ދިރާގާއި މަސްވެރިންގެ ޖަމްޢިއްޔާއިން ގުޅިގެން 'ޔަންގް ފިޝަރސް ކްލަބް' ތަޢާރަފްކޮށްފި

ދިރާގާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާއާއި ގުޅިގެން 'ޔަންގް ފިޝަރސް ކްލަބް' ތަޢާރަފްކޮށްފި އެވެ. މި ކްލަބްގެ ޒަރިއްޔާއިން މަސްވެރިކަމާއި، ކަނޑުގެ މާޙައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވ...

11 Oct 2022 | 11:44

ދިރާގާއި ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާއާއި ގުޅިގެން 'ޔަންގް ފިޝަރސް ކްލަބް' ތަޢާރަފްކޮށްފި އެވެ.

މި ކްލަބްގެ ޒަރިއްޔާއިން މަސްވެރިކަމާއި، ކަނޑުގެ މާޙައުލާއި، ދެމެހެއްޓެނިވި އާދަކާދަތައް ދަރިވަރުންނަށް ތަޢާރަފްކޮށް އަސާސީ މަޢުލޫމާތު ފޯރުކޮށްދީ، އެއާދަތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ދަސްކޮށްދޭނެ އެވެ.

ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގާ މި ޕައިލެޓް ޕްރޮގްރާމް އިފްތިތާހުކޮށްފައިވާނީ ހއ. އިހަވަންދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ސްކޫލްގައި މި ކްލަބް ރަސްމީކޮށް އިފްތިތާހުކޮށްފައިވަނީ ގްރޭޑް 7 އަދި 8 ގެ 52 ދަރިވަރުންނާއިއެކު އެވެ. އޭގެ ތެރޭގައި 30 އަންހެން ކުދިންނާއި 22 ފިރިހެން ކުދިން ހިމެނެ އެވެ.

މިގޮތުން މި ކްލަބްއިން ކުދިންނަށް މަސްވެރިކަމުގެ ސިނާއަތާއި ބެހޭ އެކި މަޢުލޫމާތު ދަސްކޮށްދޭނީ 1 އަހަރު ދުވަހުގަ މުއްދަތަށް ކުރިއަށް ގެންދާ ހޭންޑްސް އޮން ޕްރެކްޓިކަލް ސެޝަންތަކަކުން ނެވެ.

އެގޮތުން މި ސެޝަންތަކުގެ ޒަރިއްޔާއިން ދަރިވަރުންނަށް ރާއްޖޭގެ މަސްވެރިކަމުގެ ތާރީޚާއި، ކަނޑުގެ މާޙައުލާއި، މޫސުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ޑިޒާސްޓާރ މެނޭޖްމެންޓްއާއި ބަޔޯޑައިވަރސިޓީއާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި، ފަސްޓް އެއިޑް، މަސްވެރިކަން މެނޭޖްކުރުމާއި، ޕޯސްޓް ހާރބަޓް ޓެކްނޮލޮޖީއާއި، ނެވިގޭޝަން އަދި ކޮމިއުނިކޭޝަން ސްކިލްސް ކިޔާދެވޭނެ އެވެ.

ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ޙަމީދު ވިދާޅުވީ ޒުވާނުން ކުރިއަރުވާ ބާރުވެރިކުރުމަކީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގައި ވަރަށް ޚާއްސަ އަހައްމިއްޔަތުކަމެއް ދެވިފައިވާ ދާއިރާއެއް ކަމަށެވެ. އެގޮތުން މި މުހިންމު ޕްރޮގްރާމަށް އެއްބާރުލުން ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ މި ޕްރޮގްރާމްގެ ސަބަބުން ދެމެހެއްޓެނިވި އާދަކާދަތަކާއި ޓެކްނޮލޮޖީތަކަށް ކުދިން އަހުލުވެރިވުމުގެ އިތުރުން ކަނޑުގެ މާޙައުލަށް ހުރި ގޮންޖެހުންތައް ދެނެގަނެ މި ދާއިރާއިން ކުރިއަށް ދިއުމަށް ޒުވާނުން ބާރުވެރިކުރުވުން." ބިޝާރާ ޙަމީދު ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ މަސްވެރިންގެ ޖަމްޢިއްޔާގެ ސެކްރެޓަރީ ޖެނެރަލް އަބްދުالله ޝާކިރު މުހައްމަދު ވިދާޅުވީ ރާއްޖޭގެ ޒުވާން ޖީލު މަސްވެރިކަމުގެ ސިނާއަތަށް ބާރުވެރިކޮށް މި ދާއިރާ މުޅިން އައު ހަރުފަތަކަށް ގެންދިޔުމަށް ފެށުނު މި މުހިންމު ޕްރޮގްރާމަށް ދިރާގުން ދެއްވާ އެއްބާރުލުމާއި އެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

" މި ޕްރޮގްރާމަކީ މަސްވެރިކަމުގެ ދާއިރާ މިހާރަށްވުރެ ޕްރޮފެޝަނަލް، އިތުބާރުކުރެވޭ، އަދި ހީވާގި މަސައްކަތްތެރިން އުފައްދާ، ދިވެހި މަސްވެރިކަމުގެ ސިނާއަތް ކުރިއަށްދިޔުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅެއްކަން ޔަޤީން." އަބްދުالله ޝާކިރު މުހައްމަދު ވިދާޅުވި އެވެ.

ޔަންގް ފިޝަރސް ކްލަބްގެ ޙަރަކާތްތައް މުޅި ދިރާސީ އަހަރުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ޙަރަކާތްތަކުގެ ތެރޭގައި ފިޝަރީޒް ހާވެސްޓިންގ އާއި ޕޯސްޓް ހާރވެސްޓިންގ ދާއިރާއާއި ސަސްޓެއިނަބިލިޓީ ޕްރެކްޓިސްތަކާއި ގުޅޭ ޕްރޮގްރާމްގެ ތެރެއިން ދިރިއުޅުމުގެ ހުނަރުތަކާ ގުޅޭ މުހިންމު ދާއިރާތަކަށްވެސް އަލިއަޅުވާލާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް