ތެލުގެ ފައިސާ ނުދީގެން ނެކްޓަން މިޝަންގައި ބޭނުން ކުރި މައި އުޅަނދު ފުރުން މަނާކޮށްފި

ރާއްޖޭގެ ކަނޑުގެ ދިރާސާ ހެދުމަށް ނެކްޓަން މިޝަންގައި ބޭނުން ކުރަމުންދާ މައި އުޅަނދު "އޮޑިސީ" އަށް ވެރި ފަރާތުން ގަތް ތެލުގެ ފައިސާ ނުދީގެން އެ އުޅަނދު ފުރުން މަނާކޮށްފި އެވެ. މި މައްސަލަ ސިވިލް ކޯޓަށް...

10 Oct 2022 | 19:24

ރާއްޖޭގެ ކަނޑުގެ ދިރާސާ ހެދުމަށް ނެކްޓަން މިޝަންގައި ބޭނުން ކުރަމުންދާ މައި އުޅަނދު "އޮޑިސީ" އަށް ވެރި ފަރާތުން ގަތް ތެލުގެ ފައިސާ ނުދީގެން އެ އުޅަނދު ފުރުން މަނާކޮށްފި އެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އެ އުޅަނދުގެ ވެރި ފަރާތް ކަމަށްވާ އޯޝަން ކޮންސަވޭޝަން އެކްސްޕްލޮރޭޝަން އެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް) އަށް ޑީސަލް ވިއްކި ހޯކްސް ކުންފުނިންނެވެ. އެ ކުންފުނިން މައްސަލަ ސިވިލް ކޯޓަށް ވެއްދީ އޯސީއީއީއެފުގެ ރާއްޖޭގެ އެޖެންޓްގެ ހައިސިއްޔަތުން އަލްފާ + މައިކް ސާވިސަސް އާއި ދެކޮޅަށެވެ.

އެ މައްސަލައިގަ ހޯކްސް އިން ބުނީ މައްސަލަ ކޯޓަށް ވެއްދީ އެ ފައިސާ އެއް ފަހަރާ ހޯދުމަށް އެދި އެތައް ފަހަރަކު ހުށަހަޅައިގެން ވެސް ފައިސާ ދައްކާފައިނުވާތީ އެވެ.

ހޯކްސްއިން އޯސީއީއީއެފްއަށް ވިއްކާފައިވަނީ 105،000 ލީޓަރުގެ ޑީސަލެވެ. އެ ވަރަށް ޑީސަލް ލިބުނުކަން މިދިޔަ ސެޕްޓެމްބަރު ހަތަރު ވަނަ ދުވަހު އޯސީއީއީއެފްގެ ޗީފް އިންޖީނިއަރު ސޮއި އަންގާފައިވާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލައިގަ ބުނެފައިވެ އެވެ.

އެ ޑީސަލްގެ އަގަކީ 186،000 ޑޮލަރެވެ. ހޯކްސްއިން ބުނީ އެއްބަސްވުމުގައި ވާ ގޮތުން މިދިޔަ މަހުގެ30 ގެ ކުރިން އެ ފައިސާ ދައްކަން ޖެހޭނެ އެވެ. އެކަމަކު އޭގެ ފަހުންވެސް ތަކުރާރުކޮށް އެންގުމުންވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ބުންޏެވެ.

ކޯޓަށް ހުށަހެޅި މައްސަލައިގަ ހޯކްސްއިން ބުނީ އޯސީއީއީއެފަކީ ރާއްޖެއިން ބޭރުގައި ރަޖިސްޓްރީ އޮންނަ އަދި ބޭރުގައި ވިޔަފާރިކުރަމުން އަންނަ ކުންފުންޏަކަށްވުމުން، ހޯކްސް އިން ފޯރުކޮށްދިން ހިދުމަތަށް ދައްކަންޖެހޭ ފައިސާ ހޯދޭނެ މަގު ގެއްލިފައިވާ ކަމަށެވެ. އެހެންވެ މިވަގުތު އެ ބޯޓު ރާއްޖޭގެ ބޯޑަރުގެ ތެރޭގައި އޮތުމުން، ފައިސާ ދައްކަންދެން ނުވަތަ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ބޯޓު އޮތް ހިސާބުގައި ހިފަހައްޓައިދޭން ވަނީ އެދިފަ އެވެ.

އެހެންވެ، އެކަމުގައި ޝަރީއަތުން ގޮތެއް ކަނޑައަޅަންދެން އޯސީއީއީއެފްގެ ނަން މަތީގައި ރަޖިސްޓްރީކޮށްފައިވާ އެ ބޯޓު ރާއްޖެއިން ފުރައިގެން ދާން އުޅެފިނަމަ، އެކަން ހުއްޓުވަން ކަމާ ބެހޭ އިދާރާތަކުގެ މައްޗަށް އަންގައި ވަނީ އަމުރު ނެރެފަ އެވެ.

މި މައްސަލައިގަ ނެކްޓަންއިން ނެރުނު ބަޔާނުގައި ބުނީ އެ ބޯޓަށް އެޅި ތެލަށްވާ ފައިސާ ނުދެއްކި ލަސްވެފައިވާ ކަމަށާއި އެކަމަކު އެއީ ނެކްޓަން ރައްދުވާ އަދި ނެކްޓަން އިން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށެވެ. ނެކްޓަން އިން ޗާޓަރުކުރި މުއްދަތު މި މަހު ހަތެއް ގައި ހަމަވެފައިވާ ކަމަށާއި އެ މުއްދަތަށްވާ ފައިސާ ދައްކާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

"ނެކްޓަން މޯލްޑިވްސް މިޝަން" ކުރިޔަށް ގެންދިޔައީ މިދިޔަ މަހުގެ 13 ން މިމަހުގެ ފަސް ވަނަ ދުވަހުގެ ނިޔަލަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް