މި ހަފްތާ ބަންދުގައި އެއްކޮށް އޮތީ ގަދަ ވަޔާއެކު ވިއްސާރަ

މި ފެށުނު ހަފްތާ ބަންދުގައި އެކުގައިހެން އޮތީ ގަދަވަޔާއެކު ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ ހަފްތާ ބަންދަށް ނެރެފައިވާ މޫސުމީ ބުލެ...

11 Oct 2024 | 01:15

މި ފެށުނު ހަފްތާ ބަންދުގައި އެކުގައިހެން އޮތީ ގަދަވަޔާއެކު ވިއްސާރަކަމުގައި މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ ހަފްތާ ބަންދަށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

އެގޮތުން އެ މޫސުމީ ބުލެޓިންގައި ބުނެފައިވާގޮތުގައި މި ހިނގާ ހުކުރު ދުވަހު އުތުރާއި މެދުރާއްޖެއާއި ދެކުނަށް އޮތީ ގަދަވަޔާއި ވިއްސާރައެވެ. އަދި މާދަމާ ވާ ހޮނިހިރު ދުވަހުވެސް އުތުރާއި މެދުރާއްޖެއާއި ދެކުނަށް އޮތީ ހަމަ ގަދަވަޔާއި ވިއްސާރައެވެ.

ކުރިއަށްމިދާ ހަފްތާ ބަންދުގައި އޮތީ ގަދަވަޔާއި ވިއްސާރަކަމުގައި މެޓުން ބުނެފައިވާއިރު އިއްޔެ މެޓުން ބުނެފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހޯމަ ދުވަހާ ހަމައަށް އާއްމުވައި ގަދަކޮށް ހިފަހައްޓާނެކަމަށް ލަފާކުރެވޭކަމަށެވެ. އެގޮތުން އުތުރާއި މެދުރާއްޖޭގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދު ވައިޖެހި، ބޮޑުބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވެއެވެ. އަދި ދެކުނުގެ އަތޮޅުތަކުގައި އެވްރެޖްކޮށް ގަޑިއަކު 10 މޭލާއި 20 މޭލާއިދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު، ބައެއް އަތޮޅުތަކަށް ގަދަވަޔާއެކު ވިއްސާރަކުރާނެކަމަށް ލަފާކުރެވެއެވެ.

"ވިލާގަނޑުގައި ހުރިހާ ހިސާބަކަށްވެސް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވުން އެކަށީގެންވޭ، އަދި ރާއްޖޭގެ ބޮޑު ބަޔަކަށް ގަދަވަޔާއެކު ވިއްސާރަކޮށް ގުގުރާނެކަމަށްވެސް ލަފާކުރެވޭ، އާއްމުކޮށް އުދައަރާ ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވޭ" އިއްޔެ މެޓުން ނެރުނު މޫސުމީ ޚަބަރުގައި ބުނެފައިވެއެވެ.

އިއްޔެ މެޓުން އިތުރަށް ބުނެފައިވާގޮތުގައި ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެއާ ދުރުން އުތުރާއި ދެކުނުގައ ދެ ކޮޅިގަނޑު ވަނީ އުފެދިފައެވެ.

ގަދަވަޔާއިއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވެލެއްވުމަށް މެޓުން އިލްތިމާސްކޮށްފައިވެއެވެ. އަދި ކަނޑުދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުތައް ފެއްޓެވުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯއްދެވުމަށްވެސް މެޓުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް