މިއަދު ހުކުރު ޚުޠުބާގެ މަޢުލޫ އަކީ " ޒިނޭކުރުމާއި ފާޙިޝް ޢަމަލުތަކުގެ ނުބައިކަން" މި މަޢުލޫއެވެ.
އިސްލާމްދީނަކީ ޢިއްފަތްތެރިކަމާއި ޠާހިރުކަމުގެ ދީންކަމާއި ﷲ تعالى ވަނީ މުސްލިމުންގެ މައްޗަށް ހުރިހައި ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލުތަކާއި ފާޙިޝް ޢަމަލުތައް ޙަރާމްކުރައްވައިފައިކަން ފާހަގަކޮށް ޚުޠުބާ ފަށަމުން ބުނެފައިވަނީ އެންމެ ނުރައްކާތެރި ފާޙިޝް ޢަމަލަކީ ޒިނޭ ކަމަށެވެ. ޒިނޭއަކީ އެ ކަމުގައި ހަލާކާއި ބަލިމަޑުކަން ހިމެނޭ ހަޑިމުޑުދާރު ޢަމަލެއްކަމަށެވެ. އެއް ޖިންސުން ގުޅުން ހިންގުމާއި ޒިނޭކުރުން ޢާއްމުވެއްޖެ ތަނެއް މާތް ﷲ ހަލާކުކުރައްވަވާކަމަށެވެ.
"މި ޒަމާނުގައި މި ޢަމަލުތަކަށް އަރައިގަންނަނީ އެއްވެސް ޖެހިލުމެއް ނެތި، ބައެއް މީހުން ޒިނޭއަށް އަރައިގަތުމުގެ މަޤުޞަދުގައި ދަތުރު ހަދައިގެން އެހެން ޤައުމުތަކަށް ވެސް ގޮސް އުޅެއެވެ. އޭ އިންސާނާއެވެ! ދަތުރުން އެނބުރި އާދެވޭނެކަމުގެ އެއްވެސް ޔަޤީންކަމެއް އެބަ އޮތްހެއްޔެވެ؟ ތިބާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވާށެވެ!" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވަނީ ޒިނޭގެ ސަބަބުން ނުރައްކާތެރި ބަލިތައް ފެތުރުމުގެ އިތުރަށް މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާން ހަލާކުވެދާކަމަށާއި ޢާއިލާތައް ރޫޅި، ނަސްލު އޮޅި، ރަށްމެދަށް ވިހާ ކުދިން ގިނަވާކަމަށެވެ. ހައްޔަރުން ނައްޓުވައިލައިގެން ދަރި ވައްޓައިލުން ފަދަ ދީނުގައި ޙަރާމް އެތައް ފާފަތަކަކަށް އަރައިގަންނައިރު
ޒިނޭއަކީ ޙައްދު ކަނޑައެޅިފައިވާ ކުށެއްކަމެވެ.
"ޒިނޭކުރުމަކީ ނުބައިވެގެންވާ ޢަމަލަކަށްވީ ހިނދު، އެ ކަމާ މެދު ވިސްނުމެއް ނެތި، ކައިވެނި ހެޔޮނުވާ މީހުންނާއި އަވައްޓެރީންނާއި އެކުވެރީންގެ ޢާއިލާތައް ފަސާދަކޮށް އެ މީހުންގެ އަނބިދަރީންނާ އެކު ޒިނޭކުރާ މީހުންވެސް އުޅޭ، އެ މީހުން އެ ފާހިޝު ޢަމަލުގައި ވަނިކޮށް މަރުގެންނެވުމަކީ ވެސް ހަމަ ވެދާނެކަމެއް" ޚުޠުބާގައި ބުނެފައިވެއެވެ.
ޚުޠުބާގައި ފާހަގަކޮށްފައިވަގޮތުގައި މާތް ﷲ އަނިޔާވެރިއާއަށް މުހުލަތު ދެއްވަނީ އިޞްލާޙުވުމަށެވެ. އިޞްލާޙުނުވެ، ފާފަތަކަށް އަރައިގަތުމުގައި ދެމިހުރެއްޖެ ނަމަ ގަދަފަދަ ހިއްޕެވުމަކުން ހިއްޕަވައެވެ.
ފާޙިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތައް ވަރަށް ގިނަކަމާއި އެއީ ނުރައްކާތެރި ބަލިތަކެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ .ޒިނޭއާއި ފާހިޝު ޢަމަލުތަކުގެ ސަބަބުން ފެތުރެމުންދާ ބަލިތަކުގެ ތެރޭގައި ކިހުނުބަލީގެ ތަފާތު ބާވަތްތަކާއި ހާޕިސް ބައްޔާއި އެއިޑްސް ބައްޔާއި މަކުނުވިދުރި ހިމެނޭ ކަމަށާއި ޢިލްމުވެރީން ސިފަކުރައްވާ ގޮތުގައި މިއީ ބިމުގެ އަހުލުވެރިންގެ ބަދުއަޚްލާޤީ ޢަމަލުތަކަށް ﷲ ދެއްވި ދުންޔަވީ ސަޒާއެއްކަން ހަނދުމަކޮށްދީފައިވެއެވެ.
ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ޖިންސީ ފާޙިޝު ޢަމަލުތަކުގެ ސަބަބުން ޖެހޭ ބަލިތަކުން ރައްކައުތެރިވެވޭނީ އިސްލާމީ އުޞޫލުތަކަށް ތަބަޢަވެގެންނެވެ. ކާވެނީން ބޭރުގައި ޖިންސީ ޢަމަލުތައް ހިންގުމާ މުޅީން ދުރުހެލިވެގެންނެވެ.
"ދުނިޔޭގެ އަޚްލާޤު ފާސިދުވެ ހަލާކުވެގެން ދިޔައީ ކުއްލިއަކަށް ނޫން، އެއީ ﷲ ގެ މަންހަޖާ އެކަހެރިވުމުގެ ހިތި ނަތީޖާ، އެއީ ލަދުވެތިކަމާއި އިންސާނީ ކަރާމަތު ވަޅުލުމުގެ ނަތީޖާ، އެއީ މިނިވަންކަމުގެ ދަޅައިގައި ޖެހި ތިމާގެ ލަގަން ތިމާގެ ހަވާނަފްސަށް މުޅީން ދޫކޮށްލުމުގެ މުޞީބާތް، އިސްލާމްދީން ވަނީ މި ފަދަ ވަބާތަކުން ސަލާމަތްވާނެ މަގުތައް ދައްކަވައިފައި، ﷲގެ އަމުރުފުޅުތަކަށް ތަބަޢަވެ މުންކަރާތްތަކާ ދުރުހެލިވުމުން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.
ހުކުރު ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ފާޙިޝު ޢަމަލުތަކުން މުޖުތަމަޢު ސަލާމަތްކުރެވޭނީ މައިންބަފައިންނާއި، ތަޢުލީމުދޭ މުއައްސަސާތަކުންނާއި، ޚަބަރުފަތުރާ ވަސީލަތްތަކުން އެ ފަރާތްތަކުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެން ކަމަށާއި ޒުވާނުންނާއި ދަރީން ރަނގަޅަށް ތަރުބިޔަތުކޮށްގެންނެވެ. އެ މީހުންގެ އަތުގައި ޝައިޠާނާ ހިފުން މަނާކޮށްގެން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް