މަލިކު ހިމެނޭ ލަކްޝަދްވީޕް ކައިރިން އަރަބި ކަނޑުގައި މިހާރު އުފެދިފައިވާ ކޮޅިގަނޑު (ލޯ ޕްރެޝަރ އޭރިއާ) އަންނަ ހަފްތާގެ ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމުގައި އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނެފިއެވެ.
އެގޮތުން ކުރިއަށް ދެ ހަފްތާއަށް ލަފާކުރެވޭ މޫސުން ގެނެސްދެމުން އިންޑިއާގެ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ވެދަރ ބްރީފިންގައި ބުނެފައިވަނީ އަރަބި ކަނޑުގައި މިހާރު ހުރި ކޮޅިގަނޑު ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ބާރުގަދަވެ "ޑިޕްރެޝަން" އަކަށް ބަދަލުވާނެކަމުގައި ބެލެވޭއިރު އެ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
އޭގެ އިތުރުން މި ފެށޭ ހަފްތާގެ ތެރޭގައި ބަންގާޅު ކަނޑުގައިވެސް ކޮޅިގަނޑެއް އުފެދޭނެކަމުގައި ބެލެވޭއިރު އެ ކޮޅިގަނޑު ތޫފާނަކަށް އަންނަ ހަފްތާގެ ތެރޭގައި ބަދަލު ނުވިނަމަވެސް ޖެހިގެން އަންނަ ހަފްތާގެ ތެރޭގައި ހަމަ އެ ސިސްޓަމް ދަތުރުކުރަމުންގޮސް އަރަބި ކަނޑުގައި ކޮޅިގަނޑަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތް ކަމަށްވެސް އިންޑިއާގެ މެޓުން ބުނެފައިވެއެވެ.
އަރަބި ކަނޑުގައި މިހާރު ހުރި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެއްޖެނަމަ ތޫފާނަށް ދޭނެ ނަމަކީ “ތޫފާން ދާނާ” އެވެ. އިނގިރޭސި ބަހުން ނަމަ ކިޔާފައިވަނީ “Cyclone Dana” އެވެ.
މި ނަމަކީ މި ސަރަހައްދުގައި އުފެދޭ ތޫފާން ތަކަށް ކިޔުމަށް އެކުލަވާލާފައިވާ ނަން ލިސްޓަށް ޤަތަރުން ދީފައިވާ ނަމެކެވެ. އަރަބި ބަހުން ނަމަ ދާނާގެ މާނައަކީ “ހިކުމަތްތެރި” މި މާނައެވެ.
އަރަބި ކަނޑާއި ބަންގާޅުކަނޑުގައި އުފެދޭ ތޫފާން ތަކުގެ ނުސީދާ އަސަރު އަބަދުވެސް ކޮންމެވެސް ވަރަކަށް ރާއްޖެއަށް ކުރަމުން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް