ހދ. ކުޅުދުއްފުށީ ސިޓީގެ ފަހުރު ކަމަށްވާ ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ހަނދާނީ ބިނާއެއް އެ ސިޓީގައި ބަހައްޓަން ނިންމައިފި އެވެ.
ކޯޕްރަލް ހުސައިން އާދަމް ޝަހީދު ވީ1988 ވަނަ އަހަރުގެ ނޮވެމްބަރު ތިންވަނަ ދުވަހު ރާއްޖެއަށް ތަމަޅަ ޓައިގަރުން ދިން އުދުވާނީ ހަމަލާތަކުން ގައުމު ދިފާއު ކުރުމަށް ހަމަލާ ބަދަލު ކުރަމުން ދަނިކޮށެވެ. ޝަހީދުވި އިރު އޭނާ ހުރީ ސިފައިންގެ މައި އިދާރާ ބަންޑާރަ ކޮށީގެ ގޭޓު ސެކިއުރިޓި ބަލަހައްޓާށެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހެދުމަށްޓަކައި، ބިނާ ފަރުމާކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލާ ކަމަށެވެ. މި ބިނާގައި ކައުންސިލުން ކަނޑައަޅާ ޝަރުތުތަކެއް ހުންނަން ޖެހެ އެވެ.
އެގޮތުން ބިނާ ހުންނަންވާނީ ހުސައިން އާދަމްގެ ޖިހާދު ރަމްޒުކޮށްދޭ ފަރުމާއަކަށެވެ. ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިންލިބޭ ދިގު މުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށް ކަމަށް އިއުލާނުގައި ވެއެވެ.
ފަރުމާ ވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށް ކަމަށް ވެސް އިއުލާނުގައި ވެއެވެ.
މި ބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރަށުގެ އާންމު ސަރަހައްދެއްގައި ކަމަށް ކައުންސިލްގެ އިއުލާނުގައި ވެއެވެ. ސިޓީ ކައުންސިލުން ބުނީ އެންމެ ރަނގަޅު ފަރުމާއެއް ހުށަހަޅާ ފަރާތަކަށް5،000 ރުފިޔާ އިނާމުގެ ގޮތުގައި ލިބޭނެ ކަމަށެވެ.
ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00 އެވެ. ބިނާ ފަރުމާ ކުރުމަށްފަހު، ސޮފްޓްކޮޕީތައް (ކޮރަލްޑްރޯ ، އޮޓޯކެޑް ނުވަތަ ސްކެޗަޕް) ކައުންސިލަށް މެއިލް ކޮއްދެއްވުމަށް ކައުންސިލުން އެދެއެވެ. ކުޅުދުއްފުށީ ކައުންސިލްގެ އީމެއިލް އެޑްރެހަކީ [email protected] އެވެ.
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހަދަން ކުޅުދުއްފުށީ ކައުންސިލުން ނިންމުމުން މިއީ ރާއްޖެ މިނިވަން ކޮށްދިނުމަށް މަސައްކަތް ކުރެއްވި ބަޠަލެއްގެ މިފަދަ ބިނާއެއް ރާއްޖޭގެ ރަށެއްގައި ހަދާ ފުރަތަމަ ފަހަރަށް ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް