ރައީސް އޮފީހުގެ މިނިސްޓަރު، އަހްމަދު ސަމީރު އާއި ގުޅުވައި ދިޔަރެސް ނޫހުގައި މިއަދު ލިޔެފައިވަނީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމުގައި ރައީސް އޮފީހުން ބުނެފިއެވެ.
މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ދޮގު ހަބަރެއް ކަމަށާއި ދޮގު ހަބަރު ފެތުރުމަކީ ނޫސްވެރިކަމެއް ނޫންކަމަށެވެ.
މިއުވާން މިކަން ދޮގުކޮށްފައިވާއިރު ރައީސް އޮފީހުގެ އިތުރު އިސް އޮފިޝަލަކު މިކަމުގައި ދުވަހަށް މައުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ މިނިސްޓަރު ސަމީރު އާންމު ގޮތެއްގައި 09:30ގެ ކުރިން އޮފީހަށް ވަޑައިގަންނަވާކަމަށާއި ވަރަށް ހެނދުނާ އޮފީހުގެ މަސައްކަތްތަކުގައި ބައިވެރިވެލައްވާކަމަށެވެ.
"އޮފީސް ގަޑީގައި ރަސްމީ ކަމެއްގައި މެނުވީ ވަރަށް އޮފީހުން ބޭރަށްވެސް ދުރު ނުވާނެ" ދުވަހަށް މައުލޫމާތު ހިއްސާކުރި އޮފިޝަލް ވިދާޅުވިއެވެ. އަދި މިއަދު ހެނދުނު 09:30ގައި ރައީސް އޮފީހުގައި މިނިސްޓަރު ސަމީރު އާއި ގުޅޭ މުހިންމު ބައްދަލުވުމެއް ކުރިއަށްދިޔައިރު އެ ބައްދަލުވުމުގައިވެސް ބައިވެރިވިކަން އޮފިޝަލް ފާހަގަކުރެއްވިއެވެ.
https://twitter.com/Miuvaan/status/1579791078907318272?t=Q7RP1bxCQjiy3eFxtPAetw&s=08
ރައީސް އޮފީހުގެ މިނިސްޓަރު ސަމީރަށް ރައީސް ސޯލިހް ވަނީ ވަރަށް މުހިންމު ހަ ކަމެއްގެ ޒިންމާ ހަވާލުކުރައްވާފައެވެ. އެއީ ރައީސް ސޯލިހް ހަވާލުކުރައްވާ ހާއްސަ މަސައްކަތްތާއި ޗީފް ސްކައުޓްގެ ހައިސިއްޔަތުން ރައީސް ސްކައުޓް އެސޯސިއޭޝަނާއި އެކު ކުރައްވާ މަސައްކަތްތަކުގައި އެހީތެރިވުމާއި ނައިބު ރައީސް ކުރައްވާ އިޖްތިމާއީ މަސައްކަތްތަކުގެ ތެރެއިން ނައިބު ރައީސް ހަވާލުކުރައްވާ މަސައްކަތްތައް ކުރެއްވުން އަދި ސޯޝަލް ކައުންސިލްގެ މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރައްވާ މަސައްކަތްތައް ކުރެއްވުން އަދި ސިވިލް ސާވިސްގެ ވިލަރެސް ކޮމިޓީގައި މަސައްކަތް ކުރުމުގެ އިތުރުން ހެލްތ ކޮމިޓީގެ މަސައްކަތްތައް ކުރުމެވެ.
މި ހުރިހާ ޒިންމާއެއްވެސް އަދާކުރުމުގައި މިނިސްޓަރު ސަމީރު ނަމޫނާ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ރައީސް އޮފީހުން ދުވަހަށް މައުލޫމާތު ހިއްސާކުރި ފަރާތުން ހާމަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް