ޑެންގީގައި މިއަދުގެ ދެ ވަނަ މަރު، ނިޔާވީ ލ. އަތޮޅު ކުއްޖެއް

ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދިޔަ ކުއްޖަކު ނިޔާވެއްޖެ އެވެ. ނިޔާވީ އުމުރުން ނުވަ އަހަރުގެ ލ. ފޮނަދޫ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވީ ހާލު ސީރިއަސްވެގެން މާލެ ގެނެސް އައިޖ...

11 Oct 2022 | 15:09

ޑެންގީ ހުން ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދިޔަ ކުއްޖަކު ނިޔާވެއްޖެ އެވެ.

ނިޔާވީ އުމުރުން ނުވަ އަހަރުގެ ލ. ފޮނަދޫ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ނިޔާވީ ހާލު ސީރިއަސްވެގެން މާލެ ގެނެސް އައިޖީއެމްއެޗުގެ އައިސީޔޫގެ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު އެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒު "ދުވަސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނައީ މިދިޔަ އާދިއްތަ ދުވަހު ކަމަށެވެ. އޭގެ ކުރިން ފަރުވާ ދީފައިވަނީ ލ. ގަން ރީޖަނަލް ހޮސްޕިޓަލްގައި ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މިއީ ޑެންގީ ހުމުގެ މިއަދުގެ ދެވަނަ މަރެވެ.

މިއަދު ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ޒުވާން ފިރިހެނަކު ވަނީ ނިޔާވެފައި އެވެ. ރޭ އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އެއަތޮޅު ދުވާފަރު އުމުރުން 21 އަހަރުގެ އަތޫފް އަހުމަދު އެވެ.

މި ދެ އަތޮޅާއި މާލޭގައި ހަލުވި ކަމާއި އެކު ޑެންގޫ ފެތުރެމުންދާކަން އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރިން ވިދާޅުވެފައި އެވެ.

ޑެންގޫއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް:

1. މަދިރިން ރައްކާތެރިވުމަށް ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާނެ ގޮތަށް ފޭރާން ލުން

2. މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުން

3. މަދިރި އެންމެ ހަރަކާތްތެރިވާ ވަގުތުތަކުގައި (ފަތިސް އަދި އިރުއޮއްސޭ ގަޑި) ގޭގެ ކުޑަދޮރާއި ދޮތުރަައް ލެއްޕުން

އެޗްޕީއޭއިން ދަނީ ޑެންގީ ހުމުން ސަލާމަތް ވުމަށް މިދިޔަ ދެ މަހެއްހާ ދުވަހު އިލްތިމާސް ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް