ސިނަމާލެ ބްރިޖްގައި ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭން ބަދަލުކުރާ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އެކަން އަންގައި މެސެޖް ފޮނުވަން ތައްޔާރުވެފައި ވާކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން ބުނީ، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ސިނަމާލެ ބްރިޖްގައި ދުއްވަން ހުއްދަ ކުރެވިފައިވާ ސްޕީޑަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކާއި ގަވާއިދާ ހިލާފަށް ލޭނު ބަދަލު ކުރާ އުޅަނދުތައް ދެނެގަނެ، އަދި އެ އުޅަނދެއް ދުއްވި ބާރުމިން އެނގޭ ގޮތަށް، އެ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތުގެ ފޯނަށް ނަސޭހަތުގެ މެސެޖެއް ފޮނުވަން ތައްޔާރު ވެފައިވާ ކަމަށެވެ.
އެހެންކަމުން، އަންނަ އާދީއްތަ ދުވަހުން ފެށިގެން މި މެސެޖް ފޮނުވަން ފަށާނެ ކަމަށް ފުލުހުން ބުންޏެވެ.
މީގެ އިތުރުން ފުލުހުން ބުނީ، އުޅަނދު ދުއްވި ބާރު މިނާއި، ލޭނު ބަދަލު ކުރިކަން ދެނެގަންނަނީ ސިނަމާލެ ބްރިޖްގައި ހަރުކޮށްފައިވާ ސްޕީޑް ބަލާ ކެމެރާތައް މެދުވެރިކޮށް ކަމަށެވެ.
އެހެންކަމުން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ގަވާއިދުތަކުގައި ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރަށް އުޅަނދު ނުދުއްވުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް