ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް
ސޯޝަލް ހައުސިންގެ ދަށުން ދޫކޮށްފައިވާ ތަންތަން ކުއްޔަށް
ދޭނަމަ އެކަންކަން ބަލައި އެ ތަނެއް އަތުލާނެކަމުގެ އިންޒާރު މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން،
ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ދެއްވައިފިއެވެ.
ވަޒީރު މިއަދު އެ އިންޒާރު ދެއްވީ ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައިވަނީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން
ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ
އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި
ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް
އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫން
ކަމަށެވެ.
"އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ
ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ
އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް
ސަރުކާރުން ވަނީ ނިންމާފައި" ވަޒީރު ވިދާޅުވެފައިވެއެވެ.
އެގޮތުން، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ
ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް
އަވަހަކަށް ފެށުމަށް މިމިނިސްޓްރީން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ދޫކުރުމުގެ
އުސޫލުގެ ދަށުން، ޝަރުތު ހަމަވެ ފްލެޓްލިބޭ ފަރާތްތަކާއި ފަހި ދިރިއުޅުން
ކޯޕަރޭޝަންއާ ދެމެދު ވެވޭ ޔުނިޓު ކުއްޔަށް ދިނުމާއި މިލްކު ކުރުމުގެ އެއްބަސްވުމުގައި
ފްލެޓް ލިބޭ ފަރާތާއި (ކުއްޔަށްހިފާ ފަރާތް) އެފް.ޑީ.ސީއާ ދެމެދު ސޮއިކުރެވޭ
އެއްބަސްވުމުގެ ދަށުން، ކުއްޔަށް ހިފާ ފަރާތުން ތިންވަނަ ފަރާތަކަށް ކުއްޔަށް
ދިނުމަކީ މަނާކަމެއްކަން ފާހަގަކޮށްފައިވާނެކަން ވަޒީރު ހާމަކޮށްފައިވެއެވެ.
އެއްބަސްވުމުގެ 13 ވަނަ މާއްދާ (ކުއްޔަށް ހިފާ
ފަރާތުން ދޭ ޔަޤީންކަން)ގެ 13.1.4 ވަނަ ނަންބަރުގައި "ކުއްޔަށްދޭ ޔުނިޓު އެހެން
ފަރާތަކަށް ކުއްޔަށް ނުދޭނެ ކަމަށާއި ބައި-ލޯސް އާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރާނެކަމުގެ
ޔަޤީންކަން" މިފަދައިން ބަޔާންކޮށްފައިވާނޭ ކަމަށާއި އަދި އެއްބަސްވުމުގެ 14
ވަނަ މާއްދާ (ޔުނިޓު ބޭނުންކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލު) ގެ 14.8 ވަނަ ނަންބަރުގައި
"މި އެއްބަސްވުމުގެ 13.1.4 ވަނަ މާއްދާއަށް ޚިލާފަށް ކުއްޔަށްދޭ ޔުނިޓު
އެހެން ފަރާތަކަށް ކުއްޔަށް ދިންކަމށް ބުނެ ޝަކުވާއެއް ކުއްޔަށް ދޭ ފަރާތަށް
ލިބިއްޖެނަމަ، އެ ޝަކުވާ ބެލުމާއި، އެކަމަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު
ކުއްޔަށްދޭ ފަރާތަށް ލިބިގެންވާކަންވެސް ބަޔާންކޮށްފައިވާނޭ ކަމުގައިވެސް ވަޒީރު
ފާހަގަކުރައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް