ޣައްޒާގައި އޮކްޓޯބަރު ހަތެއްގައި އުފަންވެ އޮކްޓޯބަރު ހަތަކަށް އެއް އަހަރު ފުރުނު ތުއްތު މުހައްމަދުގެ ވާހަކަ !

މިއީ އިސްރާއީލުން ފަލަޞްޠީނުގެ ޣައްޒާއަށް 07 އޮކްޓޯބަރު 2023 ގައި ދޭން ފެށި ހަމަލާތަކަށް އެއް އަހަރު ފުރިފައިވާއިރު އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ ވީޑިއޯ ސްޓޯރީއެކެވެ. މިއީ އުމުރުން 37 އަހަރުގެ އާމ...

10 Oct 2024 | 22:51

މިއީ އިސްރާއީލުން ފަލަޞްޠީނުގެ ޣައްޒާއަށް 07 އޮކްޓޯބަރު 2023 ގައި ދޭން ފެށި ހަމަލާތަކަށް އެއް އަހަރު ފުރިފައިވާއިރު އަލްޖަޒީރާއިން ތައްޔާރުކޮށްފައިވާ ވީޑިއޯ ސްޓޯރީއެކެވެ.

މިއީ އުމުރުން 37 އަހަރުގެ އާމާލް އަލްއަބަދްލާހާއި އޭނާގެ ތުއްތު ފިރިހެން ދަރި މުހައްމަދު އަބޫ ނަހްލާގެ ވާހަކައެވެ.

ތުއްތު މުހައްމަދަށް އެއް އަހަރު ފުރިގެން އެ ދިޔައީ މިދިޔަ ހޯމަ ދުވަހުގައެވެ. އުފަންވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތެއްގައެވެ. މުހައްމަދު އެއީ އާމާލް އަލް-އަބަދްލާހަށް ލިބުނު ދެވަނަ ދަރިފުޅެވެ. އާމާލަށް ކުރިމަތިލާންޖެހުނީވެސް ހައި-ރިސްކް ޕްރެގްނެންސީއަކާއެވެ. އަށް މަހުގައި މުހައްމަދު އުފަންވީ އިސްރާއީލުން ދެމުންދިޔަ ހަމަލާތަކުގެ އަޑުތަކުގެ ތެރޭގައެވެ.

"ހުރިހާ ދިމާއަކަށް ދިޔައީ ބޮން އަޅަމުން، އަހަރެން ހުރީ ވަރަށް ބިރުން، އަހަރެން ހުރީ ދާނޭ ދިމާލެއްވެސް ނޭނގިފައި، އަހަރެން ހުރީ ކުރިމަތިވަމުންދިޔަ ކަންކަމާ ކުރިމަތިލާން ނޭނގި ގަބުވެފައި، އަހަންނަށް ވާހަކައެއް ނުދެކެވޭ، އަހަންނަށް ރޮވުން ފިޔަވާ އިތުރު ކަމެއް ނުކުރެވޭ، އެ ހާލަތުގައި ހުއްޓާ އަހަރެން ބްލީޑް ވާން ފެށި، އަހަރެން މަރުވަނިއްޔާ އަހަރެން ހިތަށް އެރި" އުމުރުން 37 އަހަރުގެ އާމާލް ޚާން ޔޫނިސް އިން ރަހަފް ހޮސްޕިޓަލަށް ކުރަންޖެހުނު ދަތުރުގެ ވާހަކަ ކިޔާދެމުން ބުނެފައިވެއެވެ.

އާމާލް ހޮސްޕިޓަލަށް ގެންދެވުނުއިރު ހޮސްޕިޓަލު އޮތީ ޒަޚަމްވެފައިވާ މީހުންތަކުން ފުރި ބާރުވެފައެވެ. ޑަކުޓަރުން އާމާލްގެ ސާޖަރީ ކުރަން ނިންމީ ލޭ ފޭބުން އިންތިހާއަށް އިތުރުވެފައިވާކަން ފާހަގަވުމުންނެވެ.

"ޑަކުޓަރު އަހަރެންގެ އަތަށް ގަނޑެއް ދީފަ ބުނީ އެ ގަނޑުގަ ސޮއި ކުރާށޭ، އޭގައި އޮތީ ރަހިމު ނަގަން ޖެހޭ ކަމަށް، އަދި ދަރިފުޅުވެސް ސަލާމަތްވުމުގެ ފުރުސަތު ނެތްކަމަށް، އެ ކަރުދާހުގަ ސޮއި ކުރިއިރުވެސް މަންމައެއްގެ ހައިސިއްޔަތުން އުންމީދު ކަނޑައެއް ނުލަން، އެހެނަސް އެ ވަގުތު އެ ކަރުދާހުގައި ސޮއި ކުރުން ފިޔަވައި އިތުރު އިހުތިޔާރެއް އަހަންނަށް ނެތީ، ޑަކުޓަރުން ބުނަމުންދިޔައީ ވަގުތު ނެތް ކަމަށް، އަނެއްކޮޅުން ވިސްނެމުންދިޔައީ އޮޕަރޭޝަން ތިއޭޓަރު ބޭރުގައި އިން ދަރިއާއިމެދު، އަދި ހަމަ އެހެންމެ ބަނޑުގައިވާ ދަރިފުޅު އުރާލަން ލިބޭނެ ވަގުތަކާމެދު ދިޔައީ އިންތިޒާރު ކުރެވި ފުންކޮށް ވިސްނެމުން، އޭރު ކުރެވެމުންދިޔަހާވެސް ދުއާއަކީ ދަރިފުޅު ހެޔޮ ހާލުގައި ދުނިޔެއަށް އުފަންވުމަށް އެދި ކުރެވެމުންދިޔަ ދުއާ" އާމާލް ބުނެފައިވެއެވެ.

މުހައްމަދު ވިހޭއިރު އާމާލު އޮތީ އެކަންޏެވެ. މުހައްމަދުގެ ބައްޕަ އޭރު ވަޒީފާ އަދާކުރަމުންދިޔައީ އިސްރާއީލުގެ ރައްޔިތުން ވަޒަންވެރި ކުރުވަމުންދިޔަ "އޮކިއުޕައިޑް ވެސްޓްބޭންކް" ސަރަހައްދުގައި ކަމުންނާއި ހަނގުރާމަ ފެށިފައިވުމުން މުހައްމަދުގެ ބައްޕަ ޣައްޒާއަށް އެތެރެވާންވެސް މުހައްމަދުގެ ބައްޕައަށް ފުރުސަތެއް ނުލިބުނެވެ.

"މުހައްމަދުގެ ބައްޕަ ދިޔައީ ވިހަންވާއިރަށް އަހަރެންގެ ގާތަށް އައުމަށް ދަތުރު ހަދަމުން، ހަނގުރާމަ ފެށުނުތާ ދެވަނައަށްވީ ދުވަހަކީ މުހައްމަދުގެ ބައްޕަ އަންނާން އޮތް ދުވަސް" އާމާލް ބުނެފައިވެއެވެ.

ދެން ދިމާވި ގޮންޖެހުމަކީ އާމާލަށް މުހައްމަދަށް ގާތުން ނުދެވުމުގެ މައްސަލައެވެ. ހަނގުރާމަ ކުރިއަށްދާތީ ބުށްދަޅު ހޯދުންވީ އާމާލަށް ވީ އިތުރު ގޮންޖެހުމަކަށެވެ.

"އެވެސް ކެތްތެރިކަން ކޮޅުންލައި ހިތް ފަޅައިގެންދާހާ ހިތްދަތިކަން އިހުސާސް ކުރެވުނު ވަގުތުކޮޅެއް، ބުށްދަޅު ހޯދުން އެއީ އަހަރެންގެ އަތްމަތީގައި އޮތް އިހުތިޔާރެއްނޫން، އަދި އެ ފުރުސަތުވެސް އޮތީކީ ނޫން، މުހައްމަދަށް ބުށްދަޅު ގަންނަންޖެހޭ ކޮންމެ ފަހަރަކު އެއީ މުސްތަހީލު ކަމެއްކަމުގެ އިހުސާސު ކުރުވަމުންދިޔަ" އާމާލް ބުނެފައިވެއެވެ.

އެއް ފަހަރަކު ބުށްދަޅެއް ހޯދަން ނިކުމެ އުޅުމުގެ ތެރޭގައި މަރުގެ އެތިފަހަރަކުން ކިރިޔާ ސަލާމަތްވި ގޮތް އާމާލް ހިއްސާކުރިއެވެ.

"އަހަރެމެން ދުއްވަމުންދިޔަ އުޅަނދު ހުއްޓުނު، ކުރިމަތީގައި އޮތީ އިސްރާއީލުގެ ހަނގުރާމަމަތީ ޓޭންކެއް، އޭގެ ބަޑީގެ ސީދާ އަމާޒު ހުރީ އަހަރެމެން ތިބި އުޅަނދަށް، އެހެންނަމަވެސް އަރަހުށި އިލާހުގެ ކުޅަދުންވަންތަ ކަމުން އެ ހަމަލާއިން އަހަރެމެންގެ އުޅަނދު ސަލާމަތްވި، އެދުވަހު އަހަރެންނަށް ސަލާމަތް ކުރެވުނީ ފުރާނައެއް ނޫން، އެދުވަހު އަހަންނަށް ސަލާމަތް ކުރެވުނީ ބުށްދަޅެއް، އެނބުރި ރަފަހަށް ބުށް ދަޅާއެކު އާދެވުމުން ހަމްދުކުރިން" އާމާލް އަސަރާއެކު އަލްޖަޒީރާއަށް ކިޔާދީފައިވެއެވެ.

ޣައްޒާގައި ގާތްގަނޑަކަށް މާބަނޑު 50 ހާހަށްވުރެ ގިނަ އަންހެނުންނަށް ބޭސް ފަރުވާގެ އެހީ އެންމެ އެކަށީގެންވާގޮތުގައި ލިބެމުން ނުދޭއެވެ. އދ. ގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރުން ފެށިގެން ބަލާނަމަ ބައިގެންދިއުން ވަނީ ޣައްޒާގައި 300 އިންސައްތަ އިތުރުވެފައެވެ.

އާމާލަށް އޮކްޓޯބަރު ހަތަކީ ހިތްދަތި އަދި ހިތްވަރު ކުރެވުނު ހަނދާންތަކަކާ ގުޅިފައިވާ ދުވަހެކެވެ.

"އެދުވަސް އަހަންނަށް ރަމްޒުކޮށްދެނީ ވޭން، ބިރުވެރިކަން، އަދި ހަމަ އެހެންމެ އެއީ އަހަންނަށް ދެވަނަ ދަރިއަކު މިންވަރު ކުރެއްވި ދުވަސްވެސް މެ، މުހައްމަދު އުފަންވުމަކީ ހަޔާތައިގެން ކުރިއަށްދާން ލިބުނު އިތުރު ހިތްވަރެއް، އަހަރެން އަހަރެންގެ ހަޔާތުގަ އެންމެ ދަތި ދުވަސްތައް މަންމައެއްގެ ގޮތުގައި ކަޑައްތު ކޮށްފިން" އާމާލް ބުނެފައިވެއެވެ.

އެހެނަސް ހަނގުރާމަ ނުނިމޭހާ ހިނދަކު މުހައްމަދުގެ އުފަން ދުވަސް ފާހަގަކުރާން އާމާލް ބޭނުމެއް ނުވެއެވެ.

"އަހަރެންގެ މުހައްމަދު އަދި ހަޔާތުގައި ހިތްހަމަޖެހުމުގެ އެންމެ ދުވަހެއްވެސް ކަޑައްތު ނުކުރޭ، އެހެންކަމުން އަހަރެން މުހައްމަދުގެ އުފަންދުވަސްކަމުގައި ފާހަގަކުރާނީ މި ހަނގުރާމަ ނިމޭ ދުވަސް، މުހައްމަދުގެ ބައްޕައަށް މުހައްމަދު އުރާލެވޭ ދުވަސް" ނިންމާލަމުން އާމާލް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް