އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ޕީޖީއާއި އޭސީސީން ސޮއިކޮށްފި

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނު...

11 Oct 2022 | 07:36

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު އެއްބަސްވެވިފައިވެއެވެ.

މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އެގޮތުން އޭސީސީން ތަޙުޤީޤުކުރާ މައްސަލަތައް މި އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މަޢުލޫމާތު ވަކި ހަމައަކުން އޭސީސީއާ ޙިއްޞާކުރަމުންދިއުން ހިމެނެއެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމުގެ ކަންކަން މިހާރުވެސް ކުރިއަށްދަނީ މި ދެ މުއައްސަސާ ގުޅިގެންނެވެ. އެގޮތުން ތަޙުޤީޤު ކުރިއަށްދާ މައްސަލަތަކުގައި މި އޮފީހުގައި ޤާއިމުކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމުގެ ތެރެއިން މިހާރުވެސް މިގެންދަނީ ތަޙުޤީޤަށް ބޭނުންވާ ލަފައާއި އިރުޝާރު ދެމުންނެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ މިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމަށް މަގުފަހިކުރުމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމާއި، އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް