ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް މުހައްމަދު އަދި ކަމަދޫއަށް ނިސްބަތްވާ އައިޝަތު ޒާރާގެ ކައިވެނީގެ ހުރިހާ ހަފްލާއަކަށް ވެސް ވަނީ ބޮޑު ސަމާލު ކަމެއް ލިބިފައެވެ.
ރޭ ޝިޔާމް އަދި ޒާރާގެ ކައިވެނީގެ ހަފްލާގެ ތެރެއިން ޒާރާ ރަން ކިޔުމުގެ ހަފްލާގައި ކިޔާފައިވާ ލަވަ އަދި ކައިވެނީގެ ތެރެއިން ބައެއް މަންޒަރުތައް ހިމަނާފައިވާ ވީޑިއޯ ވާޝަންއެއް ވަނީ ދައްކާލާފައެވެ. އެ ވީޑިއޯގައި ރަން ކިޔުމުގެ ހަފްލާގެ ބައެއް މަންޒަރުތަކާއި ކައިވެންޏަށް ތައްޔާރު ވުމުގެ މަންޒަރުތައް ހިމެނޭހެން ޝިޔާމް އަދި ޒާރާ ހުދު އަހެއް ދުއްވި މަންޒަރު ވެސް ވަނީ ހިމަނާފައެވެ.
އެ ހުދު އަހަށް ޒާރާ އަރުވައިގެން ޝިޔާމް ރާޅު ޖަހާފަށު ބީޗްގައި ހިނގާލާފައި ދާ މަންޒަރު ވެސް އެ ވީޑިއޯއިން ފެނެއެވެ.
މި ވީޑިއޯއަށް ބޮޑު ސަމާލު ކަމެއް ލިބިގެން ދިޔައީ ކަމަދޫއަށް ވެސް މި ކައިވެންޏާއި ގުޅިގެން ތިން އަސް ގެންދިޔަ ޚަބަރު ވައިގައި ހިފާލާފައި ވަނިކޮށެވެ.
އަހަކީ ޝިޔާމް ވަރަށް ލޯބި ކުރާ ޖަނަވާރެކެވެ.
އޭނާގެ ރިސޯޓުގައި މީގެ ކުރިންވެސް އަސް ގެންގުޅެއެވެ.
ޒާރާ އަދި ޝިޔާމްގެ ކައިވެނީގެ ހަފްލާ މިހާރު ނިމިފައިވާއިރު ކަމަދޫގައި ވެސް ކައިވެނީގެ އުފަލުގައި ހަފްލާއެއް ބޭއްވުމަށް ތައްޔާރުވަމުން ދާ ކަމަށް މައުލޫމާތު ލިބެއެވެ.
ރޭ ޝިޔާމް އަދި ޒާރާގެ ކައިވެނީގެ ވަލީމާ ބާއްވާފައިވަނީ ޝިޔާމްގެ ރިސޯޓެއް ކަމަށްވާ އޮޅުވެލިފުށީގައެވެ.
ރޭގެ ހަފްލާ ކުލަ ގަދަކޮށް ފާހަގަކޮށްފައިވާ އިރު ރޭ ވަނީ އޮޅުވެލި ފުށީގައި ހަވާވެސް އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް