އިދިކޮޅު ކޯލިޝަނުން އިއްޔެ ބޭއްވި މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުން ކުރި މައްސަލައިގަ ހުށަހެޅި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އިއްޔެ މަސްމަރުކޭޓު ކައިރީގައި އިދިކޮޅުން މުޒާހަރާ ކުރީ މިސަރުކާރުން މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދައިދޭ ކަމަށް ބުނެ އެވެ. އެ މުޒާހަރާއިން އަންހެނުން ހިމެނޭ ގޮތަށް10 މީހަކު ހައްޔަރު ކުރި އެވެ.
މި މައްސަލައިގަ މަޖިލީހަށް ކުއްލި މައްސަ؛ލަ ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އެ މައްސަލައިގަ ވިދާޅުވީ މަސްވެރިންގެ ހައްގުގައި އިދިކޮޅު ޕާޓީތަކުން އަޑު އުފުލުމުން، ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްގެން މީހުން ހައްޔަރު ކުރީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގަށް ހުރަސް އެޅުމަށް ކަމަށެވެ.
ފުލުހުން އެ ގޮތަށް އަމަލުކުރީ އިދިކޮޅު ޕާޓީތަކުން ހިންގާ ހަރަކާތަކަށް ވާތީ، ސީދާ ސަރުކާރުން އަންގައިގެން ކަމަށް ވެސް ކުއްލި މައްސަލައިގައި ވެ އެވެ.
ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އަޅައި، އަންހެނުންގެ ކަރާމާތަށް އަރައިގަތް މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަން ކުއްލި މައްސަލައިގައި ގޮވައިލި އެވެ.
މި މައްސަލަ މަޖިލީހުން ބޭރުކޮށްލީ މައްސަލަ އާއި ދެކޮޅަށް 23 މެމްބަރުން ވޯޓު ދެއްވުމުންނެވެ. އެ ކަމަށް ބަހުސް ކުރުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ އިދިކޮޅުގެ އަށް މެމްބަރުން އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް