެއްވެސް ކުށެއް ކޮށްގެން އެކަމާ އޭނާއާއި އޭނާގެ އަނބިދަރިން ދެކެ ރުޅި އައުމުގެ ނުވަތަ އެމީހުންނާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކާ މުޅިން ގުޅުންތައް ކަނޑާލައިގެން އުޅުން އެއީ އެންމެ ރަނގަޅު ގޮތެއްނޫނެވެ. އެމީހަކު ކުރީ ޤާނޫނީ ކުށެއްކަމުގައިވިޔަސް ވެހެވެ. ލޭގެ ގުޅުމަކީ ކަ ނޑާލެވޭނެ އެއްޗެއްނޫނެވެ. އަނގައިން ބުނެލާ ބަހަކުން އެގުޅުމެއް ނުކެނޑޭނެއެވެ. އަހަރުމެންގެ މާތްވެގެންވާ އިސްލާމް ދީނުގައިވެސް ތިމާގެ އަޚާއާއި ތިންދުވަހަށް ވުރެ ގިނަދުވަހު ވާހަކަ ނުދައްކައި ނުހުރުމަށް އިރުޝާދު ދެއްވާފައިވެއެވެ. އަދަބެއްގެ ގޮތުން އެ ކުށްކުރި މީހަކާ ވާހަކަ ނުދެއްކިނަމަވެސް މުޅި އުމުރަށް އެކަން ނުކުރާށެވެ. އަދި އާއިލާ ތެރޭގައި ޖެހޭ ކުޑަ މައްސަލައަކުން އެކަކު އަނެކަކު ކުށްވެރިކޮށް ނުހަދާށެވެ. އާއްމުކޮށް މިފަދަ ކޯޅުންތަކުގެ އަސަރު ދަރިންނަށްކޮށް އެކުދިންގެ މެދުގައިވެސްވާ އާއިލީ ލޯބިނެތިދެއެވެ. ވީމާ ކުށެއްކޮއްފި މީހަކަށް މާފުދޭށެވެ. އަދި އެއީވެސް އަދި އޭނާގެ ކުޑަ އާއިލާއަކީވެސް ތިމާގެ އާއިލާގެ ގޮތުގައި ބަލައިގަންނާށެވެ.
ހީނަރުވަމުންދާ އާއިލާގެ ގުޅުން ދެމެހެއްޓުމަށް ދެން ކުރެވިދާނެ އަނެއް ކަމަކީ މަދުވެގެން އަހަރަކު އެއްފަހަރު ނަމަވެސް އާއިލާ އެންމެން އެއްތަނަކަށް ޖަމާވެ މަޖާ ކޮށްލުމެވެ. ބައްދަލު ނުވާތާ އެތައް ދުވަހެއް ވެފައިވާ ބޮޑުބޭބެ ދަރިންނާއި ބޮޑުދައިތަ ދަރިންނާއި ބައްދަލުކޮށްލުމެވެ. އެކުދިން އެއްތަނެއްގައި މަޖާކޮށްލުމަށެވެ. އެކުދިންގެ މެދުގައިވެސް އެކުވެރިކަމާއި އާއިލީ ލޯބި ދެމެހެއްޓުމަށެވެ. އާއިލާއަށް އުފަންވި އާކުދިންނަށް އާއިލާގެ އެންމެން ތަޢާރަފުކޮށްދިނުމަށެވެ. އާއިލާގެ އެންމެން އެއްތަނަކުން ފެނުމަކީ އާއިލާގެ އުމުރުން ދުވަސްވީ މެމްބަރުންގެ ހިތަށް ލިބެނޭ ފިނިކަމެކެވެ. ޒާމާނަށް އައިސްފައިވާ ބަދަލާއެކު ކިތަންމެ "ބިޒީ" ވިޔަސް އަހަރަކު އެއްފަހަރު އެންމެން ޗުއްޓީ ދުވަސްކޮޅެއް ނުވަތަ ދުވަހެއް ހޯދައި ދިމާވެލުމަކީ އުނދަގޫކަމަކަށް ވެގެން ނުވާނެއެވެ. ޤަބޫލު ކުރަމެވެ. ދިރިއުޅުމުގެ ވައްޓާފާޅި ހުންނަ ގޮތުން އެއްބަޔަކު ދިރިއުޅެނީ މާލޭގައެވެ. އަނެއްބަޔަކު ދިރިއުޅެނީ ރަށުގައެވެ. އަނެއްބަޔަކު އަތޮޅުގެ ވެރިރަށުގައެވެ. ފޯރުން ތެރިކަން ހުންނަ ވަރުން ނޫނީ އެހެން ރަށަކަށް އާއިލާގެ މީހަކާ ބައްދަލުކޮށްލަން ނުދެވެއެވެ.
އަހަރަކު އެއްފަހަރު ދިމާވެގެން އެކަން ނިންމައިލުން ރަނގަޅު ހެއްޔެވެ؟ އެނޫނަސްވެސް ޒިޔާރަތް ކުރެވެން ހުރި އާއިލާގެ ގެތަކަށް ދޭތެރެއަކުން ޒިޔާރަތް ކޮށްލަން ވާނެއެވެ. މަދުވެގެން މަހަކު އެއްފަހަރުއެވެ. އެއްރަށެއްގައި އުޅޭ އެންމެން އެއްބަޔަކު އަނެއްބަޔަކަށް މިގޮތަށް ޒިޔާރަތް ކޮށްލުމުން އާއިލާގެ މެދުގައި އޮންނަ ގުޅުން ވަރުގަދަވާނެއެވެ. އަދި ދޭތެރެއަކުން ޗުއްޓީއެއް ލިބުނީމައި ރަށުން ބޭރުގައި އުޅޭ އާއިލާގެ މެމްބަރަށްވެސް ޒިޔާރަތްކޮށްލުން ބުއްދިވެރިއެވެ. އޭރުން ޗުއްޓީ ދަތުރަކާއެއްކޮށް ބޭބެ، ދައްތަ ނުވަތަ ކޮއްކޮއާއި އޭނާގެ އާއިލާއާއި ތިމާގެ ކުޑަ އާއިލާއާއި ގުޅުން ބަދަހި ކުރެވޭނެއެވެ.
އެންމެ ފަހުކަމަކަށް އޮތީ އެކަކު އަނެކަކުގެ ގޯސްވާހަކަ ދެއްކުން ހުއްޓައިލުމެވެ. ބޭބެ ގާ ތު ދައްތަގެ ގޯސްވާހަކަ ދެއްކުމާއި ދައްތަ ގާތު ކޮއްކޮގެ ގޯސް ވާހަކައާއި ކަންތައްކުރާ ގޮތުގެ ވާހަކަ ދެއްކުން ހުއްޓައިލުމެވެ. މިއީ ދެބައޮޑުވުމެވެ. މިފަދަ ކަންކަމާއި ދުރުވުމަށް ވީހާވެސް މަސައްކަތް ކުރަންވާނެއެވެ. ތިމާއަށް ނޭންގިނަމަވެސް އާއިލާގެ އެހެން މެމްބަރަކާ މެދު އަނެކާގެ ހިތުގައި އެ އުފެއްދެނީ ނަފްރަތެވެ. މީގެ ނަތީޖާ ދެގޮތަކަށް ނިކުމެދާނެއެވެ. އެއި އެދެމީހުން އެކަކު އަނެކަކަށް ނަފްރަތުކުރުން ނުވަތަ ތިމާ ފޭހުނު އިލޮށިގަ ނޑު ތިމާގެ ލޮލަށް ހެރުމެވެ. ބުނެވިދިޔަ ގޮތަށް ބޮޑުވަމުން އަންނަ ތިމާގެ ދަރިންނާވެސް އާއިލާގެ ވަކި މީހަކު ގޯސްކޮށްފައި ވާހަކަ ނުދައްކާށެވެ. އޭރުން ބޮޑުވަމުން އަންނަ އެކުދިންގެ ހިތުގައި ސަބަބެއް ނެތި އާއިލާގެ މީހަކާ މެދު އެއުފެއްދެނީ ދުރުކަމެކެވެ. ތިމާގެ އާއިލާ ތިމާގެ ޢަމަލުތަކުން ރޫޅުނަ ނުދޭށެވެ. އާއިލާގެ ޅަދަރިންނަށް އެކަކު އަނެކަނު ނޭންގި ބޮޑުވިޔަ ނުދޭށެވެ. ހީނަރުވަމުންދާ ޢާއިލާގެ ގުޅުން ވަރުގަދަކުރަން އެއްވެސް އިރަކު މާލަހެއްނުވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް