ދެމެހެއްޓެނިވި ގޮތެއްގައި ދަތުރުފަތުރުކުރުމުގެ ނިޒާމުތައް ހިފަހައްޓަން ސައޫދީއަރަބިއްޔާއިން ކުރަމުންދާ މަސައްކަތުގެ ދަށުން ހައިޑްރޮޖަން އިން ދުއްވާ ރޭލުތަކުގެ ޓެސްޓުތައް ދަނީ ހަދަމުންނެވެ.
ސައުދީ އަރަބިއްޔާގެ ރޭލްވޭސް (އެސްއޭއާރް) އިން ފްރާންސްގެ ޓްރެއިން ކުންފުންޏެއް ކަމަށްވާ އަލްސްޓޮމްއާ ގުޅިގެން ސައުދީގެ މާހައުލުގެ ތެރޭގައި ބޭނުންކުރުމަށް މި ރޭލުތައް ތައްޔާރު ކުރުމަށް އޮޕަރޭޝަނަލް ޓެސްޓުތަކާއި ދިރާސާތައް ކުރިއަށް ގެންދަން ނިންމައިފި އެވެ.
"މިއީ އެންމެ ފަހުގެ ސްމާޓް ޓެކްނޮލޮޖީތައް ގެންގުޅޭ ދެމެހެއްޓެނިވި ދަތުރުފަތުރުގެ ނިޒާމަކަށް ބަދަލުވުމުގެ ޕްލޭންގެ ތެރެއިން އެޅި ފިޔަވަޅެއް،" ސައުދީ އަރަބިއްޔާގެ ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް މިނިސްޓަރު އަދި އެސްއޭއާރް ބޯޑް އޮފް ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން އިންގް ސާލިހް އަލް ޖަސީރު ވިދާޅުވި އެވެ.
"ސަޢޫދީ ގްރީން އިނިޝިއޭޓިވް ޙާޞިލުކުރުމުގައި އެސް.އޭ.އާރ.އިން އިސްދައުރެއް އަދާކުރަމުން ގެންދަނީ ސަޢޫދީ ވިޝަން 2030 ގެ ދަށުން، ސާފު ހަކަތައަށް ސަޢޫދީން ބަރޯސާވާ މިންވަރު އިތުރުކޮށް، ކާބަން ބޭރުކުރާ މިންވަރު މަދުކޮށް، ތިމާވެށި ޙިމާޔަތްކުރުމަށް" ސާލިހުއަލް ޖަސީރު އިތުރަށް ވިދާޅުވި އެވެ.
ހައިޑްރޮޖަން، ހާއްސަކޮށް ވޯޓާ އިލެކްޓްރޯލައިސިސް މެދުވެރިކޮށް އުފައްދާ ފެހި ހައިޑްރޮޖަން އަކީ ކާބަން މަދު މުސްތަގުބަލަކަށް ވަރަށް މުހިންމު ތެލެއގެ ގޮތުގައި ބެލެވެ އެވެ.
ހައިޑްރޯޖަން ޓްރެއިން ޓެކްނޮލޮޖީގެ ސަބަބުން ދެމެހެއްޓެނިވި ކަމާއި އިގްތިސާދާއި އަންނަން އޮތް ޖީލުތަކަށް ހެޔޮ އަސަރެއް ކުރާނެ ކަމަށް ބެލެވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް