މިދިޔަ ހޮނިހިރު ދުވަހު ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ހަމަލާއާއެކު ފެށިފައިވާ ހަމާސް-އިޒްރޭލު ހަނގުރާމައިގާ ދެ ފަރާތުން މަރުވި މީހުންގެ އަދަދު ދެ ހާހުން މައްޗަށް ގޮސްފިއެވެ.
އެގޮތުން އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު ފަލަސްތީނުން 950 މީހަކު މަރުވެފައިވާއިރު އިޒްރޭލުން މަރުވި މީހުންގެ އަދަދު ވަނީ 1200 އަށް އަރާފައެވެ.
މި އަދަދުތައް، ވަކިން ހާއްސަކޮށް ފަލަސްތީނުން މަރުވާ މީހުންގެ އަދަދުތައް އަވަސް ސްޕީޑެއްގައި އިންތިހާއަށް އިތުރުވަމުން އަންނައިރު އިޒްރޭލުގެ ފައުޖުތަކުން މިހާރު އަންނަނީ ގާޒާ އަދި ހުޅަނގުބިތަށް ބިމުގެ މަގުން ވަދެގަންނަން ތައްޔާރުވަމުންނެވެ. އެގޮތުން ތިން ލައްކަ ސިފައިންގެ ފައުޖެއް ބޯޑަރު ކައިރިއަށް އެއްކުރަމުން އަންނަ ކަމަށް އިޒްރޭލުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވެއެވެ.
ފާއިތުވި ތިން ރެއާއި ތިން ދުވަހު އިޒްރޭލުން ފަލަސްތީނުގެ ގާޒާ އަދި ހުޅަނގު ބިތަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދެމުން އަންނައިރު އާންމު ގެތަކަށް، ސަރުކާރު ވުޒާރާތަކަށް ބެލުމެއްނެތި އަންނަނީ ހަމަލާތައް ދެމުންނެވެ. އެގޮތުން ރޭގައި އެކަނިވެސް 300 އަށްވުރެ ގިނަ ގޮއްވުން ގާޒާ އަދި ހުޅަނގު ބިތުގައި ގޮއްވާލާފައިވެއެވެ.
ހަމަލާތަކާއެކީގައި އިޒްރޭލުން މުޅި ގާޒާ ބަންދުކޮށްފައިވާއިރު ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ ކަނޑާލާފައެވެ. އަދި އިންސާނީ އެހީ، ކާނާއާއި ބޯފެންވެސް ގާޒާއަށް އެތެރެ ނުކުރެވޭނެހެން ވަނީ ބަންދުކޮށްފައެވެ.
މިއާއެކު އިންސާނީ ބޮޑު ކާރިސާއަކާއި ގާޒާ އަދި ހުޅަނގު ބިތުގައި ތިބި މުސްލިމުން ކުރިމަތިލާން ޖެހިފައިވާއިރު ގާޒާއަށް މިހާރު ކަރަންޓު ދެމުން އަންނަ ކުންފުނިން ވަނީ ތެޔޮ ހުސްވާތީ ދެން ކަރަންޓު ދެވޭނީ ގިނަވެގެން އެންމެ 12 ގަޑިއިރަށް ކަމުގައި ބުނެފައެވެ.
އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އދ އިން ހަރަކާތްތެރިވާ ފަރާތްތަކުންވެސް މިއަދު ބުނެފައިވަނީ ކާނާއާއި ފެންވެސް މިހާރު ހުރީ ގިނަ ވެގެން އެންމެ 12 ދުވަހަށް ވާ ވަރަށް ކަމަށެވެ.
އިޒްރޭލުން ރަސްމީކޮށް ހަމަލާ އިއުލާނުކުރުމަށްފަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފައިވަނީ އިޒްރޭލަކީ ހަނަފަސް ބިމަކަށް ހަދާލާނެ ކަމަށެވެ. ހަމާސްގެ ވަސްވެސް ފޮހެލާނެ ކަމަށެބެ. އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ބުނެފައިވަނީ ގާޒާގައި ތިބީ އިންސާނުން ނޫންކަމަށާއި އެއީ އިންސާނުގެ ސިފައިގައި ތިބި ޖަނަވާރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް